logo

ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނާ މެދު ތަފާތުކުރުން ނުގެންގުޅެމާ!

profile

ޒިދާން މުޙައްމަދު - 10 އޮކްޓޯބަރު 2024 - 19:31

މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހެވެ.

ޑރ ޢަބުދުލް ޢަޒީޒު ޙަމީދު ވިދާޅުވެފައިވާ ގޮތުގައި ނަފްސާނީ ބަލީގެ މީހުންނަކީ ވެސް އެހެންމީހުންނެކޭ އެއްފަދައިން މުޖުތަމަޢުގައި ގަދަރާ، އިހުތިރާމާ، ޝަރަފް ލިބި، ކަރާމާތްތެރިކަމާ، އަބުރުވެރިކަމާއެކު ދިރިއުޅެންޖެހޭ ބައެއްކަން އަންގައިދީ، އެކަންކަމާމެދު އާންމުން ހޭލުންތެރި ކުރަންޖެހެއެވެ. އަދި ނަފްސާނީ ބަލީގެ މީހުންނާމެދު ދެކޭ ގޮތް ބަދަލުކުރުމާއި، ގެންގުޅެވޭ ތަފާތުކުރުންތައް ނައްތާލަންޖެހެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުންގެންދާ އެތައް ހާސް ބަޔަކު އުޅެމުންދާއިރު އޭގެތެރެއިން ގިނަ މީހުންނަކީ އިންސާނީ ހައްގުތަކުން ވެސް މަހުރޫމުވެފައިވާ މީހުންނެވެ. އެމީހުންނާމެދު މުޖުތަމައު ދެކޭގޮތް ހަމައެކަނި ތަފާތީކީ ނޫނެވެ. އެމީހުންނަށް ޖަޒުބާތީ ގޮތުންނާއި، ޖިސްމާނީގޮތުން ނާއިންސާފުން އަމަލުކުރެވެމުން ދެއެވެ. އެކި ސިފަސިފައިގައި ނަހަމަގޮތުގައި އެމީހުން ބޭނުންކުރަމުން ގެންދެއެވެ.

ގައިންގަޔަށް އަރާބަލިތަކާއި ގައިންގަޔަށް ނާރާ އެކި ބަލިތަކުގެ ނުރައްކަލަށް މުޖުތަމަޢު ހުށައެޅެމުންދާއިރު މިފަދަ ގިނަ ބަލިތަކުގެ މުގުލުގައި އޮންނަނީ ނަފްސާނީ ބަލިމަޑުކަމެވެ. ސިކުނޑިއާއި ނުކުޅަދާނަ މިންވަރަށް ހާސްކަމާއި ކަންބޮޑުވުން ކުރިމަތިވެ މީހާ މުޖުތަމަޢާއި ދުރުކޮށްލާ ބިރުވެރި ބައްޔެއްގެ ގޮތުގައި ނަފްސާނީ ބަލި މިކުޑަކުޑަ މުޖުތަމަޢުން ދެނެގަތީ މީގެ މަދު އަހަރުތަކެއް ކުރިންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، އުފެއްދުންތެރި މުރާލި ނަތީޖާ ނެރޭ މީހަކަށް ވުމަށްޓަކައި އިންސާނާގެ ނަފުސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރާ ކަމަށާއި އެހެންކަމުން ނަފުސާނީ ދުޅަހެޔޮ ކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ސަލާމަތް ސިއްޙަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފުސާނީ ދުޅަހެޔޮކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަގުޞަދަކީ ނަފްސާނީ ޞިއްޙަތާމެދު މީހުން ހޭލުންތެރިކޮށް، ނަފުސާނީ ބަލީގެ ޙާލަތްތަކާ ބެހޭގޮތުން މީހުންނަށް މައުލޫމާތުތައް ފޯރުކޮށްދީ، ނަފުސާނީ ދުޅަހެޔޮކޮށް އިތުރުކުރެވޭނެ ގޮތްތައް އޮޅުން ފިލުވައިދީ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ބާރުއެޅުމަށް މަސައްކަތް ކުރުމާއި، ނަފްސާނީ ބަލީގެ މީހުންނާއި މެދު ގެންގުޅޭ ތަފާތު ކުރުން ތައް ނައްތާލައި، އެފަދަ ބަލި މީހުންނަކީ ވެސް މުޖުތަމަޢު ގަބޫލުކުރާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރުމެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ނަފްސާނީ ބަލީގެ އެތައް ބަޔަކު ވަނީ އިންސާނީ ހައްގުތަކުން މަހުރޫމު ކުރެވިފައެވެ. އެފަދަ މީހުންނާމެދު މުޖުތަމައުން ތަފާތުކުރުންތައް ގެންގުޅެއެވެ. އެކަހެރިކުރުންތައް އޮވެއެވެ.

މިފަދަ ދުވަހެއް ފާހަގަކުރުމުގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންނަށް ދިމާވާ ގޮށްޖެހުންތަކާއި ބެހޭގޮތުން ވާހަކަ ދައްކައި، މަޝްވަރާ ކުރުމަށް ފުރުޞަތު ލިބިގެންދެއެވެ. މިދުވަސް ފުރަތަމަ ފާހަގަކޮށްފައިވަނީ 150 އަށްވުރެ ގިނަ މެމްބަރު ގައުމުތައް ހިމެނޭ "ވޯލްޑް ފެޑެރޭޝަން ފޮރ މެންޓަލް ހެލްތު" ޖަމްޢިއްޔާއިން 1992 ވަނަ އަހަރު ގައެވެ. ދުނިޔޭގެ ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކީ ނަފްސާނީ ބަލީގެ މީހެއްކަމަށް ދިރާސާތަކުން ދައްކައެވެ.

ނަފްސާނީ ބަލީގެ ދުވަސް މިއަދު ފާހަގަކުރަމުން ދާއިރު ރާއްޖޭގައި މިވީ ދެ އަހަރުގެ ތެރޭގައި އާސަންދަ މެދުވެރިކޮށް އަށްޑިހަ އެއްހާހަށްވުރެ ގިނަ މީހުން ނަފްސާނީ އެކި ބަލިތަކަށް ފަރުވާ ހޯދާފައިވާއިރު އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރުން މިއަހަރުގެ މިހާތަނަށް އެކަނިވެސް ތޭރަހާހަށްވުރެ ގިނަ މީހުންވަނީ ފަރުވާ ހޯދާފައެވެ.

ބައްޔާ މެދު މީހުން ހޭލުންތެރިކަން އިތުރުވެ ބައްޔަށް ދެވޭ ފަރުވާގެ ޚިދުމަތްތައް މިހާރު މިދަނީ ފުޅާވަމުންނެވެ. އެހެންކަމުން ދެން އޮތް މަރުޙަލާއަކީ މިބަލިން ދިފާޢުވުމަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމުގެ އާދަކާދައާއި ދިމާލަށް ދިޔުމަށް ކުރަންހުރި މަސައްކަތްތައްކަމަށް މިދާއިރާގެ މާހިރުން ވިދާޅުވެއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާބާދުތައް، ނަފުސާނީ ބަލިތަކަށް ހޭލުންތެރިކުރުވުމާއި، ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް އެއްބާރުލުންދެނިވި މަސައްކަތްތަކެއް ކުރުމެވެ. ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "މަސައްކަތުގެ މާޙައުލުގައި ނަފުސާނީ ދުޅަހެޔޮކަން" މިއެވެ.

https://wamco.com.mv/
tel:+9607331319