logo

މަސްވެރިންނަށް ދޭން ޖެހޭ 9.1 މިލިޔަން ރުފިޔާ މި ހަފްތާތެރޭ ޖަމާކުރަނީ

profile

ޝާމާ ޝުޢައިބު - 21 އޮކްޓޯބަރު 2024 - 18:36

މަސްވެރިކަން އަންނަނީ ރަނގަޅުވަމުން

މަސްވެރިކަން އަންނަނީ ރަނގަޅުވަމުން

އަމާޒަކީ މަސްވެރިންނަށް ދޭން ޖެހޭ 9.1 މިލިޔަން ރުފިޔާ މި ހަފްތާތެރޭ ޖަމާކުރުން ކަމަށް މިފްކޯއިން ބުނެފިއެވެ.

މަސްވެރިން ކިރި މަހަށް ލިބެން ޖެހޭ ހުރިހާ ފައިސާއެއް މި ހަފްތާގެ ތެރޭގައި ޖަމާވާނެ ކަމަށް މިފްކޯއިން ބުނެފައިވާއިރު އެ ކުންފުނިން ބުނީ ސެޕްޓެމްބަރު މަހު 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުންޏަށް ކިރި މަހުގެ ޖުމްލަ އަގު 9.1 މިލިއަނަށް އަރާ ކަމަށެވެ.

އަދި މަސްވެރިންނަށް ނުދެވި، ޕެންޑިންގައި ހުރި ފައިސާ ވީ އެންމެ އަވަހަކަށް ހޯދައި، މި ހަފްތާގައި ޖަމާކުރެވޭތޯ ކެނޑިނޭޅި އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. މިފްކޯއިން ބުނީ، އަމާޒަކީ މި ހަފްތާގެ ތެރޭގައި އޮޑިވެރީންނަށް ފައިސާ ޖަމާކުރެވޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ. ޖުމްލަ 331 ދޯންޏަކުން ކިރި މަހަށް 9.1 މިލިޔަން ރުފިޔާ ދޭން ޖެހޭއިރު، މި މުއްދަތުގައި ފެލިވަރު، ކޫއްޑޫ އަދި އައްޑޫއަށް ކިރާފައިވަނީ އެންމެ 882.32 މެޓްރިކް ޓަނުގެ މަސް ކަމަށް މިފްކޯއިން ވަނީ ހާމަކޮށްފައެވެ.

ސަރުކާރުން ދަނީ ކެނޑިނޭޅި މިފްކޯއަށް ދޭންޖެހޭ ސަޕޯޓު ފޯރުކޮށްދެމުން ކަމަށާއި މިފްކޯއަށް މައުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުގެ އަމާޒަކީ މި ފައިސާ އަންނަ ހަފްތާގެ ނިޔަލަށް އެއްކޮށް ދައްކައި ހަލާސްކުރާނެ ކަމަށާއި އަދި މިކަމުގެ އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ޖުލައިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދަނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސްގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ހަމަޖައްސާ އަގުގައިކަން މިފްކޯއިން ވަނީ ހާމަކޮށްފައެވެ.

މަސްވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނައިރު މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތަކީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހަދައި، މަސްވެރިންނަކީ ދައުލަތުގެ މުއައްސަސާއެއްގައި ދަފުތަރުވެފައި ތިބި ބަޔަކަށް ހެދުމެވެ.

https://wamco.com.mv/
tel:+9607331319