logo
ކުޅުދުއްފުށި ސިޓީ މޭޔަރ މުހައްމަދު އާތިފް،، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ކުޅުދުއްފުށި ސިޓީ މޭޔަރ މުހައްމަދު އާތިފް،، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ސްކޫލްތަކަށް ބައިވެރިނުވެވޭތީ ކުޅުދުއްފުށީގެ ޤުރުއާން މުބާރާތް ކެންސަލްކޮށްފި

profile

އާމިނަތު ޝަޒްލާ - 22 އޮކްޓޯބަރު 2026 - 12:04

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހުނު ޤުރުއާން މުބާރާތުގައި ސްކޫލްތަކަށް ވާދަކުރުމުގެ ހުއްދަ އެޑިޔުކޭޝަން މިނިސްޓްރީން ނުދިނުމާ ގުޅިގެން، މިއަހަރު އެ މުބާރާތް ނުބޭއްވުމަށް އެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

https://wamco.com.mv/

ކުޅުދުއްފުށި ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން މި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދިޔަ "ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1448" އަކީ އެ ރަށުގެ ސްކޫލްތަކަށާއި، ޤުރުއާން ކްލާސްތަކަށް އަދި އާންމުކޮށް ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ބޭއްވުމަށް ރޭވި މުބާރާތެކެވެ.

މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ކީރިތި ޤުރުއާނުގެ ހަމަތަކާ އެއްގޮތަށް ތަރުތީލުކޮށް ކިޔެވުމުގެ ވާދަވެރި މާހައުލެއް ޤާއިމުކޮށް، ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖެއްސުމާއި، ޤައުމީ ފެންވަރުގައި ވާދަކުރެވޭނެ ފަދަ ދަރިވަރުންތަކެއް އުފެއްދުން ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

ނަމަވެސް، މި މުބާރާތުގައި ސްކޫލްތައް ތަމްސީލުކޮށްގެން ކުދިން ބައިވެރިކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނުދިނުމާ ގުޅިގެން، ރޭވިފައިވާ ގޮތަށް މުބާރާތް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ. ކައުންސިލުން ހާމަކުރި ގޮތުގައި، މުބާރާތުގައި މައިގަނޑު ގޮތެއްގައި ވާދަކުރާނީ ސްކޫލް ދަރިވަރުން ކަމަށްވެފައި، އެ ދަރިވަރުން ބާކީކޮށް މުބާރާތް ބޭއްވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ފެންނާތީ މިއަހަރުގެ މުބާރާތް ނުބޭއްވުމަށް ނިންމީއެވެ.

މުބާރާތް ބޭއްވުމަށް އެންމެހައި ތައްޔާރީތައް ވެ، މަސައްކަތްތައް އައުޓްސޯސްކޮށްފައި ވަނިކޮށް، މިނިސްޓްރީން ހުއްދަ ނުދިނުމުން އެކަމާ ހިތާމަކުރާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި ޤައުމީ ފެންވަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ނެތް ކަމަށް ބުނެ، ސިޓީ ފެންވަރުގައި ހިންގާ މިފަދަ ހަރަކާތްތައް ހުއްޓުވުމަކީ ލާމަރުކަޒީ ނިޒާމާ ވަރަށް ބީރައްޓެހި ނިންމުމެއް ކަމަށްވެސް ކައުންސިލްގެ ބަޔާނުގައި ވެއެވެ. މިފަދަ ކަންކަމަކީ ސްކޫލްތަކުގެ އަމިއްލަ އިޚްތިޔާރުގައި އޮންނަންޖެހޭނެ ކަންކަން ކަމަށާއި، މި ސިޔާސަތުތައް ބަދަލުކޮށް ކައުންސިލްތަކާއެކު ސްކޫލްތަކަށް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.

މުބާރާތް ކެންސަލްވުމާ ގުޅިގެން ސްކޫލްތަކަށާއި، ޤުރުއާން ކްލާސްތަކަށާއި، ބައިވެރިންނަށާއި ބެލެނިވެރިންނަށް އަދި އިންތިޒާމުކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ދިމާވި ދަތިތަކަށްޓަކައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ނުހަނު އިޚްލާޞްތެރިކަމާއެކު މަޢާފަށް އެދިފައެވެ.

https://wamco.com.mv/
tel:+9607331319