logo

އިމިގްރޭޝަން ވޮޗަށް 626 މައްސަލަ، 3,000 އަށް ވުރެ ގިނަ ބިދޭސީން ފުރުވާލައިފި

profile

އާމިނަތު ޝަފާ - 11 ސެޕްޓެމްބަރު 2024 - 19:15

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަނުގެ ތެރެއިން/ ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަނުގެ ތެރެއިން/ ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަންގެ ވޮޗްއަށް މިހާތަނަށް 626 މައްސަލަ ހުށަހާފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އަސްލު ޓީވީ އަށް އިމިގްރޭޝަނުން ދިން މައުލޫމާތުގައި ވާގޮތުން އިއްޔެ ނިޔަލަށް އިމިގްރޭޝަން ވޮޗްއަށް ހުށައަޅާފައިވާ ރިޕޯޓުގެ އަދަދަކީ 626 އެވެ. އިމިގްރޭޝަނުން ބަލަމުންދާ މައްސަލަތަކުގެ އަދަދަކީ 496 އެވެ.

މީގެ ތެރެއިން ވެރިފައި ކުރަމުންދާ މައްސަލަތަކުގެ އަދަދު 105 އަށް އަރާއިރު، އެ އިދާރާއާއި ނުގުޅޭ މައްސަލަތަކާ ގުޅޭގޮތުން 25 ރިޕޯޓު ލިބިފައިވާ ކަމަށެވެ.

މިއާއެކު ސަރުކާރު ވެރިކަމާ ހަވާލުވީންސުރެ މިހާތަނަށް 266 ތަނެއް ރެއިޑްކޮށް 3،542 ބިދޭސިއަކު ވަނީ ފުރުވާލާފައެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ހުޅުވާލި މި ޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެއެވެ. ނޫނީ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވިދާނެއެވެ.

މީގެއިތުރުން އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް" ކޮށްވެސް 24 ގަޑިއިރު ރިޕޯޓް ކުރުމުގެ ފުރުސަތު އޮންނައިރު، މައުލޫމާތާ ފޮޓޯވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

އިމިގްރޭޝަނުން ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރުއަދާކޮށްފައެވެ. އަދި އެއިދާރާއަށް ރިޕޯޓް ކުރުމަށް ކަނޑައެޅިފައިވާ އިމިގްރޭޝަން ވޮޗް ނިޒާމުގެ ތެރެއިން ޤަވާދައިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަތައް ރިޕޯޓް ކުރަމުން ދިއުމަށް ވަނީ އެދިފައެވެ.

tel:+9607331319