
ހޫޘީންދޭ ކޮންމެ ހަމަލާއެއް ބަލާނީ އީރާނުގެ ހަތިޔާރުން އީރާނުގެވެރިންދޭ ހަމަލާއެއްގެގޮތުގައި: ޓްރަމްޕް

ސައިފް އަޒުހަރު - 17 މާރިޗު 2025 - 17:25
ޔަމަނުގެ ހޫޘީން ދޭ ކޮންމެ ހަމަލާއެއް ބަލާނީ އީރާނުންދޭ ހަމަލާއެއް ކަމަށާއި، އެފަދަ ހަމަލާއެއްގެ ރައްދު ވަރަށް ވަރުގަދަ ވާނޭ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދެއްވައިފިއެވެ.
ޓްރަމްޕްގެ އަމިއްލަ "ޓުރުތު ސޯޝަލް" ޕްލެޓްފޯމްގައި ޕޯސްޓް ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ހޫޘީންނަށް ހަތިޔާރާއި، އިރުޝާދާއި، ޖާސޫސީ މައުލޫމާތު ދެނީ އީރާނުން ކަމަށެވެ. ހޫޘީން އަޅާ ކޮންމެ ފިޔަވަޅެއް އަޅަނީ އީރާނުގެ އިރުޝާދަށް ކަމަށެވެ.
އެހެންކަމުން، މިވަގުތުން ފެށިގެން ހޫޘީންގެ ފަރާތުން އަންނަ ކޮންމެ ހަމަލާއެއް ބަލާނީ، އީރާނުން ފޯރުކޮށްދިން ހަތިޔާރުގެ ބޭނުންކޮށްގެން އީރާނުގެ ވެރިކަމުގެ ފަރާތުންދޭ ހަމަލާއެއްގެ ގޮތުގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ހޫޘީންދޭ ހަމަލާއެއްގެ ޒިންމާ އުފުލަން ޖެހޭނީ އީރާނުން ކަމަށާއި، އޭގެ ނަތީޖާ އީރާނަށް ތަހައްމަލް ކުރަންޖެހޭނެ ކަމަށާއި، ނަތީޖާ މާރަނގަޅު ނުވާނެ ކަމަށްވެސް ޓްރަމްޕްގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.
ޓްރަމްޕް އަމުރު ކުރައްވައިގެން އޭނާ ކޮންޓްރޯލްގައި ހުންނަވައިގެން އެމެރިކާ ސިފައިން ޔަމަނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނީ އިސްރާއީލުން އެކަމަށް ތަކުރާރުކޮށް އެދިގެންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަދި އޭގެ ބޭނުމަކީ، އީރާނަށް ހަމަލާ ދޭނޭ މަގެއް ފަހިކުރުން ކަމަށާއި، އިސްރާއީލުގެ ބޭނުމަކީ އެމެރިކާ ލައްވައި އީރާނަށް ހަމަލާދިނުން ކަމަށްވެސް ރިޕޯޓްތައް ބުނަމުން ގޮސްފައި ވެއެވެ.
ޓްރަމްޕް މިއަދު ދެއްވި އިންޒާރުންވެސް އޭނާގެ މަގްސަދަކީ ހަމައެކަނި ޔަމަން ނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ. އެއީ، އީރާނަށް އިންޒާރުތައް ދެއްވުމަށްފަހު ޔަމަނާ ހިސާބުން އެކަން ނިންމާނުލައްވާނޭ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ވިދާޅުވުމެވެ.
ޔަމަނުގައި ހުރި އީރާނުގެ މަސްލަހަތުތަކާއި، އަދި އީރާނުގެ ރައްޔިތުންނަށްވެސް ހަމަލާ ދެއްވާނޭކަމުގެ އިންޒާރު ޓްރަމްޕް މިވަނީ ދެއްވާފައެވެ.
އެމެރިކާއިން ދިން ވައިގެ ހަމަލާތަކުގައި ޔަމަނުގެ 6 ޕްރޮވިންސަކުން 51 މީހުން މަރުވެ، ސަތޭކަ އެތައްބަޔަކު ޒަޚަމްވިއިރު، މަރުވި ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ. ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި ސަންޢާގައި ހުންނަ ކެންސަރު ބައްޔަށް ފަރުވާދޭ ސެންޓަރެއްވެސް ހިމެނެއެވެ.
މި ހަމަލާތަކަށްފަހު އެމެރިކާގެ ޑިފެންސް މިނިސްޓަރު ޕީޓް ހެގްސެތުވެސްވަނީ، ޔަމަނަށް ދިން ހަމަލާތަކަކީ އީރާނަށްދިން އިންޒާރެއް ކަމަށް ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާއަށް ފިނީގެ ތޫފާނެއް، 16 މީހުން މަރުވެއްޖެ
2 އަހަރު ކުރިން

އެމެރިކާ އާއި ޗައިނާގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމު ދެމެދުގައި މަޝްވަރާކޮށްފި
2 އަހަރު ކުރިން

އެމެރިކާ އާއެކު ނިއުކްލިޔާ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރެވިއްޖެ- ދެކުނު ކޮރެއާ
2 އަހަރު ކުރިން

އެމެރިކާގެ ވައިގެ ސަރަހައްދުން ދަތުރުކުރި "ގޮތް ނޭނގޭ އެއްޗެއް" ވައްޓާލައިފި
2 އަހަރު ކުރިން