
ވާހަކަ - ބަދުނާމު ( އެޕިސޯޑް 1 )

އަހުމަދު ޖަމީލް - 14 އޮކްޓޯބަރު 2026 - 14:53
"މި ވާހަކައިގައި ބޭނުންކުރެވިފައިވާ ނަންތަކަކީ މުޅިންވެސް ލިޔުންތެރިޔާގެ ޚިޔާލީ އުފެއްދުމެއް ކަމަށާއި، ހަގީގީ މީހުންނާއި، ތަންތަނާއި، ނުވަތަ ހާދިސާތަކާ އެއްވެސް އެއްގޮތްކަމެއް ހުރުމަކީ އިއްތިފާގުން ދިމާވެދާނެކަމެއް"
މުޅި މާލެ އޮތީ އިންތިޚާބުގެ ފޯރީގައެވެ. ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުމުގެ އެންމެ ފަހު ވަގުތުކޮޅު ގުނަމުން ދިޔައިރު، މުޅި ޤައުމުގެ ނޭވާ ވަނީ ހިފަހައްޓާލެވިފައެވެ. ކެމްޕޭން ޖަގަހަތަކުން އިވެމުން ދިޔައީ އުފާވެރިކަމުގެ ހަޅޭކުގެ އަޑެވެ. މި ބޮޑު ސިޔާސީ ކާމިޔާބީގެ އެންމެ އުސް ހަރުފަތުގައި ހުރީ މުހައްމަދެވެ. މުހައްމަދަކީ ޒުވާން، ތަޢުލީމީ އަދި ރައްޔިތުންގެ ލޯބި ހޯދާފައިވާ ޝަޚުޞިއްޔަތެކެވެ. ނަމަވެސް، މުހައްމަދުގެ ކާމިޔާބީގެ ފަހަތުގައި ވަނީ އެހެން އެއްވެސް މީހަކަށް ނޭނގޭ ފުން ސިއްރެކެވެ. އެއީ މުހައްމަދުގެ ހަޤީޤީ ލޯބިވެރިޔާ އައިޝާއެވެ.
އައިޝާއަކީ މުހައްމަދުގެ ސިޔާސީ ޙަޔާތުގެ އެންމެ އިސް އެއް ތަނބެވެ. އޭނާގެ ހުރިހާ ސްޕީޗްތަކެއް ލިޔެދިނުމުން ފެށިގެން، ކެމްޕޭންގެ މައިގަނޑު ސްޓްރެޓެޖީތައް އެކުލަވާލުމުގައި ޢަމަލީ ގޮތުން އެންމެ ބުރަކޮށް އުޅުނީ އައިޝާއެވެ. އައިޝާ ހުރީ މުހައްމަދުގެ ކާމިޔާބީއަށްޓަކައި އޭނާގެ މުޅި ދިރިއުޅުން ޤުރުބާން ކުރަން ތައްޔާރަށެވެ. އެރޭގެ ނަތީޖާއިން މުހައްމަދު ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ދިވެހިރާއްޖޭގެ ވަލިއްޔުލް އަމްރުގެ މަޤާމަށް ހޮވުނުކަން އިޢުލާން ކުރެވުނު ވަގުތަކީ އައިޝާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފޭބި ވަގުތެކެވެ. މުހައްމަދު ދިން ވަޢުދަކީ އިންތިޚާބު ކާމިޔާބުވުމާއެކު އައިޝާއާ ކައިވެނިކޮށް، އެ ގުޅުން ޢާންމުކުރާނެ ކަމަށެވެ.
ނަމަވެސް، ކަންތައްތައް ވެގެން ދިޔައީ އައިޝާ ހީކުރި ގޮތަކަށް ނޫނެވެ. މުހައްމަދުގެ ސިޔާސީ ކާމިޔާބީގެ ފަހަތުގައި ހުރި ނުފޫޒުގަދަ ވިޔަފާރިވެރިންނާއި ޢާއިލާގެ އެންމެ އިސް މީހުން ބޭނުންވީ އެހެން ގޮތެކެވެ. އެމީހުން ބޭނުންވީ މުހައްމަދުގެ އަނބިމީހާގެ މަޤާމަށް، ނުފޫޒުގަދަ ސިޔާސީ ޢާއިލާއަކަށް ނިސްބަތްވާ ފާތުން ގެނައުމަށެވެ. ފާތުންއަކީ ބޮޑާ، ކިބުރުވެރި، އަދި ބޭނުންވާ ކޮންމެ ކަމެއް ހާސިލުކުރުމަށް ކޮންމެ ފަދަ ޢަމަލެއްވެސް ކޮށްފާނެ ފަދަ އަންހެނެކެވެ. ފާތުންއަށް މުއިއްޒާއި އައިޝާގެ ލޯބީގެ ގުޅުމުގެ ޚަބަރު ލިބުނީއްސުރެ، އޭނާގެ ހިތުގައި އައިޝާއަށްޓަކައި އުފެދިފައިވަނީ އިންތިހާ ދަރަޖައިގެ ނަފްރަތެކެވެ.
އިންތިޚާބު ނިމި، ދުވަސްތައް ވޭތުވަމުން ދިޔައެވެ. މުހައްމަދު ހުވާކުރުމުގެ ރަސްމިއްޔާތު ކައިރިވަމުން ދިޔަވަރަކަށް މުހައްމަދުގެ ފޯނު ކޯލްތައް މަދުވާން ފެށިއެވެ. އައިޝާއަށް ޖަވާބުދިނުން ހުއްޓާލިއެވެ. ރައީސް އޮފީހުގެ ތެރޭގައި މުހައްމަދު މަޝްޣޫލުވެގެން ދިޔައިރު، އައިޝާ ދިޔައީ އެކަނިވެރިކަމުގައި ކަރުނަ އަޅަމުންނެވެ. އައިޝާ ހުރީ މުހައްމަދުގެ އެޕާޓްމަންޓްގައެވެ. އެއީ ދެމީހުން އެކުގައި އެތައް ވަގުތެއް ހޭދަކުރި، އަދި މުހައްމަދުގެ އެންމެ އަގުބޮޑު ސިއްރުތައް ރައްކާކުރެވިފައިވާ ތަނެވެ. އެ ގޭގެ ސިޓިންގރޫމުގައި ހުރި މަޝްހޫރު އަޅިކުލައިގެ "އެލް ސޯފާ" އަކީ އެދެމީހުންގެ ލޯބީގެ އެންމެ ފޮނި ހަނދާންތައް ގުޅިފައިވާ ތަނެވެ. މުހައްމަދު ރިޔާސީ މެނިފެސްޓޯގެ އެންމެ މުހިންމު ސިޔާސަތުތައް އެކުލަވާލީ އެ އެލް ސޯފާގައި އިނދެގެންނެވެ. އައިޝާގެ ކޮނޑުގައި ބޯއަޅާލައިގެން އިނދެ، އެތައް ހުވަފެންތަކެއް ދެއްކީ އެތާނގައެވެ.
އެއްދުވަހަކު ކުއްލިއަކަށް އެޕާޓްމަންޓުގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައީ ފާތުންއެވެ. ފާތުންގެ މޫނުމަތިން ފެންނަން ހުރީ ވިހަގަދަ ހިނިތުންވުމެކެވެ. އޭނާ ވަދެގެން އައިސް ހުއްޓުނީ އައިޝާގެ ކުރިމައްޗަށެވެ. "މިހާރު މުއިއްޒަކީ ޤައުމުގެ ވަލިއްޔުލް އަމްރު. އޭނާގެ ދިރިއުޅުމުންނާއި މި ޤައުމުގެ ސިޔާސީ މައިދާނުން ކަލޭ ޖެހޭނީ ފޭބެން،" ފާތުންގެ އަޑުގައި ހުރި ނަފްރަތާއި އިންޒާރުގެ ރާގު އިވިފައި އައިޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ފާތުން ވަށައިގެން ބަލައިލުމަށްފަހު އެލް ސޯފާއަށް އިޝާރާތްކޮށް ބުންޏެވެ. "މިތާ އިނދެގެން ދެކުނު ހުރިހާ ހުވަފެނެއް ފުނޑުފުނޑުކޮށްލާނަން. މުއިއްޒަކީ އަހަރެންގެ މީހެއް. ކަލެއަކީ މިއަދުން ފެށިގެން މި ޤައުމަށް ހުރި ނުރައްކަލެއް."
އައިޝާ ވަގުތުން މުއިއްޒަށް ގުޅަން މަސައްކަތް ކުރިއެވެ. ނަމަވެސް މުހައްމަދުގެ ފޯނު އޮތީ ނިއްވާލާފައެވެ. ސިޔާސީ ބާރާއި އިއްޒަތުގެ ދަހިވެތިކަމުގައި މުހައްމަދު ވަނީ އޭނާގެ ޙަޤީޤީ ލޯބި ހަނދާން ނައްތާލާފައެވެ. ދޮގާއި މަކަރާއި ހީލަތުގެ ފުން ވަޅުގަނޑަކަށް އައިޝާ ވައްޓާލުމުގެ ބިންގާ އެޅުނީ އެހިސާބުންނެވެ. އައިޝާއަށް ނޭނގުނު ކަމަކީ، އޭނާގެ މުޅި ދިރިއުޅުން ބަދުނާމުކޮށް، ޚަރާބުކޮށްލުމަށްޓަކައި ދައުލަތުގެ އެންމެ މަތީ ފަންތީގައި ރޭވެމުންދިޔަ ނުރައްކާތެރި މަޅިއެވެ.
( ނުނިމޭ - ދެވަނަ އެޕިސޯޑަށް އިންތިޒާރުކުރައްވާ)
ގުޅުން ހުރި ޙަބަރުތައް

މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓު ދޫކުރަން ފަށަނީ
4 ގަޑިއިރު ކުރިން

ތޮއްޖެހުން ކުޑަކުރުމަށް އެމްޑީޕީގެ ސަރުކާރުން ފެށި އާރްޓީއެލްގެ ޚިދުމަތަކީ މުހިންމު މަޝްރޫޢެއް: އާޒިމް
4 ގަޑިއިރު ކުރިން

ދައުލަތަށް ލިބުނު އާމްދަނީ 31.5 އިންސައްތަ އިތުރުވެއްޖެ
4 ގަޑިއިރު ކުރިން

ދައުލަތުގެ މުއައްސަސާތައް ހިމެނޭ ވެބްސައިޓެއް ރައީސް އޮފީހުން އިފްތިތާހްކޮށްފި
4 ގަޑިއިރު ކުރިން


