logo

ކުރިއެކޭވެސް އެއްގޮތަށް ވެމްކޯއިން މާދަމާއިން ފެށިގެން ކުނި ނަގަން ފަށަނީ

profile

މުޙައްމަދު ފަޟްލޫން - 31 ޖުލައި 2026 - 10:57

ވެމްކޯގެ އޮޕަރޭޝަންތައް އާންމު ހާލަތަށް ރުޖޫޢަވުމާ ގުޅިގެން، މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ކުނި އުކާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން އިޢުލާނުކޮށްފިއެވެ.

https://wamco.com.mv/

ވެމްކޯއިން ހާމަކުރި ގޮތުގައި، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ސްޓޭޝަންތަކުން ދެމުން އަންނަ އެންމެހައި ޚިދުމަތްތައް މާދަމާއިން ފެށިގެން މެދުނުކެނޑި ކުރިއަށްދާނެއެވެ. މީގެ އިތުރުން، ބޮޑެތި ކުނި އުކާލައިދިނުމުގެ ޚިދުމަތް ނުވަތަ "ކެޕްސް" ގެ ހިދުމަތްވެސް ކުރީގެ އުސޫލުން ފޯރުކޮށްދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޓްރާންސްފާ ސްޓޭޝަންތަކަށް ކުނި ގެންދިއުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުސޫލުތަކަށް ސަމާލުވުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ. އެގޮތުން، އުކާލާ ކުނި ހުންނަންވާނީ ކަނޑައެޅިފައިވާ މިންގަނޑަށް ބަންދުކުރެވިފައެވެ. އަދި ޢިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ގާކުނި (ސީ.އެން.ޑީ) ހުންނަންވާނީ ދެ ބަޔަށް ވަކިކޮށްފައި ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުމުގެ ސަބަބުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން ޖެހުނެވެ. މި ހާދިސާގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރައި، ބޮޑެތި ކުނި ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާރު މިވަނީ ހާލަތު އާންމު ހާލަތަށް ގެނެވިފައެވެ.

ހުޅުމާލޭގެ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށްޓަކައި، އެޗްޑީސީގެ ފަރާތުން އިއްޔެ ވަގުތީ ބިމެއް ހަމަޖައްސައިދީފައިވާ ކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ރޭ ވަނީ ވިދާޅުވެފައެވެ.

މުޖުތަބާ ފާހަގަކުރެއްވި ގޮތުގައި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރުގެ އިސްނެންގެވުމާއެކު، މި މައްސަލައަށް މިހާރު ވަނީ ވަރަށް ރަނގަޅު ހައްލެއް ލިބިގެން ގޮސްފައެވެ.

ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓުގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ރޯވި އަލިފާން، އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުންގެ ބުރަ މަސައްކަތުން ނިއްވާލެވިފައިވަނީ ޖެހިގެން އައި ދުވަހުގެ ހެނދުނު 08:00 ހާއިރުއެވެ.

https://wamco.com.mv/
tel:+9607331319