
ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް---
ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ސަރުކާރުން ހަމަހަމަކަން ގެންގުޅެންޖެހޭ: އަމީން ފައިސަލް

ޖިނާން ޙުސައިން ޖަބީން - 24 ނޮވެމްބަރު 2026 - 11:00
ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގައްޔާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ސަރުކާރުން ހަމަހަމަކަމާއި އިންސާފު ގާއިމުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ އާއި ފައިސާ ހަރަދުކުރެވޭ އުސޫލުތައް ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށެވެ. އަދި ދާއިރާތަކަށް ބަޖެޓު ކަނޑައެޅުމުގައި ހަމަހަމަކަން އޮންނަންވާނެ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ރައްޔިތުން ވެރިކަމުގެ ބާރުތައް ހަވާލުކުރަނީ ދައުލަތުގެ މާލިއްޔަތުން ބޭނުންހައި ގޮތަކަށް ހަރަދުކުރުމަށް ނޫން ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އަސާސީ ހިދުމަތްތަކަށް އެކަށީގެންވާ އަހައްމިއްޔަތުކަމެއް ދީފައިނުވާ ކަމަށް ފާހަގަކުރައްވައި އަމީން ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން ރިޓަޔާމަންޓަށް އެކަނިވެސް 448 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް، ފެހި ގާނޫނުއަސާސީއަށް 18 އަހަރު ފުރިގެން ދިޔައިރު ވެސް، 500 އާއި 700 އާ ދެމެދުގެ ކުދި އާބާދީތަކުގެ ގާތްގަނޑަކަށް 120 އެއްހައި ގޭބިސީއަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފޯރުކޮށްނުދެވިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ބަޖެޓަށް ތާއީދުކުރެއްވި މެންބަރުންގެ ދާއިރާތަކުގައި ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، ދިފާއީ ދާއިރާގެ މުވައްޒަފުންގެ ކެއުމުގެ ހަރަދަށް އެކަނިވެސް ބަޖެޓުގައި 434 މިލިއަން ރުފިޔާ ކަނޑައަޅާފައިވާތީ، އެއީ އިންސާފުވެރި ހަދުތަކެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަދި އާބާދީ މަދު ރަށްރަށުގައި މިސްކިތްތައް ބިނާކުރުމަށް ބަޖެޓުގައި ހިމަނާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް އަމީން ފާޅުކުރެއްވިއެވެ.
އަމީން ފައިސަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ރައްޔިތުން ދިނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތައް ފުއްދުމަށް ކަމަށްވީ ނަމަވެސް، މިއަދާ ހަމައަށް އައިއިރު މަޝްރޫއުތައް ކުރިއަށް ނުދާތީ އެކަމުގެ މާޔޫސްކަމާއި ޝަކުވާ ރައްޔިތުންގެ މެދުގައި އެބައޮތް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ނަފްސާނީވާން ދިމާވާ އެންމެ ބޮޑުމައްސަލައަކީ އަޅުވެތިކަން: މައުރޫފް
28 މިނިޓު ކުރިން

ރަކީދޫ ރައްޔިތުން އެއްބަސްވާ ނަމަ މާލެ ކައިރިއަށް ބަދަލުކުރަން ސަރުކާރުން އޮތީ ތައްޔާރަށް: މުއްތަލިބް
ގަޑިއިރެއް ކުރިން

އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
ގަޑިއިރެއް ކުރިން

އެސްއޯއީތަކުގެ މުވައްޒަފުން ސިޔާސީ ޕާޓީތަކަށް ސޮއިކުރުން މަޖުބޫރުކުރުން މަނާކުރާ ބިލެއް ހުށަހަޅައިފި
ދުވަހެއް ކުރިން


