ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކޮންމެ އަހަރެއްގެ ޑިސެންބަރު މަހު ބާއްވާ ޙަފްލާގައި ދެވޭ އެވޯޑު ފަރުމާކޮށް ޑިޒައިން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ހުށަހަޅާ ޑިޒައިނަކީ މަސްވެރިންގެ ދުވަހުގެ ޝިއާރު (މަސްވެރިކަމުގެ ސިނާއަތު ސިންދަފާތުކުރުމުގައި ޒުވާނުންގެ ބައިވެރިވުން) އަދި މަސްވެރިކަމުގެ ސިނާއަތް އެކަށީގެންވާ ގޮތެއްގައި ރަމްޒު ކޮށްދޭ ޑިޒައިނަކަށް ވާންޖެހޭނެ ކަމަށެވެ.
އެގޮތުން ޑިޒައިން އިޙްތިޔާރު ކުރުމުގައި ޒަމާނުއްސުރު ދެމެހެއްޓެނިވި ގޮތުއްގައި ދިވެހިން ކުރަމުން އައިސްފައިވާ ދޮށީގެ މަސްވެރިކަމާއި، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރުމުގެ މުހިންމުކަން ދައްކުވައިދޭ ޒަމާނީ އަދި އިޖާދީ ހުށަހެޅުންތަކަށް އިސްކަންދެވޭނެ ކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓްރީން ބުނެއެވެ.
ހުށަހަޅާ ހުށަހެޅުންތަކުގައި ޑިޒައިންކޮށްފައިވާ އެވޯޑުގެ ދިގުމިނުގައި މަދުވެގެން 1 ފޫޓް ހުންނަންވާނެ ކަމަށާ 1.5 ފޫޓްއަށްވުރެ އެވޯޑް ދިގުވެގެން ނުވާނެ ކަން ފާހަގަކޮށް އިއުލާނުގައި ބުނީ ހުށަހަޅާ ޑިޒައިނަކީ ޑިޒައިން ހުށަހަޅާ ފަރާތުގެ އަމިއްލަ މަސައްކަތަކަށް ވާންވާނެ ކަމަށެވެ. އަދި ޑިޒައިން ޕްރޮޕޯސަލްއާ އެކު ޑިޒައިންގެ ވެކްޓަރ ފައިލް ހުށަހަޅަން ޖެހޭނެ ކަމަށާ 3D ރެންޑަރ ފައިލްއެއް ވެސް ހުށަހެޅިދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އިއުލާނުގައި ބުނީ 3D ރެންޑަރ ހުށަނާޅާނަމަ، ޑިޒައިންގެ ފުރަންޓް ވިއު، ބެކް ވިއު އަދި ސައިޑް ވިއު ހިމަނަންވާނެ ކަމަށެވެ. ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލްކަން ފާހަގަކޮށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނީ އެއްފަރާތަކަށް ވުރެ ގިނަ ފަރާތްތަކުން ގުޅިގެން އެއް ޕްރޮޕޯސަލެއް ހުށަހެޅިދާނެ ކަމަށެވެ.
މަސްވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ ޑިޒައިން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން އެ މިނިސްޓްރީން ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް އެވޯޑް ފަރުމާކޮށް، 20 ނޮވެމްބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީއަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ.