
ނިޔަތުގެ މުހިންމުކަން
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 16 އޯގަސްޓު 2025 - 04:38
ނިޔަތަކީ ހިތުގައިވާ އެއްޗެކެވެ. އެ ދެނެވޮޑިގެންވަނީ ހަމައެކަނި ގަދަ ކީރިތިވަންތަ މާތް ﷲއެވެ. އަދި ނިޔަތް ދުލުން ކިޔުމަކީ ބިދުޢައެކެވެ. މިސާލަކަށް نَوَيْتُ أَن أُصَلِّي ނަމާދަށް ނިޔަތްގެންފީމޭ، نَوَيْتُ أَن أَحُجَّ ޙައްޖަށް ނިޔަތްގެންފީމޭ، ނޫނީ نَوَيْتُ أَن أَتَصَدَّقَّ ޞަދަޤާތްކުރަން ނިޔަތްގެންފީމޭ މި ފަދައިން މުސްލިމަކު ކިޔައިގެން ނުވާނެއެވެ. އެހެނީ މިއީ ބިދުޢައެކެވެ. ނިޔަތުގެ މަޙައްލަކީ ހިތެވެ. އެއީ ހިތުގެ ޢަމަލެކެވެ. ދުލުގެ ޢަމަލެއް ނޫނެވެ. އެ ބާރަށް ކިޔުމީ އޭގައި ދެއްކުންތެރިކަން އެކުލެވިގެން ވާ ކަމެކެވެ. ރަސޫލާ ﷺ ނަމާދު ކުރައްވަން، ނޫނީ އެހެން ވެސް ހެޔޮ ޢަމަލެއް ކުރައްވަން އެދިވަޑައިގެންފި ހިނދު ވެސް އެ ކަމުގެ ނިޔަތް ދުލުން ކިޔުއްވި ކަމަށް އެއްގޮތަކަށް ވެސް ސާބިތުވެގެނެއް ނުވެއެވެ.
ޙައްޖަތުލް ވަދާޢުގައި «لَبَّيْكَ عُمْرَةً وَحَجًّا» މިހެން ޙަދީޘް ކުރައްވައި ރަސޫލާ ﷺ އިޙްރާމް ބެންނެވި ކަމަށް އައިސްފައި ވެއެވެ. މިއީ އެކަލޭގެފާނުގެ ދޫފުޅުން އެކަލޭގެފާނުގެ ނިޔަތް ވިދާޅުވުމެއް ނޫނެވެ. އެކަލޭގެފާނުގެ ދޫފުޅުން ޙަދީޘްކުރެއްވީ ނިޔަތްގަނެވުނު ކަންތަކެވެ. އެއީ ޙައްޖުގެ ނުސުކުތަކުން ކުރެ އެދިވަޑައިގަތް ގޮތެއް ކަނޑައެޅުއްވުމެވެ. އެދިވަޑައިގަތީ ޙައްޖެއްތޯ ނުވަތަ ޢުމްރާއެއްތޯއާއި، ޙައްޖު ކުރައްވާނީ ޢުމްރާއާ އެއްކޮށް ޤާރިންކޮށްތޯ، ޙައްޖު އެކަނިތޯ، ނޫނީ ތަމައްތުޢުކޮށްތޯ ކަނޑައެޅުއްވުމެވެ. އެ ބަސްފުޅު ޙަދީޘްކުރެއްވީ އެދިވަޑައިގަތް ނުސުކެއް ޢައްޔަނުކުރެއްވުމަށެވެ.
މީގެ މުރާދަކީ ދުލުން ނިޔަތް ކިޔުއްވުމެއް ނޫނެވެ. نويت الحج ޙައްޖަށް ނިޔަތްގަންނަވައިފީމޭ، نويت العمرة ޢުމްރާއަށް ނިޔަތްގަންނަވައިފީމޭ، ނޫނީ نويت التمتع ތަމައްތުޢުގެ މަގުން ޙައްޖުކުރައްވަން ނިޔަތްގަންނަވައިފީމޭ، نويت القران ޤިރާންކޮށް ކުރަން ނިޔަތްގަންނަވައިފީމޭ، މިފަދައިން އެކަލޭގެފާނު ޙަދީޘެއްނުކުރައްވައެވެ. ހަމަ އެގޮތަށް أريد الحج ތިމަންކަލޭގެފާނު ބޭނުންފުޅުވަނީ ޙައްޖުކުރައްވާށޭ، أريد العمرة ނޫނީ ބޭނުންފުޅީ ޢުމްރާއެއް ކުރައްވާށޭ ވެސް ޙަދީޘެއްނުކުރައްވައެވެ. މި ބަސް، أريد މިތާނގައި ބޭނުންކުރުން ހުއްދައެއް ނުވާނެއެވެ. ބައެއް ފިޤުހު ޢިލްމުވެރީން އެހެން ވިދާޅުވި ކަމުގައި ވިޔަސް އެއީ ގޯހެކެވެ. އެހެނީ ރަސޫލާ ﷺ ގެ އަރިހުން ވާރިދުވެގެން ވަނީ ޙައްޖުގައި އެދިވަޑައިގަތް ނުސުކު ޢައްޔަނުކުރެއްވުމުގެ ގޮތުން އެކަން ދޫފުޅުން ވިދާޅުވުމެވެ. އެއީ ދޫފުޅުން ނިޔަތް ވިދާޅުވުމެއް ނޫނެވެ.
ނަމާދުގައި ވިޔަސް، ޒަކާތުގައި ވިޔަސް ކުރާ އެހެން ޢަމަލެއްގައި ވިޔަސް، ދުލުން ނިޔަތް ކިޔުން ހުއްދަވެގެނެއް ނުވެއެވެ. ދުލުން އެއްވެސް ނިޔަތެއް ކިޔުމަކާ ނުލައި އޭނާ އެ ޢަމަލެއް އަދާކުރާނީއެވެ. އެހެނީ އޭނާގެ ހިތުގައި ވާ ކަންތައް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. މިސާލަކަށް އޭނާ ނުބައި ނިޔަތެއްގައި ޢަމަލު ކުރަމުން، ތިމަންނާގެ ނިޔަތަކީ ﷲގެ ވަޖުހުފުޅޭ ދުލުން ކިތަންމެ ވަރަކަށް ކީ ކަމުގައި ވިޔަސް އޭނާގެ ހިތުގައި ވާ އެއްޗެއް ﷲ ދެނެވޮޑިގެން ވާނެއެވެ. އޭނާ ދުލުން ކީ ލަފްޒަކުން ކުރާނޭ ފައިދާއެއް ނޯންނާނެއެވެ. ފަހެ މިކަމަކީ ބިދުޢައެކެވެ. ނިޔަތުގެ މަޙައްލަކީ ހިތެވެ. އެ އަޑުހަރުކޮށް ކިޔުމީ ބިދުޢައެކެވެ. އަދި މީގެ އިތުރުން ދެއްކުންތެރިކަމުގެ، ރިޔާއުގެ، ޢަމަލެއް މެއެވެ. މިއީ ވަރަށް މުހިންމުކަން ބޮޑު މައްސަލައެކެވެ. މިހާރުވެސް ބައެއް މީހުން ޠަޥާފުކުރާ ހިނދުގައްޔާއި، ނަމާދުކުރާ ހިނދު، ނޫނީ އެހެންވެސް ޢަމަލެއް ކުރާހިނދު ދުލުން ބާރަށް ނިޔަތް ކިޔައެވެ. މި ކަމަކީ ﷲ އެއަށް އެއްވެސް ޙުއްޖަތެއް ބާވައިލައްވާފައި ނުވާ ބިދުޢައެކެވެ.
ދުލުން ނިޔަތް ކިޔަން ޖެހޭނެ ކަމަށް އަލްއިމާމު އައްޝާފިޢީ رحمه الله ވިދާޅުވާ ކަމަށް ބައެއް މީހުން ބުނެ އެކަލޭގެފާނަށް މި ޤައުލު ނިސްބަތް ކުރެއެވެ. ނަމަވެސް މި ކަމަށް ދެ[ތިން] ގޮތަކުން ރައްދު ދެވެއެވެ.
ފުރަތަމައީ: މި ޤައުލު އަލްއިމާމުއްޝާފިޢީ رحمه الله ގެ އަރިހުން ޞައްޙަކޮށް ސާބިތުވެފައެއް ނުވެއެވެ.
ދެވަނައީ: އެކަލޭގެފާނުގެ އަރިހުން މި ޤައުލު ސާބިތުވީ ކަމުގައި ވިޔަސް، އެކަލޭގެފާނުގެ ބަސްފުޅަކީ ޙުއްޖަތެއް ނޫނެވެ. އެކަލޭގެފާނަކީ ވެސް ބައެއް ފަހަރު ކުށްކުރެވޭ، އަނެއްބައި ފަހަރު ރަނގަޅަށް ކަންތައް ނިންމޭ، މުޖްތަހިދު ޢިލްމުވެރިއެކެވެ. ޙުއްޖަތް ވަނީ ރަސޫލާ ﷺ ގެ ބަސްފުޅުގައެވެ. އިމާމް އައްޝާފިޢީގެ، ނޫނީ އިމާމް އަޙްމަދުގެ، ނޫނީ އިމާމް އަބޫ ޙަނީފާގެ، ނޫނީ އިމާމް މާލިކުގެ ބަސްފުޅުތަކުގައެއް ނޫނެވެ. ޢިލްމުވެރިޔާގެ ބަސް ޙުއްޖަތަކަށް ވާނީ އެ ޤައުލާ ދަލީލާ ދިމާވުމުންނެވެ.
ތިންވަނައީ: އައްޝާފިޢީ رحمه الله ގެ އަރިހުން ރިވާވެގެން ވަނީ: ”ނަމާދު އެހެން އަޅުކަންތައް ފަދައެއް ނޫނެވެ. ﷲ ޛިކުރުކުރުމާއެކު މެނުވީ ނަމާދުގެ ތެރެއަށް ނުވަދެވޭހުއްޓެވެ.“ މި ފަދައިންނެވެ. ނަމަވެސް މިތާގައި ޛިކުރުގެ މުރާދަކީ ޙަރަމްބަން ތަކްބީރެވެ. (ނަމާދު ފަށާއިރު ކިޔާ الله أكبر މި ތަކްބީރެވެ.)
ކޮންމެއަކަސް، ނިޔަތަކީ ހިތުގެ ޢަމަލެކެވެ. އެ ދުލުން ކިޔުން ހުއްދައެއް ނުވާނެއެވެ. ﴿ءَامَنَّا﴾ އޭ، ”ތިމަންމެން އީމާންވެއްޖައީމުއޭ“ ބުނި އަޢުރާބީންނަށް ﷲ ވަނީ އިންކާރު ކުރައްވާފައެވެ. ﷲ އެކަލާނގެ ރަސޫލާ ﷺ އާ މުޚާޠަބު ކުރައްވައި ވަޙީ ކުރެއްވިއެވެ: ﴿قُل لَّمۡ تُؤۡمِنُواْ وَلَٰكِن قُولُوٓاْ أَسۡلَمۡنَا وَلَمَّا يَدۡخُلِ ٱلۡإِيمَٰنُ فِي قُلُوبِكُمۡۖ﴾ މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަދިއެއް އީމާނެއް ނުވަމުއެވެ. އެހެނެއްކަމަކު، ތިމަންމެން އިސްލާމް ވެއްޖައީމުއޭ (ކިޔަމަން ވެއްޖައީމުއޭ) ބުނާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގެ ތެރެޔަކަށް އީމާންކަމެއް އަދި ނުވަދެއެވެ.“
ފަހެ ތިމަން އެވެނި ކަމަކަށް ނިޔަތް ގެންފީމޭ މިވެނި ކަމެއް ކޮށްފީމޭ ބުނެ ﷲ އަށް އެކަން އަންގައިދޭކަށް ނުޖެހޭނެއެވެ. ތިބާ އެހެން ނުބުންޏަސް ﷲ އެ ކަންކަން މޮޅަށް ދެނެވޮޑިގެން ވެއެވެ. ތިބާއަށް އޮތީ ތިބާގެ ހިތްނިޔަތް އިސްލާޙުކޮށް ދުލުން އެ ނުބުނެ އެ ނިޔަތް ސިއްރުކުރުމެވެ.
ހަމަ އެގޮތަށް އުޟުޙިޔާ ކަތިލާއިރު ކިޔާ ދުޢާއަކީ ވެސް ދުލުން ކިޔޭ ނިޔަތެއް ނޫނެވެ. «اللهم مِنكَ وَلَكَ، عَن مُّحَمَّدٍ وَأُمَّتِهِ، بِاسْمِ اللهِ وَاللهُ أَكْبَرُ، ثم ذبح» މާނައީ: ”މިއީ އިބަ ﷲ ދެއްވި އެއްޗެކެވެ. މި ވަނީ އިބަ ﷲ އަށެވެ. މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އުންމަތުގެ ކިބައިން މި ޛަބަޙަކުރައްވަމަވެ. بِاسْمِ اللهِ وَاللهُ أَكْبَرُ، މިހެން ވިދާޅުވެ ރަސޫލާ ﷺ ޛަބަޙަކުރައްވައެވެ.“ މިއީ ނިޔަތް ވިދާޅުވުމެއް ނޫނެވެ. މިއީ ދުޢާއެކެވެ. އަދި ނިޔަތްގަނެވުނު ކަންތައް ބަޔާންކުރެއްވުމެވެ. ޙައްޖުގައި ނުސުކު ބަޔާންކުރެއްވި ފަދައިންނެވެ. ތިބާ އުޟުޙިޔާ ކަތިލާއިރު އެ ގަސްދުކުރި ކަންތައް ބަޔާންކުރަނީއެވެ. އެއީ ކަތިލަނީ ތިބާގެ އަމިއްލަ ނަފްސަށްތޯ ނޫނީ ތިބާގެ މައިންބަފައިންގެ ކިބައިން ތޯ އެހެން މީހެއްގެ ކިބައިންތޯ ވަކިކޮށް ބަޔާންވުމަށްޓަކައި ކިޔާ އެއްޗެކެވެ.
ދުނިޔޭގައި ވޭތުކުރަމުން މިދާ ދުވަސްތަކުގައި ކުރާ ކޮންމެ ޢަމަލެއްވެސް ﷲ ތަޢާލާ ޤަބޫލުކުރެއްވުމުގެ ދެ ޝަރުތެއް ވެއެވެ. އެއީ ކުރާ ޢަމަލުގައި އިޚްލާސްތެރިވުމާއި އެ ޢަމަލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާއި އެއްގޮތަށް ކުރެވޭ ޢަމަލެއްކަމުގައިވުމެވެ. މިގޮތުން ބަލާއިރު ނިޔަތް އިޚްލާސްތެރި ކުރުމަކީ ކުރާޢަމަލުގައި އިޚްލާސްތެރިވުމުގެ ތެރެއިންވާ ކަމެކެވެ. ބައެއްމީހުން ހެޔޮޢަމަލުކުރަނީ އެމީހުންގެ ނިޔަތުގައި ދުނިޔެވީ ކޮންމެވެސް ފައިދާއެއް އޮތުމުގެ ސަބަބުންނެވެ.
މިފަދައިން ޢަމަލު ކުރާމީހުންނަކީ އެބައިމީހުންގެ ޢަމަލުގައި އެއްވެސް ބުރަދަނެއް ހުރިބައެއްނޫނެވެ. މިފަދައިން ޢަމަލު ކުރާމީހުންނާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴿١٥﴾ أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ ۖ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٦﴾
މާނައީ: “ދުނިޔޭގެ ދިރިއުޅުމާއި، އެ ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާ (ދަންނާށެވެ!) އެއުރެންގެ ޢަމަލުތައް ތިމަންރަސްކަލާނގެ އެއުރެންނަށް އެތާނގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާނގައި އުނި ނުކުރައްވާހުށްޓެވެ. އެއުރެންނީ އާޚިރަތުގައި ނަރަކަ ނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުންނެވެ. އަދި އެއުރެންކުޅަ ކަންތައް އެތާނގައި، ބޭކާރުވެގެންވެތެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާޠިލް ވެގެންވެތެވެ."
މިއާޔަތުން އެނގިގެންދާގޮތުގައި ތިމާކުރާ ޢަމަލަކީ ﷲ ތަޢާލާއަށް އެކަނި ޚާލިޞްކޮށްގެން ކުރާޢަމަލެއްކަމުގައި ނުވާނަމަ އެ ޢަމަލަކީ ކުރިޔަސް ބާޠިލްވެގެންވާ ޢަމަލެވެ.
ޢުމަރު ބުނުލް ޚައްޠާބު – رضي الله عنه – ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. “ހަމަކަށަވަރުން ޢަމަލު ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ. އެހެންކަމުން ﷲ އާއި އެއިލާހުގެ ރަސޫލާއަށްޓަކައި ހިޖުރަކޮށްފިމީހާގެ ހިޖުރަވަނީ ﷲ އާއި އެއިލާހުގެ ރަސޫލާއަށްޓަކައެވެ. އަދި ދުނިޔެއަށްޓަކައި ނުވަތަ އަންހެނަކާއި ކައިވެނި ކުރުމަށްޓަކައި ހިޖުރަ ކޮށްފި މީހެއްނަމަ އެމީހަކަށްވަނީ އެމީހަކު އެ ހިޖުރަ ކުރި ކަމެކެވެ.” މި ޙަދީޘުން އެނގިގެންދަނީ އެމީހަކު އެކުރި ޢަމަލެއް ބިނާވެގެންވަނީ އެމީހެއްގެ ނިޔަތުގެ މައްޗަށްކަމެވެ. ކުރާ ކަމަކީ އެއްކަމެއް ކަމުގައިވިޔަސް ތަފާތުނިޔަތުގައި މީސްތަކުން ކަންތައް ކުރާކަން މި ޙަދީޘުން އެނގިގެންދެއެވެ. އަދި ޢަމަލުން ލިބޭ ސަވާބު ޢަމަލުގެ މައްޗަށްއެކަނި ބަރޯސާނުވެ ނިޔަތުގެ މައްޗަށްވެސް ބިނާވެގެންވާކަންވެސް މި ޙަދީޘްފުޅުން އެނގިގެންދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން