ހައުސިން ލޯން ސްކީމްގައި މަސްވެރިންގެ ދަފްތަރުގައި ރަގިސްޓްރީވާ ހުރިހާ މަސްވެރިިންނަށް ބައިވެރިވުމުގެ ސިޔާސަތެއް އެކުލަވާލުމުގެ ފުރުސަތެއް އެކުލަވާއިލުމަަށް ސަރުކާރުން ނިންމައިފިއެވެ.
މަސްވެރިންނަށް ހިޔާވަހި ފައިނޭންސިން ސްކީމްގައި ބައިވެރިވުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކުރާ މަސައްކަތާްއި ގުޅޭ ގޮތުން ގެދޮރުވެރިކަމާްއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުން އޮތީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ގެދޮރުވެރިކަމާްއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ވަޒީރު ހައިދަރު ވިދާޅުވީ ސަރުކާރުން ހުޅުވާލާފައިވާ ހައުސިން ލޯން ސްކީމްގެ ހުރިހާ ދާއިރާއެއްގައިވެސް މަސްވެރިންގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށާއި އިގްތިސާދީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަކީ ވެސް ލޯން ސްކީމުގެ ތެރޭގައި ޝާމިލް ވާން ޖެހޭނޭ ބައެއް ކަމަށެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތައްވެސް ބައިވެރިކުރުމަށްވެސް ސަރުކާރުން ކަނޑައަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ހައުސިން ލޯން ސްކީމުގައި އެހެން ދާއިރާތައް ވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޝާމިލުކުރާނެ ކަމަށާއި ދަފްތަރު މަސައްކަތުގައި އުޅޭ ފަރާތްތަކަަށް ވަކިން ހާއްސަކޮށް އިސްކަން ދޭން ސަރުކާރުން ރާވާފައިވާ ކަމަށެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މަސްވެރިން ރައީސުލްޖުމްހުރިއްޔާެގެ ގެދޮރުވެރިކަމުގެ ސިޔާސަތުން މަހުރޫމް ނުވާނޭ ބަޔަކް ހެއްދެވުމަށްޓަކައި ކުރަމުން ގެންދާ މަަސައްކަތްޕުޅަށް ރައީސް ޑރ މުހައްމަދު މުއިއްޒުއަށާއި ގެދޮރުވެރިކަމާްއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު އަށް ޝުކުރު ދަންނަވާފައެވެ.
ވަޒިރު ޝިޔާމް ވިދާޅުވީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެގޮތަށް މަސައްކަތް ކުރައްވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހައްދަވާނެކަމަށް، ސަރުކާރުގެ އެހެން މުވައްޒަފުންނެކޭ އެއްފަދައިން އިނާޔަތްތަކާއި ވެސް މި ސަރުކާރުން ދޫކުރާގޮތަށް ހައްދަވާނެކަމަށެވެ.
ވަޒީރު ވިދާޅުވީ ބޭންކުން ނުވަތަ ކުންފުންޏަކުން ތައާރަފްކުރާ ފެސިލިޓީއަކަށްވެސް، ލޯން ސްކީމަކަށްވެސް ޝަރުތު ހަމަނުވާ ވާހަކައަކީ މަސްވެރިންގެ ވަރަށް ބޮޑު ޝަކުވާއެއްކަމަށެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހު އެކުލަވާލާފައިވާ މަސްވެރިންގެ ދަފްތަރަކީ މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ތަޢާރަފްކުރި ދަފްތަރެއް ކަމަށެވެ. ވަޒީރު ވިދާޅުވީ ނިމިދިޔަ އެއްވެސް ސަރުކާރަކަށް މިކަމަށް ދާއިމީ ހައްލެއް ހޯދިފައި ނުވާ ކަމަށެވެ.
ވަޒިރު ވިދާޅުވީ 80 އިންސައްތަ މަސްވެރިން ދަފްތަރު ކުރެވިއްޖެ ކަމަށާއި މި މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމުމަކީ އެ ވުޒާރާގެ އަމާޒެއްކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގެ 15 މަސްވެރިކަން ކުރާ އަތޮޅަކަށް ވުޒާރާގެ ޓީމްއެއް ގޮސް ދަފްތަރުގައި މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ މީހުން ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ބޯހިޔާވަހިކަމަކީ އެންމެ ބޮޑަށް ބަޖެޓުގައި އޮތް، މުޅި ބަޖެޓްވެސް އޮތީ ބޯހިޔާވަހިކަމުގެ މައްޗަށް. އެހެންކަަމަށްވާނަމަ މަސްވެރިން މިފަދަ އަހަރަކުން މަހުރޫމް ނުވާނަމަ، އެއީ ޔަގީނުންވެސް ދިވެހިރާއްޖޭގެެ ބޮޑު އާބާދީއަކަށް ލިބޭ ވަރަށް ބޮޑި ހިތްހަމަޖެހުމެއް." ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގައި މަސްވެރިކަމުގެ ދަފްތަރެއް އެކުލަވާއިލުމަށް އޮންނަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި 10 ވަނަ މާއްދާގައި މަސްވެރިކަމުގެ އިޖްތިމާއީ ކަށަވަރުކަން ރައްކާތެރިކުރުމަށް ގާނޫނުގައި އޮންނަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ގެދޮރުވެރިކަމަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖްތިމާއީ މައްސަލަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެހެނިހެން ދާއިރާތަކަށް ގެދޮރުވެރިކަމަށް ހައްލު ލިބޭ ފަދައިން މަސްވެރިންނަށް ވެސް އެކަމަށް ހައްލެއް ލިބޭނެކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ހައިދަރު ވަނީ މި ހަފްތާގެ ނިޔަލަށް ގެދޮރުވެރިޔާގެ ސްކީމް ދަށުން ދޫކުރި ފްލެޓް ލިސްޓްތައް އާންމުކުރާނެކަމަށް ވިދާޅުވެފައެވެ.