logo
ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިހުރި ވިނަރެސް ފުލެޓްތައް---

ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިހުރި ވިނަރެސް ފުލެޓްތައް---

ހަމަހަމަކަމާއެކު ފްލެޓުގެ ހައްގު ލިބޭގޮތަށް އާއިލާއާ ބެހޭ ގާނޫނު އިސްލާހުކުރަން ހުށަހަޅައިފި

profile

ޖިނާން ޙުސައިން ޖަބީން - 23 ނޮވެމްބަރު 2026 - 09:15

ދައުލަތުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ދަށުން ދޫކުރާ ފްލެޓާއި ގޯތި ފަދަ ތަންތަނަކީ ދެމަފިރިންނަށް ހަމަހަމައަށް ހައްގު ލިބޭ އެއްޗެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، އާއިލާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

https://wamco.com.mv/

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ، ކައިވެނިކޮށްގެން އުޅޭ ދުވަސްވަރު ދެމަފިރިންނަށް ލިބޭ ދައުލަތުގެ ބޯހިޔާވަހިކަމުގެ ހައްގުތަކާއި އެހެނިހެން މުދާ، ދެމަފިރިންގެ މެދުގައި އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ކަށަވަރުކޮށްދިނުމެވެ.

މި އިސްލާހު ހުށަހަޅަން ޖެހުނު ސަބަބުތައް ބަޔާންކުރައްވަމުން މެންބަރު ފާހަގަކުރައްވާފައިވަނީ، ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމްތަކުން ފްލެޓާއި ގޯތި ދިނުމުގައި ކައިވެނިކޮށްގެން އުޅުމާއި، ދަރިން ތިބި އަދަދަށް ބަލައި ޕޮއިންޓް ދޭ އުސޫލެވެ. މީގެއިތުރުން، މިފަދަ ސްކީމްތަކަށް ކުރިމަތިލެވޭނީ ދެމަފިރިންގެ ތެރެއިން އެކަކަށް ކަމަށްވާއިރު، އަނެކާގެ ނަމުގައި އެއްވެސް ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތުން ޝަރުތުކުރެއެވެ. އެހެންކަމުން، މި ސްކީމްތައް ފަރުމާކޮށްފައިވަނީ ވަކިވަކި ފަރުދުންނަށްވުރެ ބޮޑަށް، މުޅި އާއިލާގެ ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ މަގުސަދުގައެވެ.

ނަމަވެސް، މިހާރު ކަންކަން ހިނގަމުންދާ ގޮތުން ފްލެޓް ރަޖިސްޓްރީ ކުރެވެނީ ހަމައެކަނި ފޯމު ހުށަހެޅި ފަރާތުގެ ނަމުގައެވެ. މީގެ ސަބަބުން، ކައިވެނި ރޫޅޭ ހާލަތްތަކުގައި އެ ފްލެޓަކީ ވަކި މީހެއްގެ މިލްކިއްޔާތަކަށް ވެ، ކުދިން ބަލާ ފަރާތަށާއި މުޅި އާއިލާއަށް ބޮޑެތި ނިކަމެތިކަމާއި ދަތިތަކާ ކުރިމަތިލާން ޖެހޭކަން ބިލުގައި ފާހަގަކޮށްފައިވެއެވެ. އާއިލާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައި، ވަރިވުމުގެ ކުރިން ދެމަފިރިން އެކުގައި ހޯދާފައިވާ މުދާ އަދުލުވެރިކަމާއެކު ބެހުމުގެ އުސޫލެއް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ އެކިއެކި ސްކީމްތަކުން ލިބޭ ބޯހިޔާވަހިކަމާ މެދު އަމަލުކުރާނެ ސާފު އިޖުރާއާތެއް އެ މާއްދާގައި ބަޔާންކޮށްފައެއް ނުވެއެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގެ އެންމެ ބޮޑު ބޭނުމަކީ، އެ މާއްދާ އިސްލާހުކޮށް، ދައުލަތުގެ ސްކީމްތަކުން ދޫކުރާ ފްލެޓާއި ގޯއްޗަކީ ދެމަފިރިންނަށް އެއްވަރަކަށް ހައްގު އޮތް މުދަލެއްގެ ގޮތުގައި ގާނޫނީ ގޮތުން ކަނޑައެޅުމެވެ. އަދި ދައުލަތުން އެފަދަ އެހީތައް ދިނުމުގެ މައިގަނޑު މަގުސަދު ކަމުގައިވާ، އާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ހަގީގަތަކަށް ހެދުމެވެ.

https://wamco.com.mv/
tel:+9607331319