logo
މޫސުން ގޯސްވެ، ކަނޑުގަދަ ދުވަހެއްގައި ފެރީއެއް ދާ ފޮޓޯއެއް

މޫސުން ގޯސްވެ، ކަނޑުގަދަ ދުވަހެއްގައި ފެރީއެއް ދާ ފޮޓޯއެއް

ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް މޫސުމީ ރީދޫ ސަމާލު ނެރެފި

profile

އާމިނަތު ޝަޒްލާ - 22 އޮކްޓޯބަރު 2026 - 13:17

ރާއްޖޭގެ މޫސުން ގޯސްވެ، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ރީދޫ ސަމާލު ނެރެފިއެވެ.

https://wamco.com.mv/

މެޓް އޮފީހުން މި ސަރަހައްދަށް ރީދޫ ސަމާލު ނެރެފައިވަނީ ހަވީރު 17:45 އިން ފެށިގެން މިރޭ 21:30 ގެ ނިޔަލަށެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ވަރަށް ބޮޑަށް ގޯސްވަމުންދާ ދުވަސްވަރެކެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރުމުގައި ގިނަ ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި ވިއްސާރައިގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވެ، ގެދޮރަށާއި މުދަލަށް ގެއްލުންތައް ލިބެމުންދާކަން ވެސް ފާހަގަކުރެވެއެވެ.

މޫސުން ގޯސްވުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުންނާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް އަންނަނީ ރައްޔިތުން ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރަމުންނެވެ. ޚާއްސަކޮށް، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ބެހެއްޓުމަށް ކޯސްޓްގާޑުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން، ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ރަށްރަށުގައި ފެންބޮޑުވެދާނެ ކަމަށް ބަލައި ވެލިބަސްތާ ޖެހުމާއި، ގޭތެރެއަށް ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ހަނދާންކޮށްދީފައެވެ. އަދި ގަދަވަޔާއެކު ފުރާޅު އެއްލާލުމާއި ގަސްގަހާގެހި ވެއްޓުން ފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ކުރިއާލައި ފިޔަވަޅު އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319