logo

ރަޖާނީގެ ބަޔާނުން ވެސް އޭނާ ގަވާއިދާ ޚިލާފު އެތައް ކަމެއް ކުރިކަން އެނގޭ: މިނިސްޓަރ އިހުސާން

profile

ޝުރުފާ މުހަންމަދު - 30 އޯގަސްޓު 2024 - 17:05

ދާހިލީ ވަޒީރު އަލީ އިހުސާން

ދާހިލީ ވަޒީރު އަލީ އިހުސާން

ރާއްޖޭގެ ސެލޫނެއްގައި އުޅެނިކޮށް ޑީޕޯޓްކޮށްލި ރަޖާނީ ޝްރެސްތާގެ ބަޔާނުން ވެސް، އޭނާ ގަވާއިދާ ޚިލާފަށް ކޮށްފައިވާ ގިނަ ކަންތައްތަކެއް އެނގެން އެބައޮތް ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރަޖާނީ ޝްެރެޝްތާ، އާންމު ނަމުން ނަމަ ރިޒް އަކީ ރާއްޖޭގައި ދިރިއުޅޭތާ 6 އަހަރު ވެފައިވާ ނޭޕާލީ ރައްޔިތެކެވެ. އޭނާ ރާއްޖޭގައި ދިރިއުޅުމުގެ ތެރެއިން އިސްލާމްދީނަށް ވަދެ، ނަން ބަދަލުކޮށް އެކަން ވެސް އޭނާގެ ސޯޝަލް މީޑިއާގައި އާންމުކޮށް ހިއްސާކޮށްފައިވެ އެވެ.

ރާއްޖޭގައި ސެލޫނެއްގައި މަސައްކަތްކުރަމުން އައި ރިޒް، މިދިޔަ ހަފްތާ ތެރޭގައި ޑީޕޯޓްކޮށްލީ ގަވާއިދާ ޚިލާފަށް ވިިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި، އޭނާ އާއި އެކު އެ ސެލޫނުގައި މަސައްކަތްކުރި 4 މުވައްޒަފަކު ވެސް ޑީޕޯޓުކޮށްފައިވެ އެވެ.

މިކަމާ ގުޅޭގޮތުން ހޯމް މިނިސްޓަރ ވިދާޅުވީ، އޭނާ ޑީޕޯޓްކޮށްލީ ވިސާ ވަޔޮލޭޝަންގެ ސަބަބުން ކަމަށެވެ. އޭގެ ތެރެއިން މައިގަނޑު މައްސަލައެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ އޭނާ މަސައްކަތްކުރި ސެލޫނުން ޚިދުމަތް ހޯދުމަށް ފަހު ފައިސާ ފޮނުވަން ދީފައިވާ އެކައުންޓަކީ، އެ ސެލޫނުގެ ވެރިފަރާތް ނޫން މީހެއް ކަމާއި، އެމީހާ އަކީ ރިޒް އާއި ސީދާ ގޮތުން ގުޅުން އޮތް އެހެން ބިދޭސީއެއް ކަމެވެ.

"ވިސާ ވައޔޮލޭޝަނެއް ވިއްޔާ އަޅުގަނޑުމެން ނުބަލަން ކިހާ ވަރެއްގެ ކަމެއްތޯއެއް. ވިސާގައި އިންނާނެ އެމީހާ އަށް ދީފައި އިންނަ ކަންކަން، އޭނާ އަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމާ. އޭގެ ތެރެެއިން މިވެނި ކަމެއް މިހާރު އެބަ ކުރެޔޭ. އެހިސާބުން ވިސާ ވަޔޮލޭޓްވީ ކަމަށް ނިންމޭނެ." މިނިސްޓަރ ވިދާޅުވި އެވެ.

ރިޒް ގެ މައްސަލާގައި މައިގަނޑު ކަމަކަށް މިނިސްޓަރ ދެއްކެވީ، އޭނާ މަސައްކަތްކުރި ސެލޫނުން ޚިދުމަތް ހޯދުމަށް ފަހު ފައިސާ ޖަމާކުރަން އިން އެކައުންޓު ނަމްބަރެވެ. އެގޮތުން އެ އެކައުންޓު ނަމްބަރަކީ، އެ ވިޔަފާރީގެ ވެރިފަރާތާާ ނުވަތަ ވިޔަފާރިއާ ގުޅުން ހުރި ނަމްބަރެއް ނޫން ކަމަށާއި، އެއީ ރިޒް އާ ސީދާގޮތުން ގުޅުންހުރި މީހެއްގެ ނަމްބަރެއް ކަމަށް ވިދާޅުވި އެވެ. އެހިސާބުން ވެސް އެއީ އޭނާ ހިންގަމުން އަންނަ ވިޔަފާރިއެއް ކަމަށް ބެލުމުގެ ފުރުސަތު އޮންނާނެ ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ މައްސަލަތަކުގައި މިނިސްޓްރީ އިން އެއްވެސް މީހަކާ މެދު ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ. އެއްވެސް ހާލަތެއްގައި ބިދޭސީއެއްގެ އެކައުންޓަށް ވިޔަފާރީގެ ފައިސާ ޖަމާކުރުމަކީ ގާނޫނާއި ގަވާއިދުތަކުން ހުއްދަކުރާ ކަމެއް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އިންސްޕެކްޝަނަށް އިމިގްރޭޝަނުން ދާއިރު ބަލަނީ މައިގަނޑު ތިން ކަމަކަށް ކަމަށެވެ.

އޭގެ ތެރެއިން އެއް ކަމަކީ އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކަމެއް ކުރުމާއި، ވިސާ ވަޔޮލޭޝަން އަދި ގަވާއިދާ ޚިލާފު ވިޔަފާރިއެއް ކުރޭތޯ ބަލާ ބެލުން ކަމަށެވެ. އެހެންކަމުން އިމިގްރޭޝަނުން ފާސްކުރަން ދާއިރު އެފަދަ އެއްވެސް ކަމެއް ފާހަގަވާ ނަމަ، އެއްވެސް ތަފާތުކުރުމެއް ނެތި ގާނޫނު ތަންފީޒުކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ޑީޕޯޓުކޮށްލި ރިޒްގެ މައްސަލާގައި ރާއްޖޭގައި އުޅޭ އޭނާ ދަންނަ މީހުން ތުހުމަތުކުރަނީ، އޭނާ ޑީޕޯޓުކޮށްލާފައި ވަނީ ބަޔަކު ރާވައިގެން ބޭއިންސާފުން ހިންގި ޖަރީމާއެއްގެ ތެރެއިން ކަމަށެވެ. އަދި އެކަމުގެ ތެރޭގައި އޭނާގެ އިންސާނީ ހައްގުތަކުން ެސް މަހުރޫމްކޮށްފައިވާކަމަށް ތުހުމަތުކުރޭ. އެކަމަކު މިނިސްޓަރ އިހުސާން ވަނީ އެފަދަ އެއްވެސް ކަމެއް މި އިންސްޕެކްޝަންތަކުގެ ތެރެއިން ނުހިނގާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފަ އެވެ.

tel:+9607331319