logo
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް---

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް---

އެސްއޯއީތަކުގެ މުވައްޒަފުން ސިޔާސީ ޕާޓީތަކަށް ސޮއިކުރުން މަޖުބޫރުކުރުން މަނާކުރާ ބިލެއް ހުށަހަޅައިފި

profile

ޖިނާން ޙުސައިން ޖަބީން - 23 ނޮވެމްބަރު 2026 - 12:06

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަކި ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށާއި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުން މަނާކޮށް، އެއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. މި ބިލުގެ ފުރަތަމަ ކިއުން ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

މި އިސްލާހުގައި ވަނީ ވަޒީފާއާބެހޭ ގާނޫނުގެ 4 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމަށެވެ. އެގޮތުން، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަކި ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް އެންގުމާއި، ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުވުން މަނާކުރުން ހިމެނެއެވެ. އަދި އެފަދަ ކަމަކަށް އެއްވެސް މުވައްޒަފަކަށް އަމުރުކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅައި، އެ ކުށަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލުގައި ވަނީ ހިމަނާފައެވެ.

މެންބަރު މީކާއީލް މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކުރައްވާފައިވަނީ، ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކަށާއި އިސް މަގާމުތަކަށް މީހުން އައްޔަނުކުރަނީ ސަރުކާރުން ކަމަށްވާތީ، އެ ފަރާތްތަކުން އާދައިގެ މުވައްޒަފުންނަށް ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރުމަށާއި، ޕާޓީގެ އިވެންޓުތަކަށް ނުކުތުމަށް މަޖުބޫރުކޮށް ފިއްތުންތައް ކުރިމަތިކުރުމުގެ ފުރުސަތު އޮންނާތީއެވެ.

މީގެއިތުރުން، އެފަދަ އަމަލުތަކަކީ މިހާރު ގާނޫނުގައި ސީދާ ކުށެއްގެ ގޮތުގައި ބަޔާންކޮށް އަދަބު ކަނޑައެޅިފައިވާ ކަންކަމަށް ނުވާތީ، މި ބިލުގެ މަގްސަދަކީ ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނީ އަދަބު ކަނޑައެޅުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

https://wamco.com.mv/
tel:+9607331319