ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިޔަށް އޮތް 2 ހަފްތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައިން ދިވެހި ޤައުމު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި، މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނުގެ ބަދަލު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެގޮތުން، މިސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިޔަށް އޮތް 2 ހަފްތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ހުރި ބައެއް އުނިކަންކަން ކަމަށެވެ.
އެހެންކަމުން، މަސްތުވާތަކެތީގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ޤާނޫނު ރިވިއުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށެވެ.