logo

"އަސްލު ޓީވީ" ގެ ހިއުމަން ރިސޯސަސް މެނޭޖަރ އައިމިނަތު ޝަފީޢާ ބްރެޒިލްއަށް

profile

ސައިފް އަޒުހަރު - 12 ނޮވެމްބަރު 2024 - 09:00

ވޯރލްޑް ފޯރަމް އޮފް ފިޝަރ ޕީޕަލްސްގެ 8 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވުމަށް "އަސްލު ޓީވީ" ގެ ހިއުމަން ރިސޯސަސް އެންޑް މާކެޓިންގ މެނޭޖަރ އައިމިނަތު ޝަފީޢާ ބްރެޒިލްއަށް ފުރައިފިއެވެ.

އައިމިނަތު ޝަފީޢާ ބްރެޒިލްއަށް ފުރާފައިވަނީ ހޯމަދުވަހު މެންދުރުއެވެ.

މި ނޮވެމްބަރުމަހުގެ 14 އިން 22 އަށް ބާއްވާ ވޯރލްޑް ފޯރަމް އޮފް ފިޝަރ ޕީޕަލްސް ޖެނެރަލް އެސެމްބްލއަކީ މަސްވެރި ގައުމުތަކުގެ މެދުގައި ބާއްވާ އެސެމްބްލީއެކެވެ.

ފިޝަރީޒް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް މެދުވެރިކޮށް ލިބުނު ފުރުސަތެއްގައި މި އެސެމްބްލީގައި ރާއްޖެއިން 2 ބޭފުޅުން ބައިވެރިވެއެވެ.

މި އެސެމްބްލީގެ ތެރެއިން ބާއްވާ އެކިއެކި ފޯރަމްތަކުގައި، މަސްވެރި އުފެއްދުންތައް މާކެޓު ކުރުމުގައި ދިމާވާ ދަތިތަކާ ގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާ ކުރާނެއެވެ.

މީގެއިތުރުން، މަސްވެރި އުފެއްދުންތައް އުފެއްދުމުގައި އަންހެނުން އަދާކުރާ ދައުރާ ގުޅޭގޮތުން ބާއްވާ ޚާއްސަ މަޝްވަރާތަކެއްގައި އައިމިނަތު ޝަފީޢާ ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ޖެނެރަލް އެސެމްބްލީގެ އެންމެފަހު ދުވަސް ކަމަށްވާ ނޮވެމްބަރުމަހުގެ 21 ވަނަ ދުވަހަކީ "ވޯރލްޑް ފިޝަމަންސް ޑޭ" ކަމަށްވާތީ، އެދުވަހު ބާއްވާ ބޮޑު ރެލީގައިވެސް ރާއްޖޭގެ 2 ބޭފުޅުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ވޯރލްޑް ފޯރަމް އޮފް ފިޝަރ ޕީޕަލްސްގެ 7 ވަނަ ޖެނެރަލް އެސެމްބްލީ ބާއްވާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ. މި އެސެމްބްލީ މި ބާއްވަނީ، ކޮވިޑްގެ އާމަލީ ވަބާއާހެދި މެދުކެނޑިފައި އޮތުމަށްފަހުގައެވެ.

ވޯރލްޑް ފޯރަމް އޮފް ފިޝަރ ޕީޕަލްސްއަކީ ދުނިޔޭގައި ހިންގާ މަސްވެރި އެންމެ ބޮޑު ހަރަކާތެވެ. މި ހަރަކާތުގައި 20 މިލިއަނަށްވުރެ ގިނަ މީހުން ހިމެނެއެވެ.

މި ހަރަކާތުގެ ތެރެއިން، ކާތަކެތީގެ އިސްތިގްލާލް ހިމާޔަތްކުރުމާއި، މަސްވެރިންގެ އިންސާނީ ހައްގުތައް ޕްރޮމޯޓްކޮށް ހިމާޔަތްކުރުމާއި، ކަނޑުތަކުގެ ހިފެހެއްޓުންތަކާ ދެކޮޅަށް ވަކާލާތުކޮށް މަސައްކަތް ކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި މަސްވެރިންނާއި، މަސްވެރިކަމުގައި އުޅޭ ފަރާތްތަކުގެ ހައްގުތައް ހޯދައިދިނުމަށް ގަދައަޅައި މަސައްކަތް ކުރުންވެސް ހިމެނެއެވެ.

https://int.etukuri.mv/
tel:+9607331319