logo

ބިދޭސީންގެ ވަޒީފާގެ އައު ކެޓަގަރީތަކާ މެދު އެޗްޕީޔޫގެ ހިތްހަމަނުޖެހުން ސަރުކާރަށް!

profile

އާމިނަތު ޝަޒްލާ - 29 އޯގަސްޓު 2026 - 13:33

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވަޒީފާތައް ކެޓަގަރީކޮށްފައިވާ ލިސްޓަށް ގެނައި ބަދަލުތަކާ ގުޅިގެން، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

https://wamco.com.mv/

އެ ޖަމިއްޔާއިން ސޯޝަލް މީޑިއާގައި ރޭ އާންމުކުރި ބަޔާނެއްގައި ބުނީ، އެކްސްޕެޓް ސިސްޓަމްގެ އޮކިއުޕޭޝަން ކެޓަގަރައިޒޭޝަން ލިސްޓަށް ގެނައި ބަދަލާއެކު ސިއްހީ ދާއިރާގެ ޕްރޮފެޝަނަލް ގިނަ ކެޓަގަރީތަކެއް ފަންނީ ނޫން (ނޮން-ޕްރޮފެޝަނަލް) ގިންތިއަށް ބަދަލުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި މެޑިކަލް ބައެއް ސަބް-ސްޕެޝަލިޓީތަކާއި، ލެބޯޓްރީ ޓެކްނީޝަނުން އަދި މެޑިކަލް އިމޭޖިން ޓެކްނީޝަނުން ހިމެނޭކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

މި ބަދަލުގެ ސަބަބުން ޕްރޮފެޝަނަލް ކެޓަގަރީގެ މުވައްޒަފުންނަށް މީގެ ކުރިން ލިބެމުންދިޔަ މުހިންމު އިނާޔަތްތަކާއި ލުއިތައް އުނިވެފައިވާ ކަމަށް ހެލްތު ޔޫނިއަނުން ބުންޏެވެ. އޭގެ ތެރޭގައި ޑިޕެންޑެންޓް ވިސާ ލިބުމާއި، ގައުމަށް ފައިސާ ފޮނުވުމުގައި (ރެމިޓެންސް) ލިބޭ މަތީ ލިމިޓްތައް ހިމެނެއެވެ.

View post on Twitter

ހެލްތު ޔޫނިއަނުން އިތުރަށް ބުނީ، އެ މުވައްޒަފުންގެ ތެރެއިން ގިނަ މީހުންނަކީ އާއިލާތަކާއެކު ރާއްޖޭގައި ދިރިއުޅުން ބިނާކޮށް، ދަރިންނަށް މިތަނުން ތައުލީމު ހާސިލުކޮށްދެމުންދާ ފަރާތްތައް ކަމަށެވެ. ނަމަވެސް، އަލަށް ގެނައި ބަދަލާއެކު ޑިޕެންޑެންޓް ވިސާ އާ ނުކުރެވޭތީ، އާއިލާތައް ވަކިވެ، އަނބިދަރިން އަނބުރާ ގައުމަށް ފޮނުވާލަން މަޖުބޫރުވެފައިވާ ކަމަށާއި މީގެ ސަބަބުން އެ ފަރާތްތަކުގެ ދިރިއުޅުމަށާއި ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

މި މައްސަލަތަކާ ގުޅިގެން ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުން ވަނީ އޮކިއުޕޭޝަން ކެޓަގަރައިޒޭޝަން ލިސްޓު އަލުން މުރާޖައާ ކުރުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއަށް ގޮވާލާފައެވެ. އެގޮތުން ސިއްހީ ދާއިރާގެ ފަންނުވެރިންގެ ތައުލީމީ ފެންވަރާއި، ހުނަރާއި މަސްއޫލިއްޔަތުތަކުގެ އިތުރުން ރާއްޖޭގެ ސިއްހީ ހިދުމަތުގައި އެމީހުން އަދާކުރާ މުހިންމު ދައުރަށް ބަލައި އެކަށީގެންވާ ގޮތެއްގައި އަގުވަޒަންކުރުމަށް ވަނީ އެދިފައެވެ.

މީގެއިތުރުން، ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށާއި، މިފަދަ ގިންތިކުރުމެއްގެ ސަބަބުން ސިއްހީ ދާއިރާގެ ފަންނުވެރިންނަށް އެއްވެސް ބޭއިންސާފު އަސަރެއް ނުކުރާނެކަން ކަށަވަރުކުރުމަށްޓަކައި ވީހާވެސް އަވަހަކަށް ފިޔަވަޅު އަޅައިދިނުމަށް މިނިސްޓްރީ އޮފް ހެލްތަށް ވެސް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319