logo

ފެނަކައިގެ މުވައްޒަފުންނަށް ރަނގަޅު ގޮތް ހޯދައިދޭނަން: އެސްޓީއޯ އެމްޑީ ޝިމާދު

profile

އާމިނަތު ޝަފާ - 28 އޯގަސްޓު 2024 - 21:23

އެމްޑީ ޝިމާދު

އެމްޑީ ޝިމާދު

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރުމާ ގުޅިގެން ފެނަކައިގައި ތިބި މުވައްޒަފުންނަށް ރަނގަޅުގޮތެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޝިމާދު މިފަދައިން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް ފެނަކަ ދިއުމުން ކުންފުނީގެ މުވައްޒަފުންނަށް ވާނެގޮތަކާމެދު ވާހަކަފުލު ދައްކަވަމުންނެވެ.

އެމްޑީ ޝިމާދު ވަނީ ފެނަކައިގައި ތިބި ހުރިހާ މުވައްޒަފުންނަކީ ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ނޫންކަން ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް އެ މުވައްޒަފުން އެއްފަހަރާ ކަނޑާލުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށް ވިދާޅުވިއެެވެ.

" މިހާރު އެބަތިބި 7000 އަށްވުރެ ގިނަ މުވައްޒަފުން. އެމީހުން އެއްފަހަރާ ކަނޑައެއް ނުލާނަން. މަސައްކަތްކުރާ ޒުވާން ޖީލު ހަލާކުކޮށްލާކަށް ބޭނުމެއް ނޫން. އެހެން އިދާރާތަކުގެ މެދުގައި އެ މުވައްޒަފުން ބަހާލަން ވިސްނުންހުރީ"

ޝިމާދު މިފަދައިން ވިދާޅުވިއިރު ފެނަކައިން ކުރަމުން އައި ބޭކާރު ހަރަދުތައް ނިމުމަކަށް ގެނައުމަށް "ކޮންޓްރެކްޓް ސްޓާފުން"ގެ ގޮތުގައި ނިމިދިޔަ މެނެޖްމަންޓުން ނަގާފައިވާ 2،000ހާ މުވައްޒަފުންވަނީ ކަނޑާލާފައެވެ.

އޭގެ ތެރެއިން 1،800 މީހުން ނަގާފައި ހުރީ ކުދިކުދި މަސައްކަތްތަކަށް ކަމަށް އެކުންފުނިން ބުންޏެވެ. އެގޮތުން މީގެ ތެރެއިން އިންޖީނުގެ އާއި އޮފީސް އިމާރާތްތައް ހަދަން 731 މުވައްޒަފުން ނަގާފައި ވާކަމަށް ފެނަކައިން ބުނެއެވެ.

ސަރުކާރުން ވެރިކަމާ ހަވާލުވީއިރު 99 އިންސައްތަ މަޝްރޫއުތައް ހުއްޓިފައި އޮތް ނަމަވެސް، އެ މުވައްޒަފުންނަށް މަހުން މަހަށް ފައިސާ ދެމުން ދިޔަ ކަމަށް ފެނަކައިން ބުނެއެވެ.

މިކަމާ ގުޅިގެން މީގެ ކުރިން އަސްލު ޓީވީއަށް މައުލޫމާތުދިން ބައެއް ފަރާތްތަކުން ބުނީ ކޮންޓްރެކްޓޭ ބުނަނީވެސް ވަގުތީގޮތުން ބޭތިއްބޭނެ ފަރާތްތަކަށް ވާތީކަމަށެވެ.

"ކޮންޓްރެކްޓޭ ބުނަނީވެސް ޓެމްޕްރަރީ ބައެއް ވީމަ. ބޭނުމިއްޔާ ބައިތިއްބޭނީ".

އެ ފަރާތްތަކުން ބުނީ ހަރަދު ކުޑަކުރުމަށް ފެނަކައާއި އެހެންކުންފުނިތަކުން ކޮންޓްރެކްޓް މުވައްޒަފުން ވަކި ކުރަމުންދަނީ ރަނގަޅަށްކަމަށާއި ދާއިމީ ވަޒީފާއެއްނަމަ ރަސްމީ އޮނިގަނޑަށް އަދި ގާނޫނަށް ފެތޭނެކަމަށެވެ. އަދި ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދާނަމަ މުވައްޒަފުން ބައިތިއްބާ ސަބަބާ މެދުވެސް އެ ފަރާތްތަކުންވަނީ ސުވާލު އުފައްދާފައެވެ.

tel:+9607331319