logo

"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް" ރަސްމީކޮށް ހުޅުވައިފި

profile

ޝާމާ ޝުޢައިބު - 16 ނޮވެމްބަރު 2024 - 23:30

"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް" ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ހުޅުއްވައިދެއްވުން

"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް" ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ހުޅުއްވައިދެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާ އެކުލެވިގެންވާ، ސަރުކާރުގެ ބޭންކެއް ހުޅުއްވައިދެއްވައިފިއެވެ.

މި ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ބޭންކެކެވެ.

މި ބޭންކްގެ ޚިދުމަތް ފެށުމުން، އިޤްތިޞާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ޚިދުމަތް ދިވެހިރާއްޖޭގައި ތަޢާރަފު ވެގެންދާނެއެވެ. މި ބޭންކް ހުޅުވުމަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްޤީ ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.

ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިންގ ލައިސަންސް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ދެއްވީ 13 އޮކްޓޫބަރު 2024 ގައެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޗެއަރޕަރސަނަކީ އަރޫނީ ގޫނަތިލަކައެވެ. އަރޫނީ ގޫނަތިލަކަ އަކީ ބިޒްނަސް އޮރިޖިނޭޝަން، ގަވަރނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓްތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ޚާއްސަވެފައިވާ ބައިނަލްއަޤްވާމީ ފިނޭންޝަލް މާކެޓްގެ ފިނޭންޝަލް ސަރވިސް ތަޖުރިބާކާރެކެވެ. އަރޫނީ ގޫނަތިލަކަ އަކީ ހާވަރޑް ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ސީ.އީ.އޯއަކީ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސްއެވެ. ޕެޓަރސަން-ޖޯންސްއަކީ ޗީފް އިންވެސްޓްމެންޓް އޮފިސަރެއްގެ ހައިސިއްޔަތުން ސަޢޫދީ ޢަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗަރ ފަންޑު ޤާއިމު ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޕެޓަރސަން-ޖޯންސް ވަނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީން މެނޭޖުމަންޓް ސްޓަޑީސްގެ ދާއިރާއިން މާސްޓަރ އޮފް ފިލޯސަފީ ޙާޞިލުކުރައްވާފައެވެ.

ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ކުންފުންޏެއް އުފެއްދެވީ 16 މޭ 2024 ގައެވެ. މިރޭ މި ބޭންކް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބޭންކު ބައްލަވާލައްވާފައެެވެ.

https://wamco.com.mv/
tel:+9607331319