logo

ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީ 5 މިލިއަނުން 3 މިލިއަނަށް ކުޑަކޮށްފި

profile

އާމިނަތު ޝަފާ - 23 އޯގަސްޓު 2024 - 19:15

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު

ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީ 5 މިލިއަނުން 3 މިލިއަނަށް ކުޑަކޮށްފައިވާކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއާޒު މިފަދައިން ވިދާޅުވީ ކުރީގެ މިނިސްޓަރ އަދި މިހާރު ޕީއެންއެފް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މަލީހު ޖަމާލުކުރެއްވި ޕޯސްޓަކަށް ރައްދުދެއްވައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހުވަނީ ކުންފުނީގެ އިންޓާނަލް މެމޯއެއް ހިއްސާކޮށް 3 މިލިއަން ރުފިޔާއާއި ހަމަޔަށް ހަރަދު ކުރާއިރު ޑިރެކްޓަރުންގެ ބޯޑަށް އެނގުންނުވާނެ ގޮތް ހަދާފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިކަން ނުހުއްޓުވާ ލޯމަރާލައިގެން ހުރެފިނަމަ މިއާ ގުޅިގެން ހިންގާ ވައްކަމުގެ ބައިވެރިއަކަށް އެމަނިކުފާނު ނުވާނެތޯ ސުވާލު އުފައްދާފައެވެ.

ފެނަކަ އެމްޑީ މުއާޒުވަނީ ކަންހިނގާފައިވާގޮތް ތަފްސީލުކޮށް މަލީހަށް ވިދާޅުވެދެއްވާފައެވެ. މުއާޒު ވިދާޅުވީ މަލީހުގެ އެމްޑީޕީ ސަރުކާރުގައި ފެނަކަ އެމްޑީއަކަށް ޕްރޮކިއުމަންޓް ޕޮލިސީއިން 5 މިލިއަނާއި ހަމައަށް ބޯޑަށް އެންގުމަކާ ނުލައި ހަރަދުކުރެވޭ ކަމަށާއި މިހާރު މި ސަރުކާރުންވަނީ އެ އަދަދު 3 މިލިއަނަށް ކުޑަކޮށްފައިކަމަށެވެ.

ފެނަކަ ކުންފުނީގެ "ހަރަދު ބޮޑު" ޕްރޮކިއުމަންޓް ޕޮލިސީ މުރާޖައާކުރުމަށް ފެނަކައިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕްރޮކިއުމަންޓް ޕޮލިސީގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން 1.7 ބިލިއަން ރުފިޔާގެ ވިޔަފާރި ކުރީ ސަރުކާރުން ކުންފުނި ބޭނުންކޮށްގެން ކޮށްފައިވާކަމަށް ފެނަކައިގެ އައު މެނޭޖުމަންޓުން ބުނެއެވެ.

އިމަޖެންސީ ޕްރޮކިއަގެ ގޮތުގައި އިންޖީނުތަކާއި، ކޭބަލްތަކާއި، ޖަނަރޭޓަރުތަކުގެ އިތުރުންވެސް ގިނަ ސާމާނުތައް ޕްރޮކިއަ ކޮށްފައިވާ ކަމަށާއި ބޭނުން ފަރާތަކަށް، ބޭނުން އަގެއްގައި މަސައްކަތްތައް ހަވާލުކޮށް ތަކެތި ގަތުމަށް ޓަކައި އެ ކަންކަން ވެސް ކޮށްފައިވާކަމަށް ކުންފުނިން މައުލޫމާތުދެއެވެ.

މިކަންކަމާ ގުޅިގެން މުޅި ކުންފުނި މިދިޔަ ފަސް އަހަރު ހިނގި ގޮތުގެ އޮޑިޓެއް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

tel:+9607331319