
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު،، ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ފުލުހުންގެ ހިދުމަތުގެ ފެންވަރު ބިނާވަނީ ރައްޔިތުންނާ އޮންނަ ގުޅުމުގެ މައްޗަށް: ސީޕީ

އާމިނަތު ޝަޒްލާ - 22 އޮކްޓޯބަރު 2026 - 12:17
ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި އެ ރަށެއްގައި ތިބޭ ފުލުހުންގެ އަދަދަށްވުރެ މުހިންމީ، ގާނޫނީ ޒިންމާ އަދާކުރުމުގައި ރައްޔިތުންނާ ގުޅިގެން އޯގާތެރިކަމާއެކު ހިދުމަތްދީ، ރަށުގެ އަމާން މާހައުލު ދެމެހެއްޓުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ، ހދ. ކުމުންދޫގައި އަލަށް ބިނާކުރި ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމަށް އިއްޔެ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވައި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. އަދި ގައުމީ ދިދަ ނަންގަވައިދެއްވީ ކުމުންދޫ ކައުންސިލްގެ ރައީސް ޢަލީ ޤާސިމެވެ.
ފުލުހުންގެ ޚިދުމަތުގެ ފެންވަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަށް ނޫން ކަމަށެވެ. މުހިންމު ކަމަކީ ރައްޔިތުންނާ ގުޅިގެން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އޯގާތެރިކަމާއި ހިކުމަތްތެރިކަމާއެކު ގާނޫނީ ޒިންމާ އަދާކުރުން ކަމަށް ވިދާޅުވިއެވެ. އަދި ރެކްރޫޓްމަންޓް އިތުރުވަމުންދާ ވަރަކަށް ކުރިއަށް އޮތް ތަނުގައި ކުމުންދޫގައި މަސައްކަތްކުރާ ފުލުހުންގެ އަދަދުވެސް އިތުރުކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރގެ ވާހަކަފުޅުގައި، މާޒީގައި އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލް އިދާރާތަކުންނާއި، ކުލީ ކޮޓަރިތަކުން ޖާގަ ހޯދައިގެން މަސައްކަތްކުރަން ޖެހުނު ދަތި އުނދަގޫ ތަޖުރިބާތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިއަދު ފެށިގެން މިދިޔައީ ފުލުހުންގެ އަމިއްލަ ދާއިމީ މަރުކަޒުތަކުގައި ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތް ދެވޭނެ އައު ބާބެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ކުމުންދޫ މަރުކަޒުގެ މަސައްކަތް މިހާ ހަލުވި ސްޕީޑެއްގައި ނިންމާލެވުނީ ކުމުންދޫ ކައުންސިލާއި ރައްޔިތުން މި މަޝްރޫއަށް ދެއްވި ބޮޑު އަހައްމިއްޔަތުކަމާއި، ދެއްވި އެއްބާރުލުމާއި ގުރުބާނީގެ ސަބަބުންކަން ފާހަގަކުރައްވައި މުޅި މުއައްސަސާގެ ނަމުގައި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ވަކިވަކި އޮޕަރޭޝަންތަކަށް ފުލުހުން އިސްކަންދޭ ވަގުތުތަކުގައި އެހެނިހެން ހިދުމަތްތަކަށް ބަދަލެއް އަތުވެދާނެ ކަމަށް އާންމުން ދެކޭ ދެކުމަށް އިޝާރާތްކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، އޮޕަރޭޝަނަލް އިސްކަންދިނުންތައް ހުރި ނަމަވެސް، ގާނޫނުން މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ފުލުހުން އިހުމާލު ނުވާނެ ކަމަށެވެ. އަދި ކުމުންދޫއަކީ އާންމުކޮށް ކުށް މަދު ރަށެއްކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ފަރުވާކުޑަނުކޮށް، މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކުވެސް ފާރަވެރިކަމާއެކު ކުށުގެ ވެށި ކޮންޓްރޯލްކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ރަށުގައި ތިބި ފުލުހުންނަށް އިލްތިމާސްކުރެއްވިއެވެ.
ކޮމިޝަނަރގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ފުލުހުންގެ ތަރައްގީގެ މަޝްރޫއުތަކަށާއި ދުވަހުން ދުވަހަށް ބޭނުންވާ ކަންކަމަށް ވަރަށް ގާތުން ބައްލަވައި ދެއްވަމުން ގެންދަވާ އެއްބާރުލުމަށްޓަކައި ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް އަހަރަށް ފުލުހުންގެ ލަނޑުދަނޑިތައް ކަނޑައަޅައި މަސައްކަތްތައް ބައްޓަންކުރުމުގައި، ކައުންސިލާއި ރައްޔިތުންނާ މަޝްވަރާކޮށްގެން މުޖުތަމައު ބޭނުންވާ ފަދަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް މޫސުމީ ރީދޫ ސަމާލު ނެރެފި
9 މިނިޓު ކުރިން
.png&w=3840&q=75)
މަސްތުވާތަކެތީގެ މައްސަލައެއްގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
10 މިނިޓު ކުރިން

ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނައިޓް ޑިއުޓީ އެލަވަންސް ކުޑަކޮށްފި
13 މިނިޓު ކުރިން
.webp&w=3840&q=75)
މޭޔަރ ޢާޒިމްގެ ސުވާލެއް: މާލިއްޔަތު ކޮމިޓީއަށް އިސްކަންދޭންވީ ކަންކަން ނޭނގެނީތަ؟
ގަޑިއިރެއް ކުރިން


