
ރާއްޖޭގެ މަސްދޯންޏެއް މަސްބާނަމުންދާ މަންޒަރު
މަސްވެރިންނަށް ބޮޑު އުފަލެއް: މިފްކޯއިން ކަޅުބިލަމަސް ކިލޯއެއްގެ އަގު މިހާރު 22.75 ރުފިޔާއަށް!

އާމިނަތު ޝަޒްލާ - 18 އޮކްޓޯބަރު 2026 - 10:54
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަޅުބިލަމަސް ގަންނަ އަގަށް އަނެއްކާވެސް ހެޔޮ ބަދަލެއް ގެނެސް، ކިރާ ކޮންމެ ކިލޯއެއް 22.75 ރުފިޔާގެ ރޭޓުން ގަންނަން މިއަދު ފަށައިފިއެވެ.
މި ބަދަލަކީ މަސް ކިރާ އަދަދަށް ބެލުމެއް ނެތި، ހުރިހާ މަސްދޯނިފަހަރަކަށް ވެސް ހަމަހަމަކަމާއެކު ލިބިގެންދާނެ އަގެކެވެ.
މިފްކޯއިން ސޯޝަލް މީޑިއާގައި އާންމުކުރި ދުވަހުގެ މަސް ގަންނަ އަގުގެ ތާވަލުގައިވާ ގޮތުން، އެ ކުންފުނީގެ މައި މަރުކަޒުތައް ކަމަށްވާ ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ޅ. ފެލިވަރު، ލ. މާމެންދޫ އަދި ގދ. ތިނަދޫ ބަނދަރުން ވެސް މިއަދުން ފެށިގެން މަސް ގަންނަމުންދަނީ ކަޅުބިލަމަސް ކިލޯއެއް 22.75 ރުފިޔާގެ މަގުންނެވެ.
މިއަދު ގެނެވުނު އަގުގެ ބަދަލުގެ ކުރިން، ފާއިތުވި މަސްތަކުގައި މާކެޓުގެ ހާލަތަށް ރިއާޔަތްކޮށް މިފްކޯއިން ވަނީ އަގުތަކަށް އެކި މަރުހަލާތަކުގައި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން 2026 ވަނަ އަހަރުގެ ޖޫން މަހު ކަޅުބިލަމަސް ކިލޯއެއްގެ އަގު 20.00 ރުފިޔާއަށް ބޮޑުކުރިއިރު، އޮގަސްޓް 31 ގައި އެ އަގު ވަނީ 21.00 ރުފިޔާއަށް އުފުލާފައެވެ. އަދި ސެޕްޓެމްބަރު 22 ގައި އަގު އިތުރަށް ބޮޑުކޮށް، ކިލޯއެއް 22.00 ރުފިޔާގެ ފްލެޓް ރޭޓަކަށް ހަމަޖެއްސިއެވެ.
އޭގެ ފަހުން، އޮކްޓޯބަރު 13 ގައި މިފްކޯއިން ވަނީ ކިރާ މަހުގެ ވޮލިއުމަށް ބަލައި ތަފާތު ތިން އަގެއްގެ ޓިއާޑް ސިސްޓަމެއް ތައާރަފްކޮށްފައެވެ. އެ އުސޫލުގެ ދަށުން 0 އިން 5 މެޓްރިކް ޓަނާ ދެމެދުގެ އަދަދަކަށް ކިލޯއަކަށް 21.00 ރުފިޔާ، 5 އިން 8 މެޓްރިކް ޓަނާ ދެމެދަށް 22.00 ރުފިޔާ އަދި 8 މެޓްރިކް ޓަނުން މައްޗަށް ކިރާ މަހަށް ކިލޯއަކަށް 22.75 ރުފިޔާ ދިނުމަށް ކަނޑައެޅިއެވެ.
ނަމަވެސް، މަސްވެރިކަން ދަށް ދުވަސްވަރު ކުދި އަދި މެދު ފަންތީގެ ދޯނިފަހަރަށް 5 ޓަނަށް ވުރެ ގިނައިން މަސް ކިރުމަކީ ދަތި ކަމަކަށް ވެގެންދިޔައެވެ. އޭގެ ސަބަބުން ކިލޯއަކަށް 21 ރުފިޔާ ލިބެމުން ދިޔުމުން، ދޯނިފަހަރުގެ ތެލާއި މަރާމާތުގެ ޚަރަދު ހަމަޖެއްސުމަށް މަސްވެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެހެންކަމުން، މިއަދު އަނެއްކާވެސް ވޮލިއުމަށް ބެލުމެއް ނެތި ހުރިހާ މަހެއް ކިލޯއަކަށް 22.75 ރުފިޔާގެ ރޭޓުން ގަންނަން ނިންމި ނިންމުމަކީ ކުދި އަދި މެދު ފަންތީގެ މަސްވެރިންނަށް ލިބިގެންދިޔަ ނުހަނު ބޮޑު ލުޔެކެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ލޮޅުންތަކާ ގުޅިގެން ކުންފުނިން މަސް ގަންނަ އަގުތަކަށް ބަދަލުތައް ގެނައި ނަމަވެސް، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސްވެރިންނަށް އެންމެ އެދެވޭ އަގު ހޯދައިދިނުމަށް އަބަދުވެސް މަސައްކަތްކުރާނެއެވެ. އަދި މަސްވެރިންގެ އަތުން މަސް ގަންނަ އެންމެ ދަށް އަގު 20.00 ރުފިޔާއަށް ވުރެ ދަށްނުވާނެ ގޮތަށް އުސޫލުތައް ދަމަހައްޓަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.
މަސް ދޯނިފަހަރުން މިފްކޯއަށް ކިރުވި މަހަށް ފައިސާ ދޫކުރުމުގެ އަދާހަމަ ރިޕޯޓަށް ބަލާއިރު، 15 އޮކްޓޫބަރު 2026 ގައި ކިރުވި މަހަށް 17 އޮކްޓޫބަރު 2026 ގައި ވަނީ ފައިސާ ދައްކައި ޚަލާޞްކޮށްފައެވެ. މިގޮތުން، ކަޅުބިލަމަހާއި 10 ކިލޯއިން މަތީގެ ކަންނެލި އަދި 15 ކިލޯއިން މަތީގެ ކަންނެލި ހިމެނޭހެން، މަސް ކިރުވި ދޯނިފަހަރަށް ދޫކުރެވުނު ފައިސާގެ ޖުމުލަ އަދަދަކީ 1,062,678.00 (އެއް މިލިއަން ފަސްދޮޅަސް ދެހާސް ހަސަތޭކަ ހަތްދިހަ އަށެއް) ދިވެހި ރުފިޔާއެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި އެއް ތަނބަކީ މަސްވެރިކަމުގެ ސިނާޢަތެވެ. ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުމާއި، ޘަޤާފަތާއި އަދި އާމްދަނީ ގުޅިފައިވަނީ ކަނޑުފަޅުގެ މުއްސަނދިކަމާއެވެ. ޚާއްޞަކޮށް، ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހި ދޮށީގެ މަސްވެރިކަމަކީ ދިވެހިން ފަޚުރުވެރިވާ އަގުހުރި މަސައްކަތެކެވެ. މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށާއި، މި ސިނާޢަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި، ދަޢުލަތުގެ މަސް ކުންފުނި (މިފްކޯ) މެދުވެރިކޮށް މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި އަންނަނީ ފޯރުކޮށްދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް
ޔަމަނު ސަރަހައްދަށް ސައޫދީ ކޯލިޝަންގެ ހެލިކޮޕްޓަރެއް ވެއްޓި، ދެ ޕައިލެޓުން މަރުވެއްޖެ
11 ގަޑިއިރު ކުރިން

"ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2026" އަށް މިއަހަރުވެސް ރާއްޖެ ނޮމިނޭޓްވެއްޖެ
11 ގަޑިއިރު ކުރިން

އިންޑިއާގައި ދީނީ ފެސްޓިވަލެއްގެ ތެރެއަށް ލޮރީއެއް ވަދެ، 13 މީހަކު މަރުވެއްޖެ
11 ގަޑިއިރު ކުރިން

ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް: ދައުލަތަށް ލިބޭ މާލީ ގެއްލުން
19 ގަޑިއިރު ކުރިން


