logo
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒު، ފޮޓޯ: ގަލްފް ޓައިމްސް

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒު، ފޮޓޯ: ގަލްފް ޓައިމްސް

ހޫޘީން ފޮނުވާލި މިސައިލެއް ސައޫދީ އަރަބިއްޔާއިން ހުއްޓުވައިފި؛ ވެރިރަށުން ގޮވުމުގެ އަޑުތަކެއް!

profile

އާމިނަތު ޝަޒްލާ - 20 އޮކްޓޯބަރު 2026 - 10:28

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް އެ ގައުމުގެ ދިފާއީ ބާރުތަކުން ކާމިޔާބުކަމާއެކު ހުއްޓުވައި ނައްތާލައިފި ކަމަށް އަންގާރަ ދުވަހު ސައޫދީ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

https://wamco.com.mv/

މި ހާދިސާއާ ގުޅިގެން ރިޔާޒުގެ ކަމާބެހޭ އިދާރާތަކުން ނުރައްކަލުގެ އިންޒާރު ނެރެފައިވާއިރު، އެ ސިޓީގައި ތިބި އޭއެފްޕީގެ ނޫސްވެރިންނަށް މުޅި ސަރަހައްދު ގުޑައިގެންދާ ފަދަ ބާރުގަދަ ގޮވުންތަކެއްގެ އަޑު ދެ ފަހަރެއްގެ މަތިން ވަނީ އިވިފައެވެ.

ޔަމަނުގެ ސަރުކާރުގެ ދިފާއުގައި ހަނގުރާމަކުރާ ސައޫދީ ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ ވިދާޅުވި ގޮތުގައި، ހޫޘީން ރިޔާޒަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލް ވަނީ އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ތެރޭގައި ހުއްޓުވައި ކާމިޔާބުކަމާއެކު ނައްތާލާފައެވެ. ސައޫދީ ސިވިލް ޑިފެންސްއިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ކުރިމަތިވެދާނެ ނުރައްކަލަކަށް ސަމާލުވުމުގެ ގޮތުން ގައުމީ އިންޒާރު ނެރޭ ނިޒާމު މެދުވެރިކޮށް ރިޔާޒުގެ ރައްޔިތުންގެ ފޯނުތަކަށް ކުއްލި އިންޒާރު ފޮނުވި ކަމަށެވެ. ނަމަވެސް، އޭގެ މަދު މިނެޓުކޮޅެއްގެ ފަހުން އެ ނުރައްކާ ފިލައިދިޔުމާ ގުޅިގެން ވަނީ އެ އިންޒާރު އުވާލާފައެވެ.

ސައޫދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން ދެމުންގެންދާ ހަމަލާތައް މީގެކުރިން ދުވަހަކުވެސް އިތުރުނުވާ މިންވަރަށް ވަރުގަދަވެފައިވާއިރު، މީގެ ނޭދެވޭ އަސަރު އެ ގައުމުގެ އިގްތިސާދަށް ދަނީ ކުރަމުންނެވެ. އެގޮތުން، އެ ގައުމުގައި ބޭއްވުމަށް ތާވަލުކުރެވުނު ބައިނަލްއަގުވާމީ ބޮޑު އިންވެސްޓްމަންޓް ކޮންފަރެންސެއް ވެސް މިހާރު ވަނީ ފަސްކުރަން މަޖުބޫރުވެފައެވެ. މިއީ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، ގައުމުގެ އިގްތިސާދު ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ސިންދަފާތުކުރުމަށް ސައޫދީ ސަރުކާރުން ކުރަމުންދާ އުންމީދުތަކަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ.

އީރާނުގެ މަދަދުލިބޭ ހޫޘީން ދެމުންދާ ނުރައްކާތެރި ހަމަލާތަކާ ގުޅިގެން ރިޔާޒުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ވަގުތީގޮތުން ބަންދުކުރަން ޖެހުނުއިރު، ޔަމަނުގެ ސަރުކާރާއި ހޫޘީންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ސައޫދީ ވައިގެ ސިފައިން ވެސް ދަނީ މެދުނުކެނޑި ހޫޘީންގެ އަމާޒުފަތްތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ދެފަރާތުގެ ދެމެދުގައި 2022 ވަނަ އަހަރު ގާއިމުކުރެވުނު ސުލްހައިގެ އެއްބަސްވުން މިދިޔަ ޖުލައި މަހު އުވިގެންދިޔައީ، ޔަމަނުގެ ވައިގެ ސަރަހައްދު ސައޫދީގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮއްވައި، ހޫޘީން އެކަމަށް ގޮންޖަހައި އީރާނުގެ މަތިންދާބޯޓެއް ސަންޢާގެ އެއާޕޯޓަށް ޖެއްސުމަށް ހުއްދަ ދިނުމާ ގުޅިގެންނެވެ. މި ހާދިސާއާއެކު ދެފަރާތުގެ ދެމެދުގައި އަނެއްކާވެސް ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ފެށިފައެވެ.

އޭގެ ފަހުން، ހޫޘީން ވަނީ ސައޫދީ އަރަބިއްޔާގެ ކަނޑުގެ ސަރަހައްދު ބަންދުކުރިކަން އިއުލާނުކޮށް، އެ ގައުމުގެ ކަނޑު އުޅަނދުފަހަރަށާއި، ބިމަށާއި އަދި މުހިންމު ތެޔޮ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ފޮނުވަން ފަށާފައެވެ. އަދި ވޭތުވެދިޔަ ސެޕްޓެމްބަރު މަހު ހިންގި ވަރުގަދަ އަސްކަރީ ހަރަކާތްތަކެއްގައި، ރަތްކަނޑުގެ އައްސޭރިފަށުގައި ތިބި ޔަމަނުގެ ސަރުކާރުގެ ފައުޖުތައް އެ ސަރަހައްދުން ފަހާލައި، އެ ސަރަހައްދުގެ ބޮޑު ބައެއްގެ ކޮންޓްރޯލް ވެސް ހޫޘީން ވަނީ ހޯދާފައެވެ.

https://wamco.com.mv/
tel:+9607331319