logo
ރައްޔިތުން ބަލަން ތިބޭނެ ހެއްޔެވެ؟

ރައްޔިތުން ބަލަން ތިބޭނެ ހެއްޔެވެ؟

ރައްޔިތުން ބަލަން ތިބޭނެ ހެއްޔެވެ؟

profile

ރިޟްވާން މޫސާ - 19 އޮކްޓޯބަރު 2026 - 04:53

ދިވެހިރާއްޖޭގެ ލޮބުވެތި ފަސްގަނޑަކީ ކާބަފައިން އެތައް ޤުރުބާނީއެއް ވެގެން، ލެޔާއި ކަރުނައިން މިނިވަންކަން ދަމަހައްޓައި، އަންނަން އޮތް ޖީލުތަކަށްޓަކައި ވާރުތަކޮށްދިން މަތިވެރި އަމާނާތެކެވެ. ނަމަވެސް، މިއަދު ފެންނަމުން މިދަނީ އެ އަމާނާތަށް ޚިޔާނާތްތެރިވެ، ދިވެހި ދައުލަތުގެ އަގުހުރި މުދަލާއި ބިންތައް ކުޑައަގުގައި ބޭރުގެ ކުންފުނިތަކަށް ބަހާލައި، ދިވެހި ޤައުމު ހަސްނެތި ހަފުސްކޮށްލަމުންދާ ހިތާމަވެރި މަންޒަރެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ކޮންމެ ދިވެހި ދަރިއެއްގެ ހިތުގައި އުފެދޭ އެންމެ ބޮޑު ސުވާލަކީ މިއީއެވެ؛ ޤައުމު ވިއްކާލައި، އަޅުވެތިކަމުގެ ތެރެއަށް ވައްޓާލާއިރު ރައްޔިތުން އަދިވެސް ހަމަ ބަލަން ތިބެންވީ ހެއްޔެވެ؟

https://wamco.com.mv/

ފަހަކަށް އައިސް އަޑުއިވިގެން މިދިޔަ އެންމެ ސިހުންގެނުވި އަދި އެންމެ ލަދުވެތި ޚަބަރަކީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރާއްޖޭގައި ހިންގި ބިންހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢު ރަސްމާލެ ( ފުށިދިއްގަރު ފަޅު ) ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން ނުއަގުގައި ދީލައިލަން އުޅޭ ޚަބަރެވެ. ދިވެހި ރައްޔިތުން ބޯހިޔާވަހިކަމެއް ނުލިބި، އެތައް އާއިލާއެއް ކުޑަކުޑަ ގޮޅިއެއްފަދަ ތަންތަނުގައި ކުއްޔަށް އުޅެމުންދާއިރު، ދިވެހި ފަސްގަނޑުން 500 ހެކްޓަރުގެ ބޮޑު ސަރަޙައްދެއް ބޭރުގެ ބަޔަކަށް ވިއްކާލުމަކީ ދައުލަތުގެ މުދަލަށް ވެވޭ ބޮޑު އިހުމާލެއް ނޫން ހެއްޔެވެ؟ ރައްޔިތުން ދާންވީ ކޮންތާކަށް ހެއްޔެވެ؟ މުޅި ޤައުމު ބޭރު މީހުންނަށް މިލްކުކޮށްދީ، ދިވެހިން މި ޤައުމުގައި ރެފިއުޖީންނަށް ވާންވީ ހެއްޔެވެ؟ ނޫނެކެވެ! މިއީ ދިވެހި އެއްވެސް ވިސްނޭ ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫނެވެ.

މިއަދު ޤައުމުގެ އިޤްތިޞާދީ ޙާލަތަށް ބަލައިލާއިރު ފެންނަނީ ކަޅު އަނދިރި ދުވަސްތަކެކެވެ. ރައްޔިތުންގެ އިޤްތިޞާދީ ފުދުންތެރިކަން މުޅިން ފުނޑުފުނޑުވެއްޖެއެވެ. އާދައިގެ ރައްޔިތު މީހާ ދެއިރު ކައިބޮއި އުޅޭނެ މަގެއް ނެތި، ދަރަނިވެރިކަމުގެ އަނދަވަޅަކަށް ވެއްޓިއްޖެއެވެ. ޑޮލަރުގެ އަގު ވަނީ އިންތިހާއަށް އުފުލި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކޮންޓްރޯލުން ނެއްޓިފައެވެ. ޑޮލަރު ނުލިބުމުގެ ސަބަބުން ވިޔަފާރިތައް ހުއްޓުމަކަށް އަންނައިރު، ކާބޯތަކެއްޗާއި ޒަރޫރީ ސާމާނުގެ އަގު އުފުލެމުން ދަނީ އަތްނުފޯރާ ފަށަށެވެ. މުސާރައަކުން މަސްދުވަސް ފުއްދައިނުލެވި، އާންމު ރައްޔިތުން ގޮތްހުސްވެފައިވާއިރު، ވެރިން އުޅެނީ ޤައުމުގެ ބިންތައް ވިއްކައިގެން އަމިއްލަ އެދުން ފުއްދުމުގައެވެ.

މި ހުރިހާ ކަމެއް މިހެން ވަމުންދާއިރު، ސަރުކާރުގެ ޒިންމާދާރުކަން ކޮބައި ހެއްޔެވެ؟ ރައްޔިތުން އިންތިޚާބުކުރި ވެރިންގެ ފަރާތުން ފެންނަނީ ރައްޔިތުންގެ އިޙްސާސްތަކަށް ކަނޑައެޅިގެން ބީރުކަންފަތެއް ދޭ މަންޒަރެވެ. ދައުލަތުގެ ޚަޒާނާ ހުސްވެ، ޤައުމު އިޤްތިޞާދީ ގޮތުން އިނދަޖެހެމުންދާއިރު، ޙަޤީޤަތް އޮޅުވާލައި ދައްކާ ފޮނި ވާހަކަތަކުން ރައްޔިތުންގެ ބަނޑެއް ނުފުރޭނެއެވެ. ދައުލަތުގެ މިލްކިއްޔާތާއި މުދަލަކީ އެއްވެސް ވެރިއެއްގެ އަމިއްލަ ތަރިކަ މުދަލެއް ނޫނެވެ. އެއީ ދިވެހި ރައްޔިތުންގެ ޙައްޤެކެވެ. އެ ޙައްޤަށް އަރައިގަނެ، ބޭރުގެ ކުންފުނިތަކުގެ ކުރިމަތީގައި ކުކުޅުކުދިން ފަދައިން ކުޑަކަކޫ ޖެހުމަކީ ޤައުމަށް ވެވޭ ޚިޔާނާތެކެވެ.

މިއަދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި އަނދަމުންދަނީ ނުރުހުމާއި ރުޅިވެރިކަމުގެ އަލިފާނެވެ. ކެތްތެރިކަމުގެ އިމުން ވަނީ ބޭރުވެފައެވެ. މުޅި ޤައުމު އެކީ ނީލަން ކިޔައި، ދިވެހިން ނިކަމެތިކުރަމުންދާއިރު، ހިމޭނުން ތިބޭނެ ދިވެހި ދަރިއަކު މިއަދަކު ނެތެވެ. މި ޤައުމުގެ މުސްތަޤްބަލް ބަނަކޮށް، މިނިވަންކަމާއި ސިޔާދަތު ނުރައްކަލުގެ ތެރެއަށް ވައްޓާލަން ދޫކޮށެއް ނުލެވޭނެއެވެ.

މިއީ ހޭލަންވީ ވަގުތެވެ. ދިވެހި ޒުވާނުންނާއި، ޢިލްމުވެރިންނާއި، ކެރޭ ހިތްވަރުގަދަ ރައްޔިތުން ނިކުމެ، ޤައުމުގެ ދިފާޢުގައި އަޑުއުފުލަން ވެއްޖެއެވެ. ނުއަގުގައި ބިންތައް ދިނުމާއި، އިޤްތިޞާދު ޚަރާބުކޮށްލުމާއި، ދައުލަތުގެ މުދަލަށް އިހުމާލުވުމާ ދެކޮޅަށް އެއް އަޑަކުން ނޫނެކޭ ބުނަން ވެއްޖެއެވެ. ޤައުމު ދިފާޢުކުރުމަކީ ހަމައެކަނި ޙައްޤެއް ނޫނެވެ؛ އެއީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ އަދި ދީނީ ވާޖިބެކެވެ. ރައްޔިތުން އިތުރަކަށް ބަލާކަށް ނުތިބޭނެއެވެ! ދިވެހިންގެ ފަސްގަނޑު ދިވެހިންގެ އަތުން ބީވެގެން ދިޔުމުގެ ފުރުޞަތެއް ދެނެއް ނުދެވޭނެއެވެ!

ތާރީޚު ހެކިދޭ ގޮތުގައި ދިވެހިންނަކީ އަބަދު އަނިޔާއާއި ބޭއިންސާފަށް ބޯލަނބައިގެން ތިބި ބައެއް ނޫނެވެ. ދިވެހި ޤައުމިއްޔަތާއި އިސްލާމީ ވަޙްދަތަށް ލޮޅުން އަރާ ކޮންމެ ހިނދެއްގައި، މި ފަސްގަނޑުގެ ދަރިން ވަނީ ސާބިތުކަމާއެކު އިސްނަގާފައެވެ. މިއަދުވެސް އޮތީ ހަމަ އެ ޙާލަތެވެ. އަމިއްލަ ފަސްގަނޑުގައި ދިވެހި ރައްޔިތު މީހާ ބާކީވެ، ބޭރުގެ ވިޔަފާރިވެރިންނަށް ޤައުމުގެ އެންމެ މުހިންމު ވަސީލަތްތައް ދީލާލާއިރު، އެ މަންޒަރު ބަލަން ހިމޭނުން ތިބުމަކީ އަމިއްލަ ނަފްސަށާއި މާދަމާގެ ދަރިންނަށް ދެވޭ ބޮޑު އަނިޔާއެކެވެ.

އާދައިގެ ރައްޔިތުމީހާ ދުވަހުގެ ކެއިންބުއިމާއި، ބޭސްފަރުވާއާއި، ދަރިންގެ ތަޢުލީމަށް ސަލާންޖަހަން ޖެހިފައިވާއިރު، ވެރިކަމުގެ ދަރުބާރުތަކުން އިވެނީ އިސްރާފާއި ކޮރަޕްޝަންގެ އަޑެވެ. ޤައުމުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ދަރަނިން ދަރަންޏަށް ޤައުމު ޣަރަޤުވަމުންދާއިރު، އެކަމުގެ ބުރަ އުފުލަން މި ޖެހެނީ ނިކަމެތި ރައްޔިތުމީހާއެވެ. ޓެކުސްތައް ބޮޑުކޮށް، ޚިދުމަތްތަކުގެ އަގު އުފުލައި، ރައްޔިތުންގެ ޖީބުތައް ފެލައިލުމަށްފަހު، އެއިން ލިބޭ މަންފާއެއް ރައްޔިތަކަށް ނެތެވެ. މިފަދަ ބޭއިންސާފު ސިޔާސަތުތަކުގެ ސަބަބުން މުޅި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ވީދި، ޢާއިލާތައް ބިކަވެ ނިމިއްޖެއެވެ.

އެހެންކަމުން، މިއަދު ސަރުކާރަށް ދޭން އޮތް މެސެޖަކީ ސާފު މެސެޖެކެވެ. ރައްޔިތުންގެ ކެތްތެރިކަން އިމްތިޙާނު ނުކުރާށެވެ! ޤައުމުގެ ބިމާއި ވަސީލަތްތަކަކީ ވެރިންގެ އަމިއްލަ ޖީބު ފުރަން އޮތް ވަސީލަތްތަކެއް ނޫނެވެ. 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް ދީގެން ހިންގަން އުޅޭ މުޢާމަލާތް ވަގުތުން ވަގުތަށް ހުއްޓާލަން ޖެހެއެވެ. ޤައުމުގެ އިޤްތިޞާދީ މިސްރާބު ރަނގަޅުކޮށް، އިންތިހާއަށް އުފުލިފައިވާ ތަކެތީގެ އަގުތަކާއި ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް އިޚްލާޞްތެރި ފިޔަވަޅުތަކެއް އަޅަން މަޖުބޫރެވެ.

މި ޤައުމުގެ ޙައްޤުގައި، އަނިޔާވެރިކަމާއި އިހުމާލުވުމާ ދެކޮޅަށް ފިކުރީ ގޮތުންނާއި، ޤާނޫނީ އިމުގެ ތެރެއިން އެންމެން އެކަތިގަނޑަކަށް ވެގެން ތެދުވަން ވެއްޖެއެވެ. ބަސްބުނަންވީ ވަގުތަކީ މިއީއެވެ. މިއަދު އަޑުނުއުފުލައިފިނަމަ، މާދަމާ މި ޤައުމުގައި ދިވެހިންނަށް އަމިއްލަ ބަސް ބުނުމުގެ ޙައްޤުވެސް ގެއްލިގެން ހިނގައިދާނެއެވެ. ޤައުމު ސަލާމަތްކުރުމުގެ ބާރު އަދިވެސް އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ދިވެހި ފަސްގަނޑު ދިވެހިންނަށްޓަކައި ދަމަހައްޓަން އަޒުމް ކަނޑައަޅައި، މި ޤައުމު ހަމަމަގަށް އަޅުވަންދެން ރައްޔިތުން ފަހަތަކަށް ނުޖެހޭނެއެވެ!

އަނދިރިކަމުގެ ތެރޭގައި ތިބެ އަނދަވަޅަކަށް ވެއްޓެމުންދާ މަންޒަރު ބަލަން ހުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ޒަމީރު މިއަދު ދެކޮޅުހަދާ ކަމެކެވެ. ދިވެހިންގެ ކެތްތެރިކަމަކީ ބަލިކަށިކަމެއް ކަމުގައި ދެކި، ވެރިކަމުގެ ބާރުގައި ތިބެ ރައްޔިތުންގެ މައްޗަށް ހިންގާ މިފަދަ ޚިޔާނާތްތެރި ޢަމަލުތަކަށް ޖަވާބުދާރީ ކުރުވާނެ ދުވަސް މާ ދުރެއް ނޫނެވެ. ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިންކަން ޤާނޫނުއަސާސީ ސާފު އިބާރާތުން ބަޔާންކުރާއިރު، އެ ރައްޔިތުންގެ ބަހެއް ނެތި ޤައުމުގެ އެންމެ އަގުބޮޑު މުދާ ވިއްކާލުމުގެ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ޙައްޤެއް އެއްވެސް ފަރާތަކަށް ލިބިގެންނެއް ނުވެއެވެ.

މިއަދު މި ޤައުމުގައި އުފެދިފައިވާ އިޤްތިޞާދީ އަދި އިޖުތިމާޢީ ކާރިސާއަކީ އިއްތިފާޤަކުން ދިމާވި ކަމެއް ނޫނެވެ. އެއީ ހިންގުމުގެ ނާޤާބިލުކަމާއި، ދުރުވިސްނުމެއް ނެތް ސިޔާސަތުތަކާއި، ދައުލަތުގެ މުއްސަނދިކަން އަމިއްލަ މަންފާއަށް ބޭނުންކުރުމުގެ ހިތި ނަތީޖާއެވެ. ދިވެހި ކޮންމެ ރައްޔިތެއްގެ ޖީބުން ނަގާ ޓެކުސް ފައިސާއިން ބޭރުގެ ކުންފުނިތަކަށް ދީލަތި އިނާޔަތްތައް ދީ، ދިވެހި ވިޔަފާރިވެރިޔާއާއި މަސައްކަތްތެރިޔާ އިނދަޖައްސާލުމަކީ ޤައުމީ ވިސްނުމެއް ނޫނެވެ. މިއީ ޤައުމުގެ އިޤްތިޞާދީ މިނިވަންކަން ބީރަށްޓެހިންގެ އަތްމައްޗަށް ދޫކޮށްލުމެވެ.

މި ޙަޤީޤަތްތަކުގެ ކުރިމަތީގައި ހިމޭނުން ތިބުމަކީ، ވެރިން ހިންގާ މި ޖަރީމާތަކުގައި ބައިވެރިވުން ފަދަ ކަމެކެވެ. މިއަދު އަޅުގަނޑުމެން ދައްކާ ބިރުވެތިކަމާއި ފަސްޖެހުމުގެ އަގު، މާދަމާ އަދާކުރަން ޖެހޭނީ އަޅުގަނޑުމެންގެ ކުށެއްނެތް ޅަދަރިންނެވެ. އެ ކުދިން ބޮޑުވެގެން އަންނައިރު އަމިއްލަ ޤައުމުގައި ބޯހިޔާކޮށްލާނެ ބިންކޮޅެއް ނެތި، ބޭރު މީހުންގެ ދަށުވެ، އަމިއްލަ ފަސްގަނޑުގައި ބީރައްޓެހިންގެ ގޮތުގައި އުޅެން ޖެހުމަކީ އެ ދަރިންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ.

އެހެންކަމުން، މި ނުރައްކާތެރި މިސްރާބު ބަދަލުކުރުމަށްޓަކައި މުޅި ޤައުމު އެކަތިގަނޑަކަށް ވާން ވެއްޖެއެވެ. ޕާޓީ ކުލަތަކާއި ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް، ދިވެހި ދިދައިގެ ދަށަށް ޖަމާވެ، ޤައުމީ ރޫޙު އިސްކުރަން ވެއްޖެއެވެ. ދައުލަތުގެ މުދަލަށް އިހުމާލުވާ ފަރާތްތަކަށް ފާރަވެރިވެ، ބޭއިންސާފާ ދެކޮޅަށް އުފުލަންޖެހޭ އަޑުތައް ގަދަކުރަން ވެއްޖެއެވެ. ދިވެހި ފަސްގަނޑަކީ ވިއްކާލަން އޮތް މުދަލެއް ނޫންކަމާއި، ދިވެހި ރައްޔިތުންނަކީ އަޅުވެތިކުރެވޭނެ ބައެއް ނޫންކަން ޢަމަލުން ދައްކުވައިދޭން ވެއްޖެއެވެ. މިއީ ވަގުތެވެ؛ ރައްޔިތުން ބަލާކަށް ނުތިބޭނެއެވެ، ޤައުމު ސަލާމަތްކުރުމުގެ މައިދާނަށް ދިވެހިން ނުކުންނާނީ ސާބިތުކަމާއެކުގައެވެ!

https://wamco.com.mv/
tel:+9607331319