logo

ފިރިހެނުންނަށް ވެސް އުރަމަތީގެ ކެންސަރު ޖެހޭ، މިއީ ލަދުވެތިކަމެއް ނޫން!

profile

ޝާމާ ޝުޢައިބު - 17 އޮކްޓޯބަރު 2024 - 19:07

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުން

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުން

އުރަމަތި އުފެދިފައިވަނީ މިލިޔަނަށްވުރެ ގިނަ ސެލް ތަކަކުންނެވެ. ކެންސަރޭ ކިޔަނީ މިގޮތަށް ހަށިގަނޑުގައި އުފެދިފައިވާ ސެލްތައް އެއްވެސް ކޮންޓްރޯލެއްނެތި އިތުރުވާ އިތުރުވުމަށެވެ. އުރަމަތީގެ ކެންސަރަކީ އުރަމަތީގައިވާ ސެލްތައް އެއްވެސް ކޮންޓްރޯލެއްނެތި އިތުރުވުމެވެ. މިގޮތަށް އިތުރުވާ ސެލްތައް ހަށިގަނޑުގެ އެހެން ބައިތަކަށް ދަތުރުކޮށް މުޅި ހަށިގަނޑަށް ބަލި ފަތުރައެވެ. އުރަމަތީ ކެންސަރަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ވަރަށް އާއްމުކޮށް ފެންނަ ކެންސަރުގެ ވައްތަރެކެވެ. ކެންސަރަށް ފަރުވާކުރާ ކުރަން ސިއްހީ ދާއިރާގައި ވެސް ގޮންޖެހުން ތަކެއް ހުރި އިރު ހަމައެކި 2021 ވަނަ އަހަރުވެސް ދުނިޔޭގެ ނިސްބަތުން 685000 މީހުން މި ބަލީގައި ދުނިޔެ ދޫކޮށްފައިވާކަމަށް ދުނިޔޭގެ ސިއްޚީ އިދާރާ އިން ބުނެފައިވެއެވެ.

ރާއްޖޭގައި ވެސް އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ހިމެނޭކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ. ދުނިޔޭގެ ކެންސަރުބަލީގެ ދުވަހު ނެރުނު ރިޕޯޓްގައި އެޗްޕީއޭއިން ބުނެފައިވަނީ، ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު، ލޭގެ ކެންސަރު، ތައިރޮޑް، ޕްރޮސްޓޭޓް ކެންސަރު ހިމަނޭ ކަމަށެވެ.

އުރަމަތީގެ ކެންސަރަކީ ގިނަ މީހުން ދެކޭގޮތުގައި ހަމައެކަނި އަންހެނުންނަށް ޖެހޭ ބައްޔެކެވެ. ނަމަވެސް، މިއީ ފިރިހެނުންނަށް ވެސް ޖެހޭ ބައްޔެކެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އުރަމަތީގެ ކެންސަރު ޖެހޭ ފިރިހެނުންގެ އަދަދު މަދުނަމަވެސް، މި ބަލީގެ ސަބަބުން މަރުވާ ފިރިހެނުންގެ އަދަދު ނިސްބަތުން ގިނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ދުނިޔޭގެ ނިސްބަތުން ބާލާލާއިރު އުރަމަތީ ކެންސަރު ޖެހޭ ފިރިހެންނުންގެ އިންސައްތަ އަކީ 0.05 އެކެވެ.

ޓިއުމަރު އުފެދެނީ ދުޅަހެޔޮ ސެލްތައް ކެންސަރު ސެލްތަކަށް ބަދަލުވުމުންނެވެ. ސިއްހަތަށް ފައިދާހުރި ސެލްތަކާ ހިލާފަށް ކެންސަރު ސެލްތައް ހަލުވިކަމާއެކު އެތައް ގުނައެއް އިތުރުވެ މަރުނުވެއެވެ. އެންމެ ފަހުން ޓިއުމަރުގެ ސެލްތައް ފަޅައިގެން ގޮސް ހަށިގަނޑުގެ އެހެން ހިސާބުތަކަށް ދަތުރުކުރަނީ ލިމްފެޓިކް ސިސްޓަމް ނުވަތަ ލޭގެ ޒަރިއްޔާއިންނެވެ. ފެތުރޭ ކެންސަރަށް ކިޔަނީ މެޓަސްޓޭޓިކްއެވެ.

ފިރިހެނުންނަށް އުރަމަތީގެ ކެންސަރު ޖެހޭ ސީދާ ސަބަބެއް ނޭނގެއެވެ. ނަމަވެސް ބައެއް ކަންކަމަކީ އެ ބަލީގެ ނުރައްކާ ބޮޑުވާ ކަންކަމެވެ. އުމުރުން ދުވަސްވާ ވަރަކަށް ފިރިހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އެކަމަކު މިއީ ޒުވާން ފިރިހެނުންނަށް ވެސް ކުރިމަތިވެދާނެ ކަމެކެވެ. ހަށިގަނޑުގައި އީސްޓްރޮޖެން މިންވަރު މަތިވުމަކީ އަނެއް ސަބަބެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ފިރިހެނެއްގެ ގައިގައި އީސްޓްރޮޖެން ހުންނަން ޖެހޭ މިންވަރަށް ވުރެ މަތިކޮށް ހުންނަ ނަމަ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ރޭޑިއޯތެރަޕީ ހަދާފައިވާ ފިރިހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ. އާއިލާ ތެރޭގައި ކުރިން އުރަމަތީގެ ކެންސަރު ފާހަގަވެފައި ތިބި ފިރިހެނުންނަށް ވެސް ބަލި ޖެހުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް އޮންނަ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެއީ އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވާ ޖީންއެއް އާއިލާ ތެރެއިން ވާރުތަވާތީ އެވެ.

ފިރިހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ އެންމެ އާންމު ބާވަތްތަކުގެތެރޭގައި އިންވޭސިވް ޑަކްޓަލް ކާސިނޯމާ އަދި ޑަކްޓަލް ކާސިނޯމާ އިން ސީޓޫ (ޑީސީއައިއެސް) ހިމެނެއެވެ. އިންވޭސިވް ޑަކްޓަލް ކާސިނޯމާގައި ކެންސަރު ގެ ސެލްތައް ޑަކްޓްތަކުން ފަށައި، ޑަކްޓްތަކުގެ ބޭރުން އުރަމަތީގެ ޓިޝޫގެ އެހެން ބައިތަކަށް އުފެދެއެވެ. އިންވޭސިވް ކެންސަރު ސެލްތައް ހަށިގަނޑުގެ އެހެން ހިސާބުތަކަށް ވެސް ފެތުރި، ނުވަތަ މެޓަސްޓޭސައިޒް ކޮށްފާނެއެވެ. ޑަކްޓަލް ކާސިނޯމާ އިން ސީޓޫ (ޑީސީއައިއެސް) އަކީ ޑަކްޓްގެ ލައިނިންގ އިން އާދަޔާ ހިލާފު ސެލްތައް ފެނިފައި ނަމަވެސް ޑަކްޓްގެ ބޭރަށް ފެތުރިފައި ނުވާ ނޮން އިންވޭސިވް ކެންސަރެކެވެ.

އުރަމަތީގެ ކެންސަރުޖެހޭ ފިރެހެނުން ކުރީބައިގައި ދެނެގަނެވިއްޖެނަމަ މިކަމަށް ފަރުވާ ހޯދުމަށް ފަސޭހަވެއެވެ. މިކަމަށް ދެވޭ ފަރުވާގެ ތެރޭގައި އުރަމަތީގެ ޓީޝޫތައް ނެގުމަށް ސަރޖަރީ ހެދުން ހިމެނެއެވެ. މީގެއިތުރުން ކީމޯތެރަޕީ ދިނުމާއި، ރޭޑިއޭޗަން ތެރަޕީދިނުން ހިމެނެއެވެ. އެމީހަކަށްދޭނެ ޓްރީޓްމަންޓެއް ބިނާވެގެންވަނީ އެމީހެއްގެ ހާލަތައް ބެލުމަށް ފަހުގައެވެ. ފިރިހެނުންނަށް އުރަމަތީގެ ކެންސަރުގެ ނުރައްކާ ބޮޑުވަނީ އަންހެނުންނަށްވުރެ މެމަރީ ގްލޭންޑްސް މަދުވުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ކެންސަރު އަވަހަށް މަސްގަނޑަށާއި ކަށްޓަށް އަދި އެހެނިހެން ގުނަވަންތަކަށް ފެތުރިގެންދެއެވެ.

އުރަމަތީގެ ކެންސަރަކީ ފިރިހެނުންނަށްވެސް ޖެހޭ ބައްޔެއްކަން ގަބޫލުކުރަން ޖެހެއެވެ. މި ކަމާ ގުޅޭގޮތުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ސިއްހީ ދާއިރާއިން މިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި، ސްކްރީނިންގ ޕްރޮގްރާމްތައް ހިންގުމަކީ މި ބަލި ކުރިން ދެނެގަތުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.

https://int.etukuri.mv/
tel:+9607331319