logo

އެސްޓީއޯއިން ދިނީ ދަރަނީގައި އޮތް ފެނަކަ ކޮޅަށް ޖެހޭނެކަމުގެ ޔަގީންކަން

profile

ޒިދާން މުޙައްމަދު - 28 އޯގަސްޓު 2024 - 17:41

"ދަރަނި ދަންތުރައެއްގައި" ޖެހިފައިވާ ފެނާއި ކަރަންޓުގެ ޚިދުމަތްދޭ ކުންފުނި 'ފެނަކަ' އަކީ ފައިދާ ބޮޑު ކުންފުންޏަކަށް ހަދައި އެ ކުންފުނި ކޮޅަށްޖަހާނެކަމުގެ ޔަގީންކަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އިން ދީފިއެވެ.

"ރައްޔިތުންގެ ކުންފުނި" އެސްޓީއޯއިން މިފަދަ ޔަގީންކަމެއް ދީފައިމިވަނީ ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ހިއްސާއެއް، އެސްޓީއޯއިން ގަނެ މިއަހަރުގެ ނިޔަލަށް އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، އެކަމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައޫލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.

އެސްޓީއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް ވިދާޅުވީ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސުމުން، ފެނަކައިގެ މާލީ ހާލަތު ރަނގަޅުކޮށް، ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށެވެ.

ޝިމާދު ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު ފެނަކަ ގަތުމަށް ފިނޭންސް މިނިސްޓްރީއަށް ޕްރޮޕޯސަލެއް އެސްޓީއޯއިން ހުށަހެޅުމުން ސަރުކާރުން މިހަފުތާގައި އެ ޕްރޮޕޯސަލް ގަބޫލުކޮށްފައިވާ ކަމަށެވެ.

އަދި އަންނަ ޖެނުއަރީ މަހުން ފެށިގެން އެސްޓީއޯގެ ދަށުން ފެނަކަ ހިންގަން ފެށުމުން ފެނަކައިގެ މާލީ ހާލަތު ރަނގަޅުކޮށް، ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ވަރަށް ބޮޑަށް ފަސޭހަވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝިމާދު ވިދާޅުވީ، އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނި ކަމަށްވާތީ ފެނަކައިން ކަރަންޓު އުފެއްދުމަށް ބޭނުންވާ ޑީސަލް ފޯރުކޮށްދެނީ އެ ކުންފުނިން ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް އެބަ ފެނޭ ފެނަކަ އާއި އެސްޓީއޯ ގުޅިގެން ވަރަށް ބޮޑު ސިނާޖީއެއް. މުސްތަގްބަލުގައި އަޅުގަނޑުމެން ރާވާފައިވަނީ ޑީސަލްގެ ބަދަލުގައި ވަކި ޕްލޭނެއްގެ ދަށުން ރިނުވަބަލް އެނާޖީއަށް ދާން،"

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުނީގެ ހިންގުމާ ހަވާލުވެ ވަޑައިގެންނެވިއިރު، އެ ކުއާޓަރުގައި ލިބުނު ގެއްލުމުގެ އަދަދު ހުރީ 24.7 މިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް މި އަހަރުގެ ދެވަނަ ކުއާޓަރު ނިންމާލީ 7.4 މިލިއަން ރުފިޔާގެ ފައިދާއެއްގައި ކަމަށް, ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އޭނާ ވަނީ އަމާޒަކީ މިއަހަރު ނިމޭއިރު 25 މިލިއަން ރުފިޔާގެ ފައިދާއެއް ފެނަކައިން ހޯދުން ކަމަށް މީގެކުރިން ވިދާޅުވެފައެވެ.

އެސްޓީއޯގެ ދަށަށް ގެނަކަ ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކުގައެވެ. ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މާލީ ވުޒާރާއިން ވަނީ މިކަމާ ގުޅޭ ކަރުދާހެއް ހުށަހަޅުއްވައި މަޝްވަރާ ކުރައްވާފައެވެ.

ސަރުކާރުން ބުނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އެ ނިންމެވުން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ރާއްޖޭގެ ޔުޓިލިޓީ ސެކްޓަރ ހަރުދަނާ ކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއެކު ފެނަކައިގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށް ކަމަށެވެ.

މި ބަދަލު ގެނައުމަށްޓަކައި، އެސްޓީއޯގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އެސް.ޓީ.އޯ ގްރޫޕްގައި ޢަމަލުކުރަމުން އަންނަ ގޮތަށް ގަވަރނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެ ކުންފުންޏަށް ދިނުމާއެކު ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިން ކުރުމާއި، ރަނގަޅު އުސޫލުތައް ތަންފީޒް ކުރުންފަދަ ކަންކަމުގެ އިޚްތިޔާރު އެ ކުންފުންޏަށް ދިނުމަށްވެސް ރައީސް ޑރ. މުއިއްޒު ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރުވެސް އެސް.ޓީ.އޯއަށް ދިނުމަށާއި، އެކަން ކުރާއިރު ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް، ވީވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް މުވައްޒަފުން ބަދަލުކުރެވޭނެ ގޮތްތަކެއް ބެލުން ހިމެނޭކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

މީގެ އިތުރުން މި މަރުހަލާ ކުރިއަށް ގެންދިއުމަށް މާލީ ވުޒާރާއާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސްޓީއޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފެއްދުމަށާއި، މި ބަދަލާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށާއި، މި ބަދަލު ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންގޮސް، މި އަހަރުގެ ނިޔަލަށް، އެސް.ޓީ.އޯ. ގެ ސައްތައިންސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރެއްވުމުގެ މަސައްކަތްތައް ނިންމުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

ފެނަކައިގެ އިންޓަރިމް ބޯޑުގައި ހިމެނޭނީ ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އާއި އެންވަޔަރުމަންޓް މިނިސްޓްރީން ކަނޑައަޅާ ބޭފުޅުންނެވެ. އަދި ފެނަކަ އެސްޓީއޯގެ ދަށަށް އެއްކޮށް ބަދަލުވުމުން އެކުންފުނީގެ ބޯޑު އެކުލަވައިލާނީ އެސްޓީއޯގެ ގަވަނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން އައްޔަނުކުރާ އުސޫލުގެ ދަށުންނެވެ.

tel:+9607331319