logo

ލޮނުފެނުން މަސްފިނިކުރާ ނިޒާމު ގާއިމުކުރުމަށް އިސްލާމިކް ފައިނޭންސިންގ ފެސިލިޓީ އެއް ދޫކުރަން ފަށައިފި

profile

އައިމިނަތު ރޫޔާ - 21 ނޮވެމްބަރު 2024 - 14:52

  ލޮނުފެނުން މަސްފިނިކުރާ ނިޒާމު ގާއިމުކުރުމަށް އިސްލާމިކް ފައިނޭންސިންގ ފެސިލިޓީ އެއް ދޫކުރަން ފަށައިފި-- ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ

ލޮނުފެނުން މަސްފިނިކުރާ ނިޒާމު ގާއިމުކުރުމަށް އިސްލާމިކް ފައިނޭންސިންގ ފެސިލިޓީ އެއް ދޫކުރަން ފަށައިފި-- ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ

މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމު ގާއިމުކުރުމަށް އިސްލާމިކް ފައިނޭންސިންގް ފެސިލިޓީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ޒުވާރާއިން ދޫކުރަން ފަށައިފިއެވެ.

މަސްވެރިކަަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ޒުވާރާއިން ބުނީ ދިވެހި މަސްވެރިން ބާނާ މަސް ކިރުވެންދެން ތާޒާކޮށް ބެހެއްޓުމަށް ދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރެވޭނެ ނިޒާމު، ރެފްރިޖަރޭޓަޑް ސީވޯޓަރ (އާރް.އެސް.ޑަބްލިއު) ސިސްޓަމްތަކާއި އިޔާދަކުރަނިވި ހަކަތަ ނިޒާމު ގާއިމު ކުރުމަށް ޕުރޮޖެކުޓެއް ފަށާފައިވާ ކަމަށެވެ.

އެގޮތުން، ދެކުނުގެ ގިނަ މަސް ދޯނިތަކުގައި މިހާރުވެސް އާރް.އެސް.ޑަބްލިއު ބަހައްޓާފައިވާއިރު، އައިއެސްޑީބީން 100 ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް ގަނެ އަދި ހަރުކުރުމަށް އިސްލާމިކް ފައިނޭންސިންގް ވަނީ ހަމަޖައްސާފައެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ "ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫޢު" ގެ ދަށުން މަދުވެގެން 100 އެއްހާ ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް އެޅުމަށް އިސްލާމިކް ފައިނޭންސްއިން ވަނީ ފެސިލިޓީއެއް ހަމަޖެހިފައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ޒުވާރާއިން ބުނީ މި މަޝްރޫޢު ހުޅުވާލީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކީ، މަސްވެރިންގެ ބޭނުންތަކަށް ރިއާޔަތް ކުރެވި މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ޙައްލުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން ކަމަށެވެ. މީގެ އިތުރުން މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ސަރުކާރުން ދައްކައިދޭގޮތަށް ނިންމާފައިވާ ނިންމުން ފާހަގަކޮށްލެވެއެވެ.

އެ ވުޒާރާއިން ބުނީ މި ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރް.އެސް.ޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެ ކަމަށާއި އެސް.ޑީ.އެފް.ސީގައި ރަޖިސްޓްރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް އޮޑިވެރިން އަމިއްލައަށް ތަކެތި ގަތުމުގެ އިޚްތިޔާރު ފަހިކޮށްދީފައިވާނެ ކަމަށެވެ.

އާރް.އެސް.ޑަބްލިއު ބޭނުންކުރަން ފެށުމުން މަސްވެރިން އައިސް ގަންނަން ކުރާ ދަތުރު ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށާއި. އަދި އޮޑީގެ ޚަރަދު ކުޑަވެ ސީދާ މަސްވެރިޔާގެ ޖީބަށް ވަންނަ ފައިސާ އިރުތުވެގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.

މި ފެސިލިޓީގެ ދެވަނަ ބުރަށް ހުޅުވާލީ 22 ސެޕްޓެމްބަރ 2024ވަނަ ދުވަހުގައެވެ. މިއަދާ ހަމައަށް 32 ދޯންޏަކުން މި ފެސިލިޓީއަށް ހުށަހަޅާފައިވާއިރު މީގެ ތެރެއިން ކްރެޑިޓް އިވޭލުއޭޝަން ނިމުނު 13 އޮޑިވެރިއަކަށް ފެސިލިޓީ އެވޯޑް ލެޓަރ ވަނީ ހަވާލުކޮށްފައެވެ. ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މުރާބަޙާ އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީގެ ދަށުން ފައިނޭންސިންގ ލިބިފައިވާ ފަރާތްތަކަށް އެވޯޑް ލެޓަރ ހަވާލުކޮށްދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒެވެ.

ހަމަމިއާއެކު، މި ފެސިލިޓީގެ މައުލޫމާތު އޮޑިވެރިންނަށް ދީ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަސްވެރި ވުޒާރާއާއި އެސްޑީއެފްސީގެ ޓީމުތައް މިހާތަނަށް 5 އަތޮޅަކުން 8 ރަށަކަށް ދަތުރުކޮށްފައިވެއެވެ. އޮޑިވެރިންނަށް ލިޔެކިއުންތައް ފުރިހަމަކޮށްދީ އެޕްލިކޭޝަން ހުށަހަޅައިދިނުމަށް މި ޓީމުތަކުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މި ފެސިލިިޓީގެ މައުލޫމާތު ސާފުކުރެއްވުމަށް 7763310 ހޮޓްލައިނެއް ވެސް އެ ވުޒާރާއިން ވަނީ ތައާރަފްކޮށްފައެވެ.

https://int.etukuri.mv/
tel:+9607331319