logo

ތިނަދޫއަށް ފެން ޕްލާންޓެއް ހޯދީ އުސޫލުގެ ތެރެއިން: ފެނަކަ

profile

އާމިނަތު ޝަފާ - 14 ސެޕްޓެމްބަރު 2024 - 10:55

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު

ތިނަދޫ ސިޓީއަށް ފެން ޕްލާންޓެއް ހޯދީ އުސޫލުގެ ތެރެއިންކަމަށް ފެނަކައިން ބުނެފިއެވެ.

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ތިނަދޫއަށް ފެން ޕްލާންޓެއް ހޯދި ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތަކާއި ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ އައު މެނޭޖުމަންޓު ހަވާލުވީއިރު ކުންފުނިން ދެމުންގެންދާ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށެވެ. އަދި ވޭތުވެދިޔަ ދެތިން މަސްދުވަހު ތިނަދޫއަށް ބޭނުންވާވަރަށް ފެން ފޯރުކޮށް ނުދެވޭތީ އަމިއްލަ ފަރާތަކުން ފެން ހޯދަންޖެހިފައިވާކަން ފެނަކައިން ވަނީ ފާހަގަކޮށްފައެވެ.

ފެނަކައިން ބުނީ މައްސަލަ ހައްލު ކުރުމަށް އައު ފެން ޕްލާންޓެއް ހޯދުމަށް އެމްޑަބްލިއުއެސްސީއަށާއި ސްޓެލްކޯއަށް އެ ކުންފުނީގެ ފަރާތުން ހުށަހެޅިކަމަށެވެ. ނަމަވެސް މި މަސައްކަތަށް އެމްޑަބްލިއުއެސްްސީން 5 ހަފްތާ ހޭދަވާނެ ކަމަށް ބުނިއިރު ސްޓެލްކޯއިން 180 ދުވަސް ހޭދަވާނެ ކަމަށް އަންގާފައިވާކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ ވެންޑަރުންގެ ތެރެއިން އެ ހިދުމަތް ދޭ އަމިއްލަ ހުރިހާ ކުންފުނިތަކަށް ރިކުއެސްޓް ފޯ ކުއޯޓް ކުރިނަމަވެސް އެކަމަށް އެދި ކޯޓޭޝަން ހުށައެޅީ އެންމެ ފަރާތަކުންކަމަށްވީއިރު އެފަރާތާއެކު އެއްބަސްވުމެއް ގާއިމު ކުރުމުގެ ކުރިން ހުށައަޅާފައިވާ އަގާއި މެދު މަޝްވަރާކޮށް އަގު ކުޑަކުރެވިފައިވާ ކަމަށް ފެނަކައިގެ ބަޔާނުގައި ބުންޏެވެ.

އެހެންކަމުން ފެން ޕްލާންޓް ހޯދުމުގައި އަމަލުކޮށްފައިވާނީ ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަކުގެ ތެރެއިން ކަނޑައެޅިފައިވާ އިޖުރާއަތްތައް ފުރިހަމަކޮށްފައިކަމަށާއި ފެން ޕްލާންޓް އިންސްޓޯލް ކުރެވޭނީ އޭގައި ހިމެނެން ޖެހޭ ހުރިހާ ބައިތަކެއް ފުރިހަމަ ވެގެން ކަމުގައި ފެނަކައުން ބުނެއެވެ.

އައު ފެން ޕްލާންޓް އިންސްޓޯލް ކުރެވުމުން ތިނަދޫގައި 600 ޓަނުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

ކުންފުނިންވަނީ މިފަދަ އަސްލެއް ނެތް ދޮގު ހަބަރު ފަތުރަނީ ވަކި ބަޔަކު އަޑީގައި ތިބެގެން ކުންފުނީގެ އަގު ވައްޓާލަން ކަމަށް ތުހުމަތުކޮށްފައެވެ.

tel:+9607331319