logo

ކާށިދޫ: އިހުގެ ފޯކުލޯރުތަކުގެ ޚަޒާނާއެއް!

profile

ޒިދާން މުޙައްމަދު - 21 އޮކްޓޯބަރު 2024 - 17:34

ކ. ކާށިދޫ - އަރާމަގު ކަމަށް ބުނާ ސަރަހައްދު --- ފޮޓޯ: ޒިދާން މުޙައްމަދު / އަސްލު ޓީވީ

ކ. ކާށިދޫ - އަރާމަގު ކަމަށް ބުނާ ސަރަހައްދު --- ފޮޓޯ: ޒިދާން މުޙައްމަދު / އަސްލު ޓީވީ

މާލެ އަތޮޅު ކާށިދޫއަކީ ވަށައިގެން މާކަނޑުގެ ބިޔަ ރާޅުތައް ބިންދަމުންދާ ގާމަތީ ރަށެކެވެ. ގުދުރަތީ ގޮތުން މުއްސަނދި، އެތައް ހާއްސަ ސިފަތަކެއް ލިބިފައިވާ މިރަށުގެ ޖަޒީރާވަންތަ ވެށީގެ ޗާލުކަން ބަލައި ފޫހިނުވާނެއެވެ. އެކަމަކު، މިފަހަރު އެވާހަކައެއް ނޫނެވެ. މިއޮތީ ކާށިދޫއާ ގުޅިފައިވާ އެހެން ވާހަކައެކެވެ.

މިރަށަކީ އިހުގެ ފޯކުލޯރުތަކުގެ ޚަޒާނާއެކެވެ. ދިވެހީންގެ މެދުގައި މަޝްހޫރު ދޮންމޮހޮނާއި މިޔަރުގެ ވާހަކައާއި އަރާމަގު ދޮންކަމަނަ ވާހަކައަކީ މިރަށާ ގުޅިފައިވާ ތާރީޚީ ވާހަކަތަކެކެވެ. އަރާމަގު ދޮންކަމަނަ އާއި ކާށިދޫ ދޮން އަޙުމަދު ދިރިއުޅުނީ ޖަންގަލީ ސަރަހައްދު ބޮޑު މިރަށުގެ ވަލުތެރޭގައެވެ. އަދި ދޮންމޮހޮނާއި އޭނާ އޮޅު ކޮށްގެން ގެންގުޅުނު މިޔަރު އޮތް ވަޅުގަނޑުވެސް މި ރަށުގެ ވަކި ހިސާބެއްގައި ވެއެވެ.

މިވާހަކަތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ޝައުގުވެރި ވާހަކައަކީ އަރާމަގު ދޮންކަމަނަ ވާހަކައެވެ. ނުވަ އަހަރުގެ ޒަވާޖީ ގުޅުމަކަށްފަހު ދޮން އަޙުމަދު ދޫކޮށް، ދޮންކަމަނަ ވަކިވާ ހިސާބުން ވާހަކަ ނިމުނެއް ކަމަކު، އެ ދެމަފިރީންގެ ޒިކުރާއަށް ނިމުމެއް ނުވެއެވެ. އަވަށުތެރެއާ މާދުރުގައި ރަށު މީހުންނާ މާދުރުގައި ވަލުތެރޭ ލޯބިލޯބިން އުޅުނު ދޮންކަމަނައާއި ދޮން އަޙުމަދުގެ ވާހަކަ ދޫދޫމަތިން ކޮންމެ ގޮތަކަށް އައި ކަމުގައި ވިޔަސް ގިނަ ބަޔަކުއިއްތިފާޤުވާ ކަމެއް އެބަ އޮތެވެ.

ދޮންކަމަނައާއި ދޮން އަޙުމަދުގެ ލޯބީގެ ކުޅިގަނޑާއި ޒަވާޖީ ހަޔާތަކީ ހަގީގަތެކެވެ. ޚިޔާލު ތަފާތުވުން އޮތީ ދޮންކަމަނައަކީ ޖިންނިއެއް ނުވަތަ ހަންޑިއެއް ކަމަށް ބުނާ ބުނުމާ މެދުގައެވެ.

ކ. ކާށިދޫ - ގަސްބޯ ޖަންގަލީ ސަރަހައްދު --- ފޮޓޯ: ޒިދާން މުޙައްމަދު / އަސްލު ޓީވީ

ވާހަކައިގެ ޚުލާސާއަކަށް ޖެހިލަމާ ހެއްޔެވެ؟ ވާހަކާގައި ރައިވެރިއެއް ކަމަށްވާ ދޮން އަޙައްމަދަށް ދޮންކަމަނަ ދިމާވީ މިރަށުގެ ގަސްބޯ ވައު ތެރެއިންނެވެ. އޭގެ ފަހުން ދެމީހުން ދިމާވި ސަރަހައްދުގައި ރަށުގެ މީހުންނާ އެކަހެރިކޮށް އަމިއްލަ ދިރިއުޅުމެއް ފެށިއެވެ. މިދިރިއުޅުމުގައި ލައިގެން ކާނޭ ތަކެއްޗާއި ކާނާ ހޯދަނީ ދޮންކަމަނައެވެ. ރަށުގެ އެހެން މީހުން އެގެއާއި އިންވެގެންވާ ސަރަހައްދަށް ގެނައުމުގެ ހުއްދައެއް ދޮންކަމަނަ ފިރިމީހާއަކަށް ނުދެއެވެ. އެ ދެމީހުން ދިރިއުޅުން ބިނާކޮށް ދަރިން ވެސް ހޯދި ފަހުން ދޮން އަޙައްމަދަށް ދޮންކަމަނައަކީ ޖިންނިއެއްކަން އެނގުނެވެ. އިސާހިތަކު ދެމީހުންގެ ގުޅުން ކެނޑިގެން ދެއެވެ. ނުރުހުުމުގައި ދެކުދީންގެ ތެރެއިން އެއް ކުއްޖަކު ގޮވައިގެން ދޮންކަމަނަ ފިލައިގެން ދަނީއެވެ. މިއީ އަރާމަގު ދޮންކަމަނަ ވާހަކާގައިވާ ގޮތެވެ.

ދޮންކަމަނަ ރަށަށް އަަރައިގެން އައި މަގާއި އެމީހުން ދިރިއުޅުނު ސަރަހައްދު މިއަދުވެސް ފެންނާން އެބަ އޮތެވެ. އެކަމަކު، މިރަށުން ވާހަކަދެއްކި ހަރުފުރައިގެ މީހުންނާއި އިސްރަށްވެހީންގެ ވާހަކަތަކުން ދޮންކަމަނައަކީ ޖިންނިއެއް ކަމަށް ބުނާ ބުނުމަށް ކާށިދޫ މީހުން ދެކޮޅެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ދޮންކަމަނައަކީ ދަތުރުވަރެއްގައި އެ ރަށަށް އެރި އަންހެން ކުއްޖެކެވެ. ފަހުން އެ ޒުވާނާ ފިލައިގެން ދަނީއެވެ. ތުންތުންމަތިން ވާހަކަ އައިއިރު ދޮންކަމަނަ ޖިންނިއަކަށްވީއެވެ.

އަރާމަގު ދޮންކަމަނައަކީ އުތުރުން މާލެ ދަތުރުކުރި ދޯންޏެއްގައި ކާށިދޫއަށް ފޭބި އަންހެނެއް ކަމަށް އެރަށު މީހުން ބުނެއެވެ. ދޮންކަމަނައަށް ކާށިދޫއަށް ފޭބިފައިވަނީ ކާށިދޫގެ އެންމެ އިރު އުތުރު ފަރާތަށެވެ. ރަށަށް ފޭބި ގޮތަށް އޭނާއަށް އަނބުރާ ދޯންޏަށް ނޭރެނީސް އެ ދޯނި ފުރީއެވެ. ނުވަތަ އެފަަދަ އެހެން ހާދިސާއެއް ދިމާވެގެން ދޮންކަމަނައަށް ރަށުގައި މަޑު ކުރަން މަޖުބޫރެއްވީއެވެ.

އެކަމަކު އެ ސަރަހައްދުގައި ބޯކޮށް ކަށި ގަސްތައް އޮތުމުގެ ސަބަބުން ރަށުތެރެއަށް އެރުމަށް ދޮންކަމަނައަށް ދެން ދެވޭނީ ޗަސް ބިމާއި ކުޅިއެއް ކުރިން އޮތް ދެރަބެޖާޑި ސަރަހައްދަށެވެ. އެއީ މިހާރު އަރާމަގު ކަމަށް ކާށިދޫ މީހުން ބުނާ ސަރަހައްދެވެ.

ދެން އުފެދޭ ސުވާލަކީ އެއީ އިންސާނެއްނަމަ، ލައިގެންކާނޭ ތަކެތި ހޯދުން އަޙްމަދަށް މަނާކުރީ ކީއްވެ ހެއްޔެވެ؟ އެ އަންހެންކުއްޖާ އެ ތަކެތި ހޯދަނީ ކިހިނެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބުވެސް ކާށިދޫގައި އެބަ އޮތެވެ. ދެރަބެޖާޑި ސަރަހައްދުގައި ކުޅިއެއް އޮތުމުން ކަންޒުކަހަނބާއި އެކި ބާވަތުގެ މަސް ހިފުމަކީ ދޮންކަމަނަައަށް މާ އުނދަގޫ ކަމަކަށް ނުވާނެއެވެ. އެހެންވެ ލައިގެން ކާނޭ ތަކެތި ހޯދަނީ އެ ކުޅިން ދޮންކަމަނައެވެ.

އަރަމާގަގު ދޮންކަމަނަ ވާހަކަައިގައި އުޅޭ ދޮންކަމަނައަކީ އިންސިއެއްތޯ ޖިންނިއެއްތޯ މިއީ އަދިވެސް ޔަގީނާ ގާތަށް ޖަވާބު ލިބިފައިވާ ސުވާލެއް ނޫނެވެ. އެހެންކަމުން، މިކަމުގައި ވަކި ރައުޔެއް ނެރުމުގެ ވިސްނުމެއް އަހަރެންގެ ނެތެވެ. އެނގޭހާވެސް ކަމަކީ ކާށިދޫއަކީ ޝައުވެރި އެތައް ވާހަކައަކުން ފުރިފައިވާ ޚަޒާނާއެއް ކަމެވެ.

https://int.etukuri.mv/
tel:+9607331319