logo

އެކަހެރި ކާށިދޫ، އަހަރެން ޝައުގުވެރިކޮށްލީ އާޘާރުތަކުން!

profile

ޒިދާން މުޙައްމަދު - 19 އޮކްޓޯބަރު 2024 - 11:33

ކ. ކާށިދޫގެ ބައެއް މަންޒަރުތައް -- ފޮޓޯ: ޒިދާން މުޙައްމަދު/ އަސްލު ޓީވީ

ކ. ކާށިދޫގެ ބައެއް މަންޒަރުތައް -- ފޮޓޯ: ޒިދާން މުޙައްމަދު/ އަސްލު ޓީވީ

މާލޭން ފުރައިގެން ދޮޅު ގަޑިއިރުގެ ދަތުރަކަށްފަހު އަހަރެން ފޭބީ ކ. އަތޮޅުގެ އެންމެ އުތުރުގައި އޮންނަ ކާށިދޫއަށެވެ. މާލެ އަތޮޅުގެ ރަށެއް ނަމަވެސް 2800 އެއްހާ މީހުންގެ އުފަން ވަޒަނަކީ އެކަހެރިކޮށް އޮތް ރަށެކެވެ. ގަދަ ކަނޑެއްގެ ގޮތުގައި ނަގާ ކިޔައި ކާށިދޫ ކަނޑު ހުރަސްކޮށް ބިޔަ ރާޅުތައް ކަފަމުން ވާސިލުވި މަންޒިލާ މެދު މުސާފިރެއްގެ ގޮތުން އެންމެ ފާހަގަވީ ކަންކަން ހިއްސާކޮށްނުލައި ދޫކޮށްލުން އެއީ ކޮށްގެންވާނޭ ކަމެއް ނޫން ކަމަށް މަޖުބޫރު އެބަ ޒަމީރަށް އަންގައެވެ.

ވާނީވެސް އެހެންތާއެވެ. ކާށިދޫއަށް ރަނގަޅަށްވެސް ހިތް ދޫވެއްޖެއެވެ. ގުދުރަތީ ގޮތުން އެތައް މުއްސަނދި ކަމެއް އަދި ތަފާތު ސިފަތަކެއް ލިބިގެންވާ މިޖަޒީރާ ރަށަށް އަހަރެންގެ "ހިތް ދޫވި" މައިގަނޑު ކަމަކީ އާޘާރުތަކެވެ. ތާރީޚު ދިރާސާކުރާ މީހަކަށް ޝައުގުވެރި ގިނަ އާޘާރުތަކެއް މިރަށުން ފެންނަން އެބަ ހުއްޓެވެ.

ކ. ކާށިދޫ ކުރުހިންނަ ތަރާގަނޑު --- ފޮޓޯ: ޒިދާން މުޙައްމަދު/ އަސްލު ޓީވީ

މިގޮތުން، ފާހަގަކޮށްލެވޭ، އެއްތަނަކީ ކާށިދޫގައި ހުންނަ ކުރުހިންނަ ތަރާގަނޑެވެ. މި ތަރާގަނޑަކީ އާޘާރީ ބިނާއެކެވެ. ނުވަތަ ބިމެކެވެ. މިބިމަކީ ރާއްޖެ އިސްލާމްވުމުގެ ކުރިން ބުދުދީނުގެ އަހުލުވެރީން އެކަހެރިވާން ބޭނުންކޮށްފައިވާ ބިމެކެވެ. މީލާދީން ހަތް ވަނަ ޤަރުނާއި އަށް ވަނަ ޤަރުނާ ދޭތެރޭގެ ތާރީޚަކަށް ނިސްބަތް ކުރެވިފައިވާ މިބިން ކޮނުމުގެ މަސަތްކަތް ކުރިއަށް ގެންގޮސްފައި ވަނީ 1996 އާއި 1998 ދެމެދުގެ އަހަރުތަކުގެ ތެރޭގައެވެ. މިމަސަތްކަތުން 1880 އަކަމީޓަރުގެ ބިން ކޮނެ، މުރަކަގަލުން ހަދާފައިވާ 64 ބިނާއެއް ހާމަކުރެވިފައިވެއެވެ. މިތަނުގައި ބޮޑަށް ރައްކައު ކުރެވިފައިވަނީ ކޮންމެ ބިނާއެއްގެވެސް ބުޑެވެ.

ރާއްޖޭގެ ރަށްރަށުގައި ލޯކަލް ޓުއަރިޒަމް ފުޅާވަމުން އަންނައިރު، ކާށިދޫއަކީވެސް ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރަމުން އަންނަ ރަށެކެވެ. ރަށުގައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ގެސްޓުހައުސްތަކާއި ހޮޓާތައް އެބަހުއްޓެވެ. ފަތުރުވެރީން ގަޔާވާނޭ ވަސީލަތްތައް ގާއިމުކޮށްފައި އެބަ ހުއްޓެވެ. ރަށުގެ ހުޅަނގުފަރާތުގައި ފަތުރުވެރިންނަށް ހާއްސަކޮށް "ޓޫރިސްޓް ބީޗް" އެބަ އޮތެވެ.

ކ. ކާށިދޫ ކުރުހިންނަ ތަރާގަނޑު --- ފޮޓޯ: ޒިދާން މުޙައްމަދު/ އަސްލު ޓީވީ

ކާށިދޫގެ ފަތުރުވެރިކަން ފުޅާކުރުމަށް އާޘާރީ ތަރިކައަކީ މުހިންމު ދައުރެއް އަދާކުރާނޭ ތަންތަނާއި ތަކެތިކަން ގައިމެވެ. ފަތުރުވެރިކަން އިޝްތިހާރުކުރަން އެ ރަށަށް ލިބިފައިވާ "ރަންބިސްއަޅާ ކުކުޅަކީ" ގައިމުވެސް ތަރާގަނޑު ފަދަ އާޘާރުތައްކަން ޚުދު އެ ރަށު ކައުންސިލުންވެސް ގަބޫލުކުރެއެވެ. އެކަމަކު މީގެ ކުރިން ސާފުކޮށް ބަލަހައްޓަމުން އައި ކުރުހިންނަ ތަރާގަނޑު ސަރަހައްދު މިހާރު އޮތީ ވިނަބޯވެ، ގަސްގަހާއިގެހީން ވައުވެފައެވެ. އެތަނަށް ޒިޔާރަތްކުރުމުން ދުށް މަންޒަރު ބުނެދެނީ އެތައް ބަލަހައްޓަންޖެހޭ ގޮތަށް ބަލަހައްޓަމުން ނުދާ ކަމެވެ.

އާޘާރީ ތަނަކަށް ވާތީ ވަކިކަހަލަ ގޮތަކަށް ބަލަހައްޓަން ޖެހޭތީ އެކަން ނުކުރެވި އޮތީ ކަމަށް ވެދާނެއެވެ. އެކަމަކު، ތާރީޚާއި ޘަޤާފަތާ ބެހޭ ވުޒާރާއާއި ކާށިދޫ ކައުންސިލް ގުޅިގެން އެތަން ކުރިން އޮތް ގޮތަށް އަލުން ތަރައްޤީކުރުމުގެ ވިސްނުމެއް އެބައޮތެވެ. މިހާރު އެ ސަރައްދު އޮތް ގޮތުން ބުނެވޭނީ އަޅާނުލައި ދޫކޮށްލާފައި އޮތުމުގެ ސަބަބުން "ގަސްބޯ ޖަންގައްޔަކަށް" ވެފައިވާ ކަމަށެވެ. އެ ސަރައްދުގެ ވަށައިގެން ލާފައިވާ ފާރަށް ވުރެ މައްޗަށް ގަސް ހެދިފައި އެބަހުއްޓެވެ. އެތަން ރަނގަޅަށް ބެލެހެއްޓިއްޖެ ނަމަ ރަށަށް އަރާ މެހެމާނުންނަށް "ވިއްކޭނެ" ސަޅި ސަރަހައްދަކަށް ވާނެއެވެ.

މީގެ އިތުރުން ކާށިދޫގައި ހުރި ތާރީޚީ މިސްކިތަކީވެސް ފަތުރުވެރިންނަށް ވިއްކޭނެ އަގުބޮޑު އާސާރެކެވެ. އެ ރަށު "ކުޑަ މިސްކިތް" ދިވެހިރާއްޖޭގެ އާޘާރީ ތަރިކައިގެ ދަފުތަރުގައި ހިމަނާފައިވިޔަސް އެއްވެސް ތަފުސީލީ މައުލޫމާތެއް ހިމަނާފައެއް ނުވެއެވެ. މިހާރު މިމިސްކިތުގެ އެތެރެ ހުރީ ވަރަށް ބޮޑަށް ކޮނެފައެވެ. ކާށިދޫއިން ވާހަކަދެއްކި މަޢުލޫމާތު އެނގޭ އިސްރަށްވެއްސަކު މައުލޫމާތު ދިން ގޮތުގައި ކުރިން ހުކުރު މިސްކިތެއްގެ ގޮތުގައި ބޭނުންކުރި މިސްކިތް ކޮނުނުއިރު އިތުރު ބައެއް ފެނުމުން ވަނީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން އެންގި ގޮތަށް މިސްކިތަށް އިތުރު ބަދަލެއް ނުގެނެސް ބަހައްޓާފައެވެ.

ކ. ކާށިދޫގެ ކުރީގެ ހުކުރު މިސްކިތް / ކުޑަ މިސްކިތް --- ފޮޓޯ: ޒިދާން މުޙައްމަދު/ އަސްލު ޓީވީ

ގަބުރު ފެނިގެން ކާށިދޫގެ ކުރީގެ ހުކުރު މިސްކިތް ބަންދުކުރީ 2011 ވަނަ އަހަރުއެވެ. ގަބުރުސްތާނުގެ އިމުގެ ތެރޭގައި ހުންނަ ޒަމާންވީ މިސްކިތް "މަސްޖިދުއް ނިޢުމާ"ގައި ނަމާދުކުރުން ހުއްޓާލީ އެތަނުގެ ހަރިންމަ ތެރެއިން ގަބުރު ފެނުމާ ގުޅިގެންނެވެ. ކާށިދޫ ކައުންސިލުން އޭރު މީޑިއާއަށް މައުލޫމާތު ދީފައިވަނީ އެ މިސްކިތް ހުރީ ރަށުގެ ގަބުރުސްތާނު ސަރަހައްދުގައި ކަމަށާއި ކުރިން ސްކޫލްގެ ގޯތިތެރެއިން މިނިކަށި ފެނުމާ ގުޅިގެން މިސްކިތުގެ ތެރޭގައި މިނިކަށި ހުރެދާނެ ކަމަށް ޝައްކުކުރެވޭތީ ހަރިންމަ ތެރެ ކޮނުމުން ދެ ތަނަކުން ގަބުރު ފެނިފައިވާ ކަމަށެވެ. މިސްކިތާ ވަރަށް ކައިރިން މިނިކަށި ފެނުމާ ގުޅިގެން މިސްކިތް ތެރޭގައި ވެސް މިނި ކަށި ހުރިކަމަށް ގަބޫލުކުރެވޭތީ މިސް ކިތް ބަންދުކުރީއެވެ. ފަހުން މިސްކިތުގެ އެތެރެ ކޮނެ ބެލިއިރުވެސް ގަބުރު ފެނުނު ކަމަށް ވެއެވެ.

ކޮންމެއަކަސް މިފަދަ ތާރީޚީ ބިނާތަކާއި އެތަންތަނުން ފެނުނު އާޘާރީ ތަރިކައަކީ ވަރަށް ޝައުގުވެރިކުރުވަނިވި ތަންތަނާއި ތަކެއްޗެވެ. މިތަޖުރިބާ ހަގީގީ މާނައިގައި ކުރެވޭނީ ލޮލުންދެކި އަތުން ހިފައިގެންނެވެ. ކާށިދޫއަކީ ތާރީޚީ ތަންތަނާއި ތަކެތި ބަލައި ހޯދާ ނަމަ "ރަނެއް މަލެއް ޖަވާހިރެއް" ފަދަ ރަށެކެވެ. މިރަށް މިއޮތީ އާޘާރުން ފުރިފައެވެ.

https://wamco.com.mv/
tel:+9607331319