logo

ފޮނިތޮށި ކާފޫރުތޮޅި އެޅުމުގައި ވެސް ހައްދުފަހަނައަޅައިފި

profile

ޝާމާ ޝުޢައިބު - 14 އޮކްޓޯބަރު 2024 - 19:13

ޚަބަރުފެތުރުން

ޚަބަރުފެތުރުން

މިއަދު މި މުޖުތަމައުގައި ބޭނުންކުރާ އެންމެ ނުރައްކާތެރި އެއް ހަތިޔާރަކީ އެކަކު އަނެކަކުގާތު ދައްކާލާ ނުވަތަ ފަތުރާލާ "ވާހަކަ"އަށް ވަނީ ވެ ނިމިފައެވެ. ފޫހިފުލުވާލުމަށް ކޮންމެވެސް ބޭކާރު ވާހަކައެކެވެ. ތިމާގެ މޮޅުކަން ދައްކާލުމަށް ތިމާގެ މޮޅު ވާހަކައެކެވެ. އަނެކާ ދައްކޮށްލުމަށް އެމީހެއްގެ ދެރަ ވާހަކައެވެ. ބަޔަކަށް ކަމެއް ފޮރުވަންވެއްޖެ ނަމަ ނުވަތަ ބައެއްގެ މެދުގައި ފިތުނައެއް އުފައްދާ ހަލަބޮލިކަން އުފެއްދުމަށް ވެސް ކޮންމެވެސް ވާހަކައެކެވެ. އެ ވާހަޔަކީ ސާބިތުހިފޭ ވާހަކައެއްތޯ ނުވަތަ ނޫންތޯ ވެސް ބެލުމެއް ނެތެވެ. ތެދެއް ދޮގެއް ބެލުމެއްނެތި ކަންކަންމަތީވެސް އެ ވާހަކަތައް ދައްކަނީއެވެ. ޖޯލިތަކުގަޔާ ކޮފީތަކުގައި ވެސް އެ ވާހަކަތަކެވެ. ކޮންމެއަކަސް މިއަދު އެންމެ ގިނަ ބަޔަކު ނަހަމަ ގޮތުގައި ބޭނުންކުރާ އެއް ހަތިޔާރަކީ އެ ވާހަކަތަކެވެ.

މިފަދަ ކޮންމެ ވާހަކައެއް އެންމެ އަވަހަށް ފެތުރިގެންދަނީ މީޑިއާ މެދުވެރިކޮށެވެ. މީޑިއާގެ ޒަރީއާއިން ފަތުރާ އަދި ފެތުރޭ ވާހަކަތަކަކީ ނުހަނު އަވަހަށް، ފަސޭހަކަމާއެކު ވައިގަ ހިފާ، ވާހަކަތަކެކެވެ. އެހެންކަމުން މީހުން ހޭލުންތެރިކަން ބައްޓަން ކުރުމުގައި އަދި މީހުންގެ ބުއްދިއާ ޝުއޫރުގެ މައްޗަށް ނުފޫޒު ފޯރުވުމުގެ އެންމެ ބޮޑު އެއްބާރެއް ލިބިގެންވާ ބަޔަކީ މީޑިއާތަކެވެ. ވީއިރު އެންމެ ޒިންމާދާރުވާން ޖެހޭ އެއް ފަރާތަކީ ވެސް މީޑިއާއެވެ. ނަމަވެސް މިއަދު މި ފެންނަނީ ބައެއް ފަރާތްތަކުން މި ހައްގުގެ ބޭނުންވެސް ނަހަމަގޮތުގައި ބޭނުން ކުރަމުންދާ ތަނެވެ.

ހަތްގުދު ލީ މީހާ އެއްގުދު ލީ މީހާއަށް ގުދޯގުދޯ ގޮވާ މަންޒަރަކީ މުޖުތަމައުން އާންމުކޮށް ފެންނަ މަންޒަރުތަކެވެ. މި ބީދައިން ގިނަ މީހުންނަކީ ވާހަކަތައް ފެތުރުމުގައި ޒިންމާދާރު ކަމާ ތެދުވެރިކަމާއެކު ކަމުގެ އަސްލު ނޯޅޭ ގޮތަށް ވާހަކަތައް ފެތުރުމަށް ނިކަން އަޑަށްބާރުލާފައި އެކަކު އަނެކަކަށް ނަސޭހަތްތެރިވާ މީހުންނެވެ. ނަމަވެސް ހަގީގަތަކީ ހަމަ އޭގެތެރެއިން ގިނަ މީހުންނަކީ ތަނަކުން ފެންނަހާ ޚަބަރެއް ފެނުނު ގޮތަކަށް ނުވަތަ އެޔަށް 'ކަރަންފޫ ކާފުރުތޮޅި' އަޅައިގެން އެ ވާހަކަ ފަތުރާ މީހުންނެވެ.

މާދުރަކަށް ދާކަށް ނެތީމެވެ. އާދިއްތަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ނަޒަރު ހިންގާލިޔަސް މިގައުމުގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ މިންވަރު ހާމަވެއެވެ. ހިތާމަވެރި މަރެއްގެ ހަގީގަތް ބަލާލުމެއް ނެތި ދުނިޔޭގައި ނެތް މީހެއްގެ ކަރާމާތަށް އުނިކަން އަންނަ ވާހަކަތަކެއް ހިމެނޭ ބޮޑު ޑޮކިއުމަންޓްރީއެއް މީޑިއާއަކުން ބްރޯޑްކާސްޓުކުރީ މިދިޔަ ހަފުތާގައެވެ. އެކަން ހިނގައި ދިޔަގޮތުގެ މައުލޫމާތު ކަމަށް ބުނެ ޓީވީ ޗެނަލަކުން ބްރޯޑްކާސްޓުކުރި އެ ޑޮކިއުމަންޓްރީގައި އެތައް ބައެއްގެ ކަރާމާތަށް އުނިކަން އަންނަފަދަ އެތައް ވާހަކައެއް ހިމަނާފައިވެއެވެ.

މިހުރިހާ ވާހަކަތައް ފުލުހުން ދޮގުކުރަންޖެހޭއިރު، ނޫސްވެރިންގެ ބައްދަލުވުމުގައި މަރުވެފައިވާ މީހެއްގެ ޒާތީ މައުލޫމާތު ފުލުހުން ހާމަކުރިގޮތް އެއީ އެންމެ ޒިންމާދާރު ގޮތް ނޫން ކަމަށް ބުނެވިދާނެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އެފަދަ ހަގީގަތެއް ނެތް ވާހަކަ ނުފެތުރުމަށް އިލްތިމާސް ކުރިއެވެ. ނަމަވެސް ސުވާލަކީ ހަމަ އެހުރިހާ ޒާތީ މައުލޫމާތު ހިއްސާ ކުރުން މުހިއްމުތޯއެވެ. އެ ޑޮކިއުމަންޓްރީ ތައްޔާރު ކުރި ބަޔަކާ ފުލުހުން ވެސް ހަމަ އެއް ފަހަރު ވެސް ދުނިޔެއާ ވަކިވި އެ ފުރާނައިގެ އާއިލާއާ އެކުވެރިންނާ މެދު ވިސްނާލިތޯއެވެ. އެ މައުލޫމާތުތަކުގެ ސަބަބުން އެތައް ބަޔަކަށް އޭގެން އަސަރު ކުރާނެކަން ހަމަ ނުވިސްނުނީތޯއެވެ. އެކަމުން ބައެއްގެ ނަފްސާނީ ސިއްހަތު ގޯސްވެގެން ދިއުމުގެ ފުރުސަތު އޮތްތޯ ނުވަތަ ނޫންތޯ ވެސް ބަލާލިތޯއެވެ. ފުލުހުން ކުރި މަސައްކަތް ރަނގަޅެވެ. ނަމަވެސް އެހުރިހާ ޒާތީ މައުލޫމާތު އެންމެނަށް ހަމަ އެނގުން މުހިއްމުބާއެވެ. މިއީ ހަމަ ހިތަށްއަރާ ސުވާލުތަކެވެ.

ކޮންމެއަކަސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެކި މީސްމީހުންނާ ބެހޭ ގޮތުން މީޑިއާގައި ލިޔެވޭ ދޮގު ޚަބަރުތަކުގެ ސަބަބުން އެ މީހުންގެ އަބުރާއި އިންސާނީ ކަރާމާތް ގެއްލެމުންދާ ކަމެވެ. އަދި ފަރުދުންގެ އިންސާނީ ކަރާމާތާއި އަބުރު ގެއްލުވާލުމަށް އެއްވެސް ބަޔަކު މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމަކީ އެއްވެސް މީހަކު ގަބޫލުކުރާނެ ކަމެއް ނޫނެވެ. މީޑިއާގައި ޚަބަރެއް ރިޕޯޓު ކުރުމުގެ ކުރިން އެއީ ހަގީގަތެއް އެކުލެވޭ ވާހަކައެއްތޯ މީޑިއާގެ އިސްވެރިން ބަލަންޖެހެއެވެ. އަމިއްލަ ބޭނުމަށް ނުވަތަ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ވިޔަސް ކުރާ މިފަދަ ކަންކަމުގެ ސަބަބުން އެތައް ބަޔަކަށް އޭގެ އަސަރުކުރާނެ ކަމެއްކަން ހަމަ ނޭގެނީތޯއެވެ. ނުވަތަ އެނގުނަސް، ނޭނގޭކަމަށް ހެދެނީތޯއެވެ. ނުވަތަ ސިޔާސީ ވަކި މަންފާއެއް ހާސިލްކުރުމުގެ ބޭނުމުގައި މަރުވެފައި އޮތް ފުރާނައެއްގެ ބޭނުން ކުރިއިރު، އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ހަމަ ނެތީތޯއެވެ.

https://wamco.com.mv/
tel:+9607331319