logo
ސައޫދީ އަރަބިއްޔާގެ ދެ ޕައިލެޓުން ތިބި ހެލިކޮޕްޓަރެއް ޔަމަންގެ ބޯޑަރު ކައިރިއަށް ވެއްޓޭ މަންޒަރު،، ފޮޓޯ: ޓީއާރުޓީ ވޯރލްޑް

ސައޫދީ އަރަބިއްޔާގެ ދެ ޕައިލެޓުން ތިބި ހެލިކޮޕްޓަރެއް ޔަމަންގެ ބޯޑަރު ކައިރިއަށް ވެއްޓޭ މަންޒަރު،، ފޮޓޯ: ޓީއާރުޓީ ވޯރލްޑް

ޔަމަނު ސަރަހައްދަށް ސައުދީ ކޯލިޝަންގެ ހެލިކޮޕްޓަރެއް ވެއްޓި، ދެ ޕައިލެޓުން މަރުވެއްޖެ

profile

އާމިނަތު ޝަޒްލާ - 18 އޮކްޓޯބަރު 2026 - 11:45

ޔަމަނުގެ ހޫތީންނާ ދެކޮޅަށް ސައޫދީ އަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ހަރަކާތްތެރިވަމުންދިޔަ ހެލިކޮޕްޓަރެއް ޔަމަންގެ ބޯޑަރު ކައިރިއަށް ވެއްޓި، އޭގައި ތިބި ދެ ޕައިލެޓުން މަރުވެފައިވާ ކަމަށް އެ ކޯލިޝަނުން އާދީއްތަ ދުވަހު ހާމަކޮށްފިއެވެ.

https://wamco.com.mv/

ގަލްފް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ އުޅަނދު ވައްޓާލީ އެމީހުން ކަމަށް އީރާނުގެ މަދަދުލިބޭ ހޫތީ ހަނގުރާމަވެރިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ސައޫދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ ވިދާޅުވީ، ސައޫދީ ނޭޝަނަލް ގާޑް މިނިސްޓްރީގެ "AH-6i" މާކްގެ ރިކޮނައިސަންސް ހެލިކޮޕްޓަރެއް ވެއްޓެން މެދުވެރިވީ "ޓެކްނިކަލް މައްސަލައެއް" ދިމާވެގެން ކަމަށާއި، މި ހާދިސާ ހިނގީ ސައޫދީގެ ނަޖްރާން ސަރަހައްދަށް ކަމަށެވެ. އަދި މި ހާދިސާގައި އުޅަނދު ދުއްވަން ތިބި ދެ އޮފިސަރުން ވަނީ ޝަހީދުވެފައެވެ. މިއީ މިދިޔަ ޖުލައި މަހު ހޫތީންނާއެކު އަލުން ހަނގުރާމަ ފެށުނު ފަހުން އެ ކޯލިޝަނުގެ އަސްކަރިއްޔާއަށް ކުރިމަތިވި މިފަދަ ފުރަތަމަ ފުރާނަދަނިވި ހާދިސާއެވެ.

ނަމަވެސް، ހޫޘީންގެ ތަރުޖަމާނު ޔަޙުޔާ ސަރީޢު ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވެފައިވަނީ، އެ ސަރަހައްދުން ސައޫދީގެ އަޕާޗޭ ހެލިކޮޕްޓަރެއް އެ ޖަމާއަތުން ވައްޓާލާފައިވާ ކަމަށެވެ. މި ހާދިސާ މި ހިނގީ ހޫތީން ރިޔާޟްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކެއްގައި 13 މީހުން މަރުވިތާ ހަފުތާއެއް ފަހުންނެވެ. އެއީ ވޭތުވެދިޔަ ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ސައޫދީ އަރަބިއްޔާއަށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާއެވެ.

ހަތަރު އަހަރު ދުވަހުގެ ނުތަނަވަސް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތަކަށްފަހު، މިދިޔަ މަހު ރަތްކަނޑުގެ އައްސޭރިފަށުގެ އިސްތިރާޖީ ސަރަހައްދުތަކެއް ހޫޘީންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެން ޔަމަނުގެ މަސްރަހު އަލުން ގޯސްވެ، ހަމަނުޖެހުންތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ. މިގޮތުން، ހޫޘީން ވަނީ ސައޫދީގެ ރަތްކަނޑުގެ ތެޔޮ އުޅަނދުތަކަށާއި، ތެޔޮ މަރުކަޒުތަކުގެ އިތުރުން ރިޔާޟްގެ ކިންގް ޚާލިދު ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަން ސަރުކާރަށް ތާއީދުކުރާ ސައޫދީ ކޯލިޝަނުން ދަނީ ހޫޘީންގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކަށް މެދުނުކެނޑި ވައިގެ ހަމަލާތައް ދެމުންނެވެ. މިގޮތުން، ވޭތުވެދިޔަ ހޮނިހިރު ދުވަހު ސައޫދީން ޔަމަނަށް ދިން ހަމަލާތަކުގައި ތިން ކުޑަކުދިން ހިމެނޭހެން ޖުމްލަ 12 މީހަކު މަރުވެފައިވާ ކަމަށް ހޫޘީން ވަނީ ބުނެފައެވެ.

ހަމަލާތައް އިތުރުވަމުންދާއިރު، ކޯލިޝަނުން ރޭ ހާމަކުރި ގޮތުގައި ރިޔާޟް ސަރަހައްދުން ދެ ޑްރޯން އަދި ތެލުގެ މުއްސަނދިކަން ލިބިފައިވާ އިރުމަތީ ޕްރޮވިންސްގެ މަތިން އިތުރު ޑްރޯނެއް ވަނީ ވައްޓާލާފައެވެ. މީގެއިތުރުން، ހޫޘީ ހަނގުރާމަވެރިން ޚަމީސް މުޝައިތަށް އަމާޒުކޮށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލެއް ސައޫދީގެ ދެކުނުން ދިފާއީ ބާރުތަކުން ވަނީ ހުއްޓުވާފައެވެ. މި ހަމަލާތަކާ ގުޅިގެން ސައޫދީގެ ވެރިރަށުގައި ވަނީ ނުރައްކަލުގެ އިންޒާރުވެސް ނެރެފައެވެ.

މަސްރަހު އިތުރަށް ގޯސްވެފައިވަނީ، އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ސައޫދީގެ ތެޔޮ ބޭރުކުރުމަށް ބޭނުންކުރާ ރަތްކަނޑުގެ މުހިންމު މަގު ކަމުގައިވާ ބާބުލް މަންދަބު ކަނޑުއޮޅީގެ ސަރަހައްދުތައް ހޫޘީންގެ ބާރުގެ ދަށަށް ގެންގޮސް، އެ ސަރަހައްދުން ސައޫދީ އަރަބިއްޔާއަށް ދަތުރުފަތުރުކުރުން މަނާކުރުމުންނެވެ.

މި ހާލަތާ ގުޅިގެން، ހޫޘީންގެ ހަމަލާތަކުން ސައޫދީ އަރަބިއްޔާ ދިފާއުކުރުމަށް އެހީތެރިވުމުގެ ހުއްދައަކަށް މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ އެދިވަޑައިގަތުމާ ގުޅިގެން، މި އާދީއްތަ ދުވަހު މިސްރުގެ ގާނޫނު ހަދާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ސައޫދީގެ ވެރިން އެދިވަޑައިގެންފި ނަމަ އެ ގައުމު ހިމާޔަތްކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ތައްޔާރަށް ހުންނެވި ކަމަށް ސީސީ ވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު ވާހަކަފުޅު ދައްކަވަމުން ރައީސް ސީސީ ވިދާޅުވީ، އެމަނިކުފާނު ދައްކަވަނީ އެއްވެސް ބަޔަކާ ހަނގުރާމަކުރުމުގެ ނުވަތަ ބަޔަކަށް ހަމަލާދިނުމުގެ ވާހަކަ ނޫން ކަމަށާއި، ދައްކަވަނީ ހަމައެކަނި ގައުމުގެ ދިފާއާ ގުޅޭގޮތުން ކަމަށެވެ.

https://wamco.com.mv/
tel:+9607331319