
230 އަށް ވުރެ ގިނަ ޕްރައިމަރީ ޓީޗަރުން އެބަ ބޭނުންވޭ: މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު

ޝުރުފާ މުހައްމަދު - 08 ފެބްރުއަރީ 2025 - 08:54
ރާއްޖޭގެ ތައުލީމީ ނިޒާމަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ދައްޗަކީ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުން މަދުވުން ކަމަށާއި، ޕްރައިމަރީގައި ކިޔަވައިދޭން މިހާރު ވެސް 230 އަށް ވުރެ ގިނަ ޓީޗަރުން އެބަ ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައީސް ބުރާސްފަތި ދުވަހު ދެއްވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ވަޒީރުން ބައިވެރިވެވަޑައިގެން ބޭއްވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ޓީޗަރުންނަކީ ރާއްޖޭގައި ވަރަށް ބޮޑު އަދި ބުރަ މަސައްކަތެއް ކުރާ ބައެއް ކަމަށެވެ. މުޅި ގައުމުގެ މުސްތަގުބަލާ ހަވާލުވެ ތިބި ޒިންމާދާެރު އެއް ބަޔަކީ ޓީޗަރުން ކަމަށްވާއިރު، މިވަގުތު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގައި ކިޔަވައިދޭނެ ޓީޗަރުން މަދުވުން ކަމަށެވެ.
މިހާރު ވެސް 230 އަށް ވުރެ ގިނަ ޕްރައިމަރީ ޓީޗަރުން އަޅުގަނޑުމެން ބޭނުންވޭ އެބަ. މީގެ އިތުރަށް އެންމެ އަޅާލުމާއި އޯގާތެރިކަން ބޭނުންވާ އަޅުގަނޑުމެންގެ ކޮމްޕްލެކްސް ޕްރޮފައިލްގެ ކުދިންނަށް ކިޔަވައިދިނުމަށްޓަކާ 600 އަށް ވުރެ ގިނަ ޓީޗަރުން ބޭނުންވޭ
މިނިސްޓަރ ވިދާޅުވީ އުންމީދަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދާއި ލަފާފުޅާއި އެކުގައި ޓީޗަރުންނާ މެދު ބެހެއްޓޭ އަޅާލުމާއި އޯގާތެރިކަމާއި އެކު މި ދާއިރާއަށް ހެޔޮބަދަލެއް ލިބިގެން ދިއުން ކަމަށެވެ.
ރާއްޖޭގައި ޓީޗަރުން މަދުވެފައިވާތީ އެކަން ހައްލުކުރުމަށް ސަރުކާރުން ޓީޗަރުން ބިނާކުރުމުގެ ޚާއްސް ޕްރޮގްރާމެއް ވެސް ފަށާފައިވާއިރު އެ ޕްރޮގްރާމުގައި ވެސް 100 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ރާއްޖޭގެ ވަޒީފާގެ މާހައުލަށް ބަލާއިރު، ޓީޗިން ދާއިރާގައި ފިރިހެނުންނަށް ވުރެ އަންހެނުން ގިނަކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އަންހެނުން ވަޒީފާއަށް ނިކުންނަ އިރު ކުރަން ޖެހެނީ ފިރިހެނުންނަށް ވުރެ ދެ ގުނަށް ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޓީޗަރުންނަށް ލުއިކޮށްދިނުމުގެ މަގްސަދުގައި ހަފްތާ ބަންދުގެ ހުކުރު ދުވަކީ މަސައްކަތް ނުކުރާ ދުވަހެއްގެ ގޮތުގައި ކަނޑައެޅީ ވެސް ލުއިކަމެއް ދިނުމުގެ ގޮތުންކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ޓީޗަރުން ބިނާކުރުމަށް ހުރިހާ ސަރުކާރަކުން ވެސް މަސައްކަތްކުރާއިރު މިދިޔަ ސަރުކާރުގައި ވަނީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މި ބަދަލުތަކާއި އެކު ޓީޗަރެއްގެ ސްޓާޓިން މުސާރަ އަކީ ވެސް 20،000ރ އެވެ.
ގުޅުން ހުރި ޙަބަރުތައް

ސިޔާސަތަކީ ކޮންމެ ދަރިވަރަކީ ފަސްމީރު ކުރިރުކަކަށް ހެދުން: އެޑިއުކޭޝަން މިނިސްޓަރ
2 އަހަރު ކުރިން

ޙަމަދު ސުކޫލުގައި 12 ކުލާސްރޫމް އިމާރާތް ކުރަން ބަޔަކާ ހަވާލުކޮށްފި
2 އަހަރު ކުރިން

އިންޓަރސުކޫލު މެޗުގައި ހިނގި ހަމަނުޖެހުން ކުށްވެރިކުރަން - އެޑިއުކޭޝަން
2 އަހަރު ކުރިން

އެޑިއުކޭޝަން މިނިސްޓަރ ފައިނު ސްކޫލަށް ޒިޔާރަތް ކުރައްވައިފި
2 އަހަރު ކުރިން