logo

ގާނޫނުއަސާސީ އިސްލާހުކޮށް ހެދީ ރިކޯޑެއްތޯ: ކުރީގެ ރައީސް މައުމޫން

profile

މުޙައްމަދު ހަފީޒް - 21 ނޮވެމްބަރު 2024 - 19:51

ކުރީގެ ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން

6 ގަޑިއިރު ތެރޭގައި ޤާނޫން އަސާސީއަށް އިޞްލާޙު ހުށަހަޅައި އިޞްލާޙު ފާސްކުރުން، އެއީ ދުނިޔޭގެ ރިކޯޑެއްތޯ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސުވާލު އުފައްދަވައިފިއެވެ.

އިއްޔެގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާހު ފާސްކޮށްފައިވާތީ، އެކަމަށް އިޝާރާތް ކުރައްވާ ކުރީގެ ރައީސް މައުމޫން ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައި ފާސްކޮށްފައިވަނީ 6 ގަޑިއިރުން ކަމަށް ވިދާޅުވެފައެވެ. އެއީ، ދުނިޔޭގެ ރިކޯޑެއްތޯ އެ މަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މެމްބަރުކަމަށް އިންތިޚާބުވި ހައިސިއްޔަތު ބަދަލުވުމަކީ މެމްބަރުކަން ގެއްލޭނެ ހާލަތެއް ކަމުގައި ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެގައި ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން ޤާނޫނު އަސާސީއަށް ގެނައި އިތުރު މުހިއްމު އިސްލާހުތަކެއްވެސް އިއްޔެގައި އޮތް މަޖިލިސް ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

ގައުމުގެ އިސްތިގްލާލާއި ސިޔާދަތީ ބާރު ކަށަވަރުކުރުމަށް ޤާނޫނު އަސާސީއަށް ހުށަހެޅުނު އިސްލާހުވެސް އިއްޔެގައި ވަނީ ފާސްކޮށްފައެވެ.ސަރުކާރުގެ ފަރާތުން މި ބިލް ހުށަހަޅާ ސަބަބަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަފަދަ އެއްވެސް ކަމެއް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ކަނޑައެޅުމަށާއި، ދިވެހިރާއްޖޭގެ ސަރަހައްދު އަސްކަރީ ބޭނުމަކަށް ބޭނުންކުރުމަށް ބޭރުގެ ސިފައިންގެ ބަޔަކަށް ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމުގައި ކަނޑައެޅުން ކަމަށް ބިލް ހުށަހަޅުއްވަމުން މެމްބަރު ވަނީ ވިދާޅުވެފައެެވެ.

ސަރުކާރުގެ ފަރާތުން މެމްބަރު ހުށަހެޅުއްވި ބިލްގެ އިސްލާހްގައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 3 ވަނަ މާއްދާގެ ހ އަދި ށ އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ރ ގެ ފަހަތަށް ބ އިތުރުކުރުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ބ އިސްލާހް ކުރުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ ނ އިސްލާހްކުރުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 62 ވަނަ މާއްދާގެ ށ ގެ 3 ވަނަ ނަމްބަރުގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ.

ޤާނޫނު އަސާސީއަށް މި ގެނެވުނު ހުރިހާ އިސްލާހެއް އިއްޔެގެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައެވެ.

އޭގެ ކުޑައިރުކޮޅެއްފަހުން ރައީސުލް ޖުމްހޫރިއްޔާ ވަނީ އެ ބިލް ތަސްދީގްވެސް ކުރައްވާފައެވެ. އެއާއި އެކު އެ އިސްލާހުތަކަށް ސަރުކާރާއި ދެކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

މިހާރު އަމަލުކުރަމުން މި އަންނަ ފެހި ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ފެށީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައެވެ. އާ ގާނޫނުއަސާސީ ތަސްދީގު ކޮށްފައިވަނީ 2008 އޮގަސްޓް 7 ގައެވެ.


https://wamco.com.mv/
tel:+9607331319