logo

އުފެއްދުންތެރިކަމުގެ މައުރަޒުގައި ވާދަކުރުމަށް ހުޅުވާލާ ބައިގެ އުޞޫލު އާންމު ކޮށްފި

profile

އާމިނަތު ޝަފާ - 07 ސެޕްޓެމްބަރު 2024 - 12:50

އުފެއްދުންތެރިކަމުގެ މައުރަޒުގައި ވާދަކުރުމަށް ހުޅުވާލާ ބައިގެ އުޞޫލު މިހާރުވަނީ އާންމު ކޮށްފައި

އުފެއްދުންތެރިކަމުގެ މައުރަޒުގައި ވާދަކުރުމަށް ހުޅުވާލާ ބައިގެ އުޞޫލު މިހާރުވަނީ އާންމު ކޮށްފައި

އިގްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ގުޅިގެން އިންތިޒާމުކޮށްގެން އަންނަ އަހަރުގެ މެއިމަހުގެ 23 އިން 31 އަށް ހުޅުމާލޭގައި ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" (މޯލްޑިވްސް އެކްސްޕޯ 2025) ގައި ވާދަކުރުމަށް ހުޅުވާލާބައިގެ އުޞޫލު އާންމުކޮށްފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ގެޒެޓް ކޮށްފައިވާ މިއުޞޫލުގައިވާގޮތުން ވާދަކުރުމުގެ ބައިގައި އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި ވިޔަފާރިތަކާއި، ރަށްތަކާއި، ސިޓީތަކާއި، ތަޢުލީމުދޭ މަރުކަޒުތަކާއި އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.

މައުރަޒުގެ ބައިތަކަށް އިންސާފުކުރުމުގައިވެސް އެމިނިސްޓްރީން ޢަމަލުކުރާނެ ގޮތުގެ މިއުޞޫލު، 18 އޯގަސްޓް 2024 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެރެޓް ގައި ވަނީ ސާއިއުކުރައްވާފައެވެ.

މިއުސޫލަށް ބަލާލާއިރު މަޢުރަޒު ބޭއްވުމުގެ މަޤްޞަދާއި މަޢުރަޒުގެ ވާދަކުރުމުގެ ބައި ކުރިއަށް ގެންދިއުމުގައި ޢަމާލުކުރާނެ ގޮތްތަކާއި، މަޢުރަޒުގައި ދެވޭނެ ވަނަތަކުގެ ތަފްސީލު ބަޔާންރައްވާފައި ވެއެވެ.

މީގެ އިތުރުން އިންސާފުކުރުމުގައި ބަލާނެ އާންމު ބައިތަކާއި މައުރަޒުގެ ގިންތިތައް އަދި 2025 ވަނަ އަހަރު ބޭއްވޭ މަޢުރަޒުގެ 15 މައިގަނޑުބައިގެ 81 ގިންތީގެ މަޢުލޫމާތުތައް މައުރަޒު އުޞޫލުގެ ޖަދުވަލު 1 ގައި ވަރަށް ތަފްސީލުކޮށް ބަޔާންކުރައްވާފައި ވެއެވެ.

މައުރަޒުގައި ބައިވެރިވެވޭ 81 ގިންތީގެ މައިގަނޑު ބައިތައް 15 ބަޔަކަށް ބައްސަވާލައްވާފައި ވާއިރު އޭގެ ތެރޭގައި އަތްތެރި މަސައްކަތް، ދަނޑުވެރިކަން، މަސްވެރިކަން، ދަތުރުފަތުރު، އިމާރާތްކުރުން، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، އުފެއްދުންތެރި ކުރެހުމާއި ފަރުމާކުރުން (ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން) ފެޝަން އެންޑް ޑިޒައިން، ޖުވެލަރީ އެންޑް އެކްސަސަރީޒް، ހަކަތަ (އެނަރޖީ)، ކާބޯތަކެތި، މެޝިނަރީ އެންޑް އިކްއިޕްމަންޓްސް، ލަކުޑީގެ އުފެއްދުންތައް، ބަހުގެ އުފެއްދުންތައް، އަދި އެހެނިހެން މައިގަނޑުބައި ހިމެނެއެވެ.

މިދެންނެވި ކޮންމެ މައިގަނޑުބައެއްގައި އެތައް ގިންތިއެއް ހިމެނޭއިރު، އުފެއްދުންތެރިންނަށް މައުރަޒުގެ ވާދަކުރުމުގެ ބައިގައި ޖުމްލަ 81 ގިންތިއެއްގައި ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ވާދަކުރުމުގެ ބައިގެ އިތުރުން، މި މައުރަޒުގައި ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓަކާއި، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓަކާއި، އެންޓަޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާރކެޓް ޕްލޭސް ޑިސްޓްރިކްޓެއް ހިމެނޭނެއެވެ.

ހަމަ އެއާއެކު އާ އީޖާދުތައް ކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ކަނޑައެޅޭ އުސޫލެއްގެ ތެރެއިން، ރިސާރޗް ގްރާންޓް ފަންޑުން އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ކުރިއަރާފައިވާ ޤައުމުތަކުގެ އީޖާދީ މަސައްކަތްތައް ދައްކާލުމަށްވެސް ހަމަޖެހިފައިވެއެވެ.

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މަޢުރަޒެއް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ މިއަހަރުގެ މޭމަހުގެ ތެރޭގައެވެ.

tel:+9607331319