
ރައްޔިތުންގެ މަޖިލިސް
ރިއަލް އެސްޓޭޓް ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 19 ނޮވެމްބަރު 2026 - 11:01
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވަނީ، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން މިހާރު ދިރާސާކުރަމުންދާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން އެއްވެސް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، ޑިސެމްބަރު މަހުގެ 2 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ހުށަހެޅުމަށް އެދޭ ކަމަށެވެ.
މިގޮތުން، ކޮމިޓީގެ އީމެއިލް މެދުވެރިކޮށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހިޔާލު ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މި ބިލުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާ އިތުރަށް ހަރުދަނާކޮށް، ދެފުށް ފެންނަ ގޮތެއްގައި އެ ވިޔަފާރި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ.
އެގޮތުން، މި ދާއިރާގައި ހަރަކާތްތެރިވާ ޑިވެލޮޕަރުން ރަޖިސްޓްރީ ކުރުމުގެ އުސޫލުތަކާއި، މަޝްރޫޢުތައް ހިންގުމުގައި އެ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައެޅުމުގެ އިތުރުން، އެފަދަ މަޝްރޫއުތަކުން ތަންތަން ގަންނަ ފަރާތްތަކުގެ ހައްގުތަކާއި މަސްލަހަތު ރައްކާތެރިކުރުމުގެ ހަމަތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ރިއަލް އެސްޓޭޓް ވިޔަފާރި ރެގިއުލޭޓްކޮށް މި ގާނޫނު ތަންފީޒުކުރުމަށްޓަކައި، ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގެ ނަމުގައި ދައުލަތުގެ ވަކި އިދާރާއެއް އުފެއްދުމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ. އަދި މި އިދާރާއަކީ މިނިސްޓަރަށް ޖަވާބުދާރީވާ، އަދި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ޗީފް އެގްޒެކެޓިވްއެއްގެ ބެލުމުގެ ދަށުން ހިނގާނެ އިދާރާއެއްގެ ގޮތުގައިވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސިޓިޒަންޝިޕް ޤާނޫނަށް ބަދަލު ނުގެނެވުމުން ސަރުކާރުން އުޅެނީ އެސްއީޒެޑްގެ ތެރެއިން ރަށްވެހިކަން ދޭން: އިމްރާން
6 ގަޑިއިރު ކުރިން

ރިއަލް އެސްޓޭޓް ބިލަށް ރައްޔިތުންގެ ހިޔާލު ހުށަހަޅަން އަލީ ހުސެއިން ގޮވާލައްވައިފި
8 ގަޑިއިރު ކުރިން

ކަސްޓަމްސް އޮޕަރޭޝަންތަކުގައި ބޮޑީވޯން ކެމެރާ އާއި ސަވައިލަންސް ޑްރޯން ބޭނުންކުރަން ފަށައިފި
8 ގަޑިއިރު ކުރިން

އުމްރާއަށް ގެންދާނެ ކަމަށް ބުނެ ސްކޭމް ހިންގި މައްސަލައިގައި އަސްކޮއި ގްރޫޕަށް ދައުވާކުރަން ފޮނުވައިފި
8 ގަޑިއިރު ކުރިން


