logo

ސަރުކާރުގެ ދެކޮޅުހެދުމާއި، ނޫސްވެރިން ކަންބޮޑުވުން ފާޅުކުރުމުން މީޑިއާ ކޮމިޝަނުގެ ބިލް އަނބުރާ ގެންގޮސްފި

profile

މުޙައްމަދު ހަފީޒް - 26 ނޮވެމްބަރު 2024 - 13:07

ސަރުކާރުގެ ދެކޮޅުހެދުމާއި، ނޫސްވެރިން ކަންބޮޑުވުން ފާޅުކުރުމުން މީޑިއާ ކޮމިޝަނުގެ ބިލް ހުށަހެޅި މެމްބަރު، އެ ބިލް އަނބުރާ ގެންގޮސްފިއެވެ.

މީޑިއާތަކުގެ އިތުރުން ވަކިވަކި ނޫސްވެރިން ވެސް ޖުރިމަނާކޮށް ސުވާލު ކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހަށް އަމިއްލަގޮތުން އިންތިޚާބުވެވަޑައި ގެންނެވި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރުއެވެ.

ބިލު އަނބުރާ ގެންގޮސްފައިވާކަން މިއަދު ބޭވި ރައްޔިތުންގެ މަޖިލީހުގެ ޖަލަްސާގެ ރިޔާސަތުން ވަނީ ރަސްމީކޮށް އަންގާފައެވެ.

ބިލުގައި ހުށަހަޅާފައިވަނީ ހަތް މެންބަރުންގެ މައްޗަށް މީޑިއާ ކޮމިޝަން އެކުލަވާލުމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައިސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ހަތަރު މެންބަރުންނާ މީޑިއާއިން އިންތިހާބުކުރާ ތިން މެންބަރުން ހިމެނޭ ގޮތަށެވެ. އެގޮތަށް ހެދުމުން ކޮމިޝަންގެ މެޖޯރިޓީ ނުވަތަ އަޣުލަބިއްޔަތު އޮންނާނީ ސަރުކާރަށެވެ.

ރައީސަށް އެ ކޮމިޝަނަށް މެންބަރުން އައްޔަނުކުރެވޭނީ މަޖިލީހުގެ ރުހުމާއެކު ކަމަށް ބިލުގައި ބުނެފައިވާއިރު މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ އަޣުލަބިއްޔަތު، ނުވަތަ ސުޕަމެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީއަށެވެ.

ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަނުކުރުމުގެ ބާރު ރައިސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ބިލްގައި ވެއެވެ.

އެ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ، މީޑިއާތަކާ މެދު އެޅޭނެ ފިޔަވަޅުތައް ވެސް ބިލުގައި ހިމަނާފައިވެއެވެ.

ސުލޫކީ މިންގަނޑާއި ތަކުރާރުކޮށް ހިލާފުވެއްޖެ ނަމަ ނޫސްވެރިއަކަށް 5000 ރުފިޔާއާއި 50،000 ރުފިޔާގެ އަދަދަކުން ޖުރިމަނާ ކުރެވޭއިރު، ވަކިވަކި ނޫސްވެރިން 10،000 ރުފިޔާއާއި ހަމައަސް ޖުރިމަނާ ކުރެވެއެވެ.

މި ބިލާ ގުޅިގެން ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދިޔަަަށް ދަނޑިވަޅުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވިދާޅުވީ ނޫސްތަކާ މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ހަމައެއް ނޫން ކަމަށެވެ.

އަދި މާތް ވެގެންވާ އިސްލާމްދީނާ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށް ވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ޙައްޤު އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

https://int.etukuri.mv/
tel:+9607331319