logo

އުތުރުގައި ބަންކަރިންގެ ހިދުމަތް ފަށަން 4 ދުވަސް

profile

އާމިނަތު ޝަފާ - 07 ސެޕްޓެމްބަރު 2024 - 12:26

ބަންކަރިން ހިދުމަތް ފަށަން އެންމެ 4 ދުވަހަށް ވެއްޖެ

ބަންކަރިން ހިދުމަތް ފަށަން އެންމެ 4 ދުވަހަށް ވެއްޖެ

އިގްތިސާދީ ބޮޑު ބަދަތަކެއް ގެނުވާނެ ބަންކަރިންގެ ހިދުމަތް އުތުރުގައި ފަށަން އެންމެ 4 ދުވަހަށް ވެއްޖެއެވެ.

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް" އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހުއެވެ.

​ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ރާއްޖޭގެ އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓް، އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) ވެބްސައިޓް ވެސް ލޯންޗު ކޮށްފައިވާއިރު އެ ވެބްސައިޓު މެދުވެރިކޮށް، ހިދުމަތް ހޯދަން ބޭނުންވާ އުޅަނދު ފަހަރަށް ކުރިއާލައި ބުކިން ހެދޭނެއެވެ.

ބަންކަރިންއަކީ ކޮބާ؟

ބަންކަރިންގ އަކީ އުޅަނދު ފަހަރަށް ތެޔޮ ސަޕްލައިކުރުމެވެ. މީގެ ތެރޭގައި އުޅަނދަށް ތެޔޮ އެޅުމާއި އުޅަނދުގައި ހުރި ތެޔޮ ޓޭންކުތަކަށް ބެހުމުގެ މަސައްކަތްތައް ހިމެނެއެވެ.

މި ޚިދުމަތަކީ ކަނޑުގެ އޮޕަރޭޝަންތަކަށް ކޮންމެހެން ބޭނުންތެރި ޚިދުމަތެއް ކަމުގައި ވާއިރު، މިއީ ބަނދަރެއްގައި ބަނދަރު ކުރަން ނުޖެހި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދީގެން އެމީހުންގެ ދަތުރުތައް ކުރިއަށް ގެންދެވޭނެ ޚިދުމަތެކެވެ. މިއީ ދުނިޔޭގެ ޝިޕިން ރޫޓުތަކުގެ ދުވެލި ކުރިއަށް އޮތް ތަނުގައި ދެމެހެއްޓުމަށް ވަރަށް މުހިންމު ޚިދުމަތެކެވެ.

އެސްޓީއޯގެ އަމާޒު ހުރީ ކިހިނެތް؟

އެސްޓީއޯގެ ޕްލޭނުގައި ބަންކަރިންގ ޚިދުމަތް ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ ބޮޑެތި އުޅަނދުތަކުގައި ތެޔޮ ބަރުކޮށްގެން، މާކަނޑުގެ ސަރަޙައްދުން ދަތުރުކޮށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ނުވަތަ މި ސަރަޙައްދުގެ ކައިރިން ދަތުރުކުރާ ބޭރުގެ ބޯޓުތަކަށް ތެޔޮ ވިއްކުމަށެވެ.

މި ޚިދުމަތްތަކުގައި ހިމެނެނީ ތެޔޮ ލޯޑްކުރުމާއި، އޮފްޝޯ އޮޕަރޭޝަންސް އަދި ތެޔޮ ފޯރުކޮށްދިނުމެވެ. ތެޔޮ ލޯޑްކުރާނީ އެސްޓީއޯއާއި ވިޓޯލްއިން ނިންމާފައިވާ ތަންތަނުންނެވެ.

އޮފްޝޯ މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުފަހަރު، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ އިސްތިރާތީޖީ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާނެއެވެ. މި އުޅަނދުފަހަރު، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުފަހަރާ އެއް ހަމައެއްގައި މަޑުކޮށް، އެ އުޅަނދުތަކުގެ ހަރަކާތްތައް ބަލަހައްޓަމުން ގެންދާނެއެވެ. އަދި ތެޔޮ ފޯރުކޮށްދިނުމުގައި ތެޔޮ އަޅަން ބޭނުންވާ ބޭރުގެ ބޯޓުތައް ބަންކަރިންގ އުޅަނދުތަކާ ކައިރިވެ، އެތަނުން ތެޔޮ ސީދާ އެ އުޅަނދުތަކަށް ބަދަލުކުރެވޭނެއެވެ.

ރައްކާތެރިކަމާއި ހަރުދަނާ ބަންކަރިންގ ޚިދުމަތެއް ކަށަވަރުކުރުމަށްޓަކައި ހުރިހާ އޮޕަރޭޝަންތަކެއްވެސް ބައިނަލްއަޤްވާމީ ސަލާމަތާއި ތިމާވެށީގެ ގަވާއިދުތަކަށް ތަބާވާނެކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ. މި ޚިދުމަތަކީ ދުނިޔޭގެ ޝިޕިން ރޫޓުތަކުގެ ދުވެލި ކުރިއަށް އޮތް ތަނުގައި ދެމެހެއްޓުމަށް ވަރަށް މުހިންމު ޚިދުމަތެއްކަމަށް އެސްޓިއޯއިން ވަނީ ބުނެފައެވެ.

ލިބޭނެ އިގްތިސާދީ ނަފާ ބައިވަރު!

ބަންކަރިންގ ޚިދުމަތް ތަޢާރަފުކުރުމުން ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ އިޤްތިޞާދީ ކުރިއެރުމެވެ. މި ސަރަޙައްދުގެ މުހިންމު ތެޔޮ ވިއްކާ މަރުކަޒަކަށް ދިވެހިރާއްޖެ ވެގެން ދިއުމުގެ ސަބަބުން، މި ކަނޑުން ދަތުރުކުރާ ކޮންމެ އުޅަނދަކުން ވެސް ތެޔޮ ގަތުމުގެ ފުރުޞަތު ލިބި، އޭގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިގެންދާނެއެވެ.

މިކަމުގެ ސަބަބުން ޤައުމީ އާމްދަނީ އިތުރުވެ، ވަޒީފާގެ އައު ފުރުޞަތުތައް އުފެދި، އަދި ޖުމުލަކޮށް ޤައުމުގެ އިޤްތިޞާދީ ދުވެލި އިތުރުވެގެންދާނެކަން ޔަޤީނެވެ. އެންމެ އަސާސީ ފަޅުވެރިންގެ މަސައްކަތުން ފެށިގެން ޗީފް އިންޖިނޭރުންނާ ހަމައަށް ވަޒީފާތައް އިތުރުވުމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.

ބަންކަރިން ހިދުމަތުގެ އިތުރުން، ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމާއި ކްރޫއިން ބަދަލުވުމާއި ޑޮކިން ހިދުމަތާއި ކުނި އުކައިދިނުމާއި ޓަގް ސާވިސަސްގެ އިތުރުން މެއިންޓަނެންސް ހިދުމަތްތައް ވެސް އެ ސަރަހައްދުން ފޯރުކޮށްދޭނެއެވެ.

ދުނިޔޭގެ ބަންކަރިން އިންޑަސްޓްރީއަކީ 150 ބިލިއަން ޑޮލަރުގެ ވިޔަފާރިއެއް ކަމަށް ވީއިރު އިގްތިސާދު ނަގާ ކޮޅަށްޖެހުމަށް މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ސަރުކާރުން ބަންކަރިން ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާއިރު، މި ހިދުމަތާއެކު ދިވެހި ރާއްޖެއަށް ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވެގެން ދާނެކަމަށް ސަރުކާރުން ބުނެއެވެ.

tel:+9607331319