ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބު، ރައީސް އަބްދުﷲ ޔާމީންއަށް ހޫނު ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
އެކްސް ޕްލެޓްފޯމްގައި އެމްވީ ކްރައިސިސްއިން ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި ރައީސް ޔާމީން ޓެގްކުރައްވައި ޝެއަރ ކުރެއްވުމަށްފަހު ލިއުއްވާފައިވާ މެސެޖްގައި އަޙްމަދު އަދީބު ވަނީ، ތާސް ކުޅުއްވުމާއި، ބަދިގެ ޖަލްސާތައް ބޭއްވުމުން "ބްރޭކެއް" ނަންގަވައި، އެންމެ ފަހަރަކުނަމަވެސް ހަގީގީ މަސައްކަތެއް ކުރެއްވުމަށް ރައީސް ޔާމީންގެ ކިބައިން އެދިވަޑައިގެންފައެވެ.
އަދި އަދި އެހެން މީހުންނަށް ހަސަދަވެރި ނުވުމަށްވެސް އަދީބު، ރައީސް ޔާމީންގެ ކިބައިން އެދިވަޑައިގެންފައި ވެއެވެ.
އެމްވީ ކްރައިސިސްއިން ޕޯސްޓްކޮށްފައިވާ ވީޑިއޯގައި ފެންނަނީ ރައީސް ޔާމީންގެ ޕާޓީގެ ޖަގަހަ ޖަލްސާއެއްގައި ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބުއާ ގުޅޭގޮތުން ދައްކަވާ ވާހަކަފުޅުތަކެކެވެ.
ރައީސް ޔާމީން ވިދާޅުވަނީ، އަދީބު ދުބާއީގައި ހުންނަވައިގެން، ރާއްޖޭގެ ޓޫރިޒަމްގެ ހުރިހާކަމެއްގެ އާކިޓެކްޓަކީ އޭނާ ކަމަށާއި، މުޅި އިގްތިސާދުގެ މޭސްތިރިއަކީ އޭނާކަމަށް ބޭރުގެ ނޫސްތަކަށް ފައިސާ ދެއްވައިގެން ނޫސްތަކުގައި ޖަހަމުންގެންދާ ކަމަށެވެ.
ރަށްތަކާއި ފަޅުތައް އަދީބު ނުއަގުގައި ވިއްކަމުންގެންދިޔައިރު، މާލެ ކައިރިގައި އޮތް ފަޅަކީވެސް ތިންހަތަރު މިލިއަން ޑޮލަރަށް ވިއްކާލާފައިވާ ފަޅެއްކަމަށް ރައީސް ޔާމީން ތުހުމަތު ކުރައްވާފައި ވެއެވެ. އަދީބުގެ ސީވީގައި މިކަހަލަ ކަންކަން ފާހަގަ ނުކުރައްވައި، ރާއްޖެއަށް ގެނައި ތަރައްގީގެ ހުރިހާކަމަކީ އޭނާ ގެންނެވި ކަންކަން ކަމަށް ވިދާޅުވާއިރު، ފުޓްނޯޓެއްގެގޮތުގައި މިކަހަލަ ކަންކަންވެސް ފާހަގަކުރުން މުހިންމު ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.
އެމްވީ ކްރައިސިސްއިން ޕޯސްޓްކޮށްފައިވާ ވީޑިއޯއާއެކު ލިޔެފައިވަނީ "ރައީސް ޔާމީންގެ އަނިޔާވެރިކަމުގައި އަޙްމަދު އަދީބު ނުހައްގުން ޖަލުގައި 3 އަހަރު، އެތައް އަނިޔާއެއްދީ މަރާނުލެވުނު. މިއަދު ބޭރުގަ އަމިއްލަ މަސައްަތުން އަދީބު އުޅޭތީ އަދި އަދީބުގެ މަސައްކަތް މުޅި ދުނިޔެއިން ބަލައިގަންނާތީވެ ޔާމީން ވަރަށް ބޮޑަށް ހަސަދަވެއްޖެ" މިހެންނެވެ.
އަޙްމަދު އަދީބަކީ ރައީސް ޔާމީންގެ ސަރުކާރުގެ ނައިބް ރައީސެވެ.