
މޯލްޑިވްސް ވޮމްމުލި ރިސޯޓް
"ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2026" އަށް މިއަހަރުވެސް ރާއްޖެ ނޮމިނޭޓްވެއްޖެ

އާމިނަތު ޝަޒްލާ - 18 އޮކްޓޯބަރު 2026 - 11:00
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ވޯލްޑް ޓްރެވެލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2026" އަށް މިއަހަރުވެސް ރާއްޖެ ނޮމިނޭޓްވެއްޖެއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް) އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލަށްދޭ މި ޝަރަފުވެރި އެވޯޑަށް މިއަހަރު ރާއްޖެ ވާދަކުރާއިރު، މިއީ ރާއްޖެއިން މި އެވޯޑަށް ވާދަކުރާ 7 ވަނަ އަހަރެވެ. މި އެވޯޑަށް އާންމުންނަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު މި ހިނގާ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ.
ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ ލަޤަބު އެންމެ ފުރަތަމަ ރާއްޖެއަށް ލިބުނީ ކޮވިޑް-19 ގެ ދަތި އުނދަގޫ ދަނޑިވަޅުގައި، 2020 ވަނަ އަހަރުއެވެ. އޭގެފަހުން ރާއްޖެއިން ވަނީ ހުއްޓުމެއްނެތި، ޖެހިޖެހިގެން 6 އަހަރު މި އެވޯޑު ކާމިޔާބުކޮށް، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަކީ އެއްވަނަ މަންޒިލްކަން ސާބިތުކޮށްދީފައެވެ. އަދި ކޮންމެ އަހަރަކުވެސް ރާއްޖެއިން އަންނަނީ ދުނިޔޭގެ ބޮޑެތި އެހެން މަންޒިލްތަކާ ވާދަކޮށް މި އެވޯޑު ފަޚުރުވެރިކަމާއެކު ދިފާއުކުރަމުންނެވެ.
ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ ދަތުރުފަތުރާއި، ފަތުރުވެރިކަމާއި އަދި މެހުމާންދާރީގެ ދާއިރާއިން އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން 1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑަށް ބަލައިގަންނަ އެއް އެވޯޑެވެ. ފަތުރުވެރިކަމުގެ ދާއިރާގެ "އޮސްކާ" ގެ ގޮތުގައި ސިފަކުރެވޭ މި އެވޯޑަކީ ޤައުމުތަކުގެ ފަތުރުވެރިކަމުގެ އިޝްތިހާރު ކުރުމަށް ލިބޭ ވަރަށް މުހިންމު ބާރެކެވެ.
މީގެކުރިންވެސް ވޯލްޑް ޓްރެވެލް އެވޯޑްސްގައި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއިން ވަނީ ގިނަގުނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެގޮތުން، ދުނިޔޭގެ އެންމެ ރީތި ގޮނޑުދޮށްތައް ހިމެނޭ މަންޒިލާއި، އެންމެ ރަނގަޅު ޑައިވިންގ އަދި ހަނީމޫން މަންޒިލްގެ އިތުރުން، އިންޑިއަން އޯޝަން ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ ބޯޑުގެ އެވޯޑުވެސް ރާއްޖެއިން ވަނީ ތަކުރާރުކޮށް ހޯދާފައެވެ. މިއަހަރުވެސް ރާއްޖެއަށް މި އެވޯޑު ލިބިއްޖެނަމަ، ވެގެންދާނީ ޖެހިޖެހިގެން 7 ވަނަ ފަހަރަށް ދުނިޔޭގެ އެއްވަނަ މަންޒިލްގެ ޝަރަފު ރާއްޖެއަށް ލިބިގެންދާނެ ތާރީޚީ ކާމިޔާބީއަކަށެވެ.
ގުޅުން ހުރި ޙަބަރުތައް
ޔަމަނު ސަރަހައްދަށް ސައޫދީ ކޯލިޝަންގެ ހެލިކޮޕްޓަރެއް ވެއްޓި، ދެ ޕައިލެޓުން މަރުވެއްޖެ
11 ގަޑިއިރު ކުރިން

އިންޑިއާގައި ދީނީ ފެސްޓިވަލެއްގެ ތެރެއަށް ލޮރީއެއް ވަދެ، 13 މީހަކު މަރުވެއްޖެ
11 ގަޑިއިރު ކުރިން

މަސްވެރިންނަށް ބޮޑު އުފަލެއް: މިފްކޯއިން ކަޅުބިލަމަސް ކިލޯއެއްގެ އަގު މިހާރު 22.75 ރުފިޔާއަށް!
11 ގަޑިއިރު ކުރިން

ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް: ދައުލަތަށް ލިބޭ މާލީ ގެއްލުން
19 ގަޑިއިރު ކުރިން


