
ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް---
އެއްބަސްވާ ނަމަ ރަކީދޫ ރައްޔިތުން މާލެ ކައިރި ސަރަހައްދަކަށް ބަދަލުކުރަން ސަރުކާރުން އޮތީ ތައްޔާރަށް: މުއްތަލިބް

ޖިނާން ޙުސައިން ޖަބީން - 24 ނޮވެމްބަރު 2026 - 10:21
ދިވެހިރާއްޖޭގައި އާބާދީ އެންމެ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ވ. ރަކީދޫގެ ހުރިހާ ރައްޔިތުން އެއްބަސްވާނަމަ، މާލެއާ ކައިރި ސަރަހައްދަކަށް އެ ރަށުގެ ރައްޔިތުން ބަދަލުކުރުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އާބާދީ މަދު ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ބަދަލުކުރުމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުން ފެށިގެންވެސް ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކުރިއަށްގެންދާ ކަމެއް ކަމަށެވެ. އެގޮތުން މިފަދަ ނިންމުމެއް ނިންމެނީ ރަށުގެ އެންމެހައި ރައްޔިތުންގެ އިއްތިފާގު ލިބިގެން ކަމަށާއި، ރަކީދޫ ރައްޔިތުން ބަދަލުކުރުމުގެ މަސައްކަތް މިހާތަނަށް ކުރިއަށް ނުގޮސް މަޑުޖެހިފައިވަނީ ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބަސްވުން ލިބިފައިނުވާތީ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ރުހުމާއެކު އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ކާމިޔާބު މިސާލެއްގެ ގޮތުން މިނިސްޓަރު ފާހަގަކުރެއްވީ މ. ރަތްމަންދޫ ރައްޔިތުން ކ. ތުލުސްދޫއަށް ބަދަލުކުރުމުގެ މަޝްރޫއެވެ. އެގޮތުން ރަތްމަންދޫ ރައްޔިތުންނަށް ތުލުސްދޫން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި އެމްއޭސީއެލުން ހުށަހަޅާފައިވާ ޕްރޮޕޯސަލް މިހާރު އިވެލުއޭޓް ކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރަކީދޫ ރައްޔިތުން މާލެއާ ކައިރި ސަރަހައްދަކަށް ހިޖުރަކުރުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށިގެން ދިޔައީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އެ ބައްދަލުވުމުގައި ވާހަކަދެއްކި ގިނަ ރައްޔިތުން ވަނީ މާލެ ސަރަހައްދަށް ދިރިއުޅުން ބަދަލުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިފައެވެ.
ރަކީދޫގައި މިހާރު ދިރިއުޅެމުން ދަނީ ގާތްގަނޑަކަށް 60 އެއްހައި މީހުންނެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ނަފްސާނީވާން ދިމާވާ އެންމެ ބޮޑުމައްސަލައަކީ އަޅުވެތިކަން: މައުރޫފް
28 މިނިޓު ކުރިން

"ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ސަރުކާރުން ހަމަހަމަކަން ގެންގުޅެންޖެހޭ"
28 މިނިޓު ކުރިން

އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
ގަޑިއިރެއް ކުރިން

އެސްއޯއީތަކުގެ މުވައްޒަފުން ސިޔާސީ ޕާޓީތަކަށް ސޮއިކުރުން މަޖުބޫރުކުރުން މަނާކުރާ ބިލެއް ހުށަހަޅައިފި
ދުވަހެއް ކުރިން


