
ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕޯޑިއަމްއެއްގައި ވާހަކަފުޅު ދައްކަވަނީ
ރާއްޖޭގެ މާލީ ހާލަތު ދަށަށް ގޮސް، ޑޮލަރުގެ އަގު ކޮންޓްރޯލުން ނެއްޓިއްޖެ: ރައީސް ނަޝީދު

އާމިނަތު ޝަޒްލާ - 19 އޮކްޓޯބަރު 2026 - 10:58
ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ގައުމުގެ މާލީ ހާލަތު ނާޒުކު ފައްތަރަކަށް ވެއްޓިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ރުފިޔާގެ އަގު ދުވަހެއް ދުވަހަކަށް ވެއްޓި، ބޭރު ފައިސާގެ އަގު އަތްނުފޯރާ ފަށަށް އަރަމުންދާ ކަމަށެވެ. އަދި ބޭންކު އެކައުންޓުތަކުގައި ދިވެހި ފައިސާ ހުރި ނަމަވެސް، އެ ފައިސާ ބޭރު ފައިސާއަށް މާރުކުރެވޭނެ އެއްވެސް މަގެއް ނެތި އާންމުންނާއި ވިޔަފާރިވެރިން ގޮތްހުސްވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިކަމުގެ ސަބަބުން ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ފައިސާ ފޮނުވުމުގައްޔާއި، ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ބޭނުންވާ ޒަރޫރީ ޚަރަދުތައް ހަމަޖެއްސުމުގައި އިންތިހާ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖޭގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ނުލިބި، ވިޔަފާރިތައް ހުއްޓުމަކާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ބޭރު ފައިސާގެ ތާށިކަން ހައްލުކުރުމަށް މި ސަރުކާރުން އެކަށައެޅި އެންމެހައި ސިޔާސަތުތަކާއި ފިޔަވަޅުތައް ވަނީ މުޅިން ފެއިލްވެފައި ކަމަށެވެ. އަދި ދައުލަތުގެ ބޭރުގެ ދަރަނިތައް ނުދެއްކި ރާއްޖެ "ޑިފޯލްޓް" ނުވެ މި މަހު ވެސް ކިރިޔާ ސަލާމަތްވެފައިވަނީ އިންޑިއާއިން ދީފައިވާ ކަރަންސީ ސްވަޕް ފެސިލިޓީ އަނބުރާ ދެއްކުމުގެ މުއްދަތު އެ ގައުމުން އިތުރުކޮށްދިނުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދީ މިފަދަ ހައްސާސް އަދި ނާޒުކު ދަނޑިވަޅެއްގައި، މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ބަދަލުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެން ވަޑައިގަންނަވަން ތައްޔާރުވެވަޑައިގަންނަވަނީ ޕާކިސްތާނަށް ކަމަށް ވިދާޅުވެ ނަޝީދު ވަނީ ސަރުކާރުގެ ޚާރިޖީ އަދި މާލީ މިސްރާބާމެދު ސުވާލު އުފައްދަވާފައެވެ.
ރާއްޖޭގެ ރަސްމީ ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ވަނީ 22.50 ރުފިޔާއަށް އަރާފައެވެ. ބޭންކުތަކުން އާންމުންނަށް ދޫކުރާ ޑޮލަރުގެ ލިމިޓު ދަށްކޮށްފައިވުމުގެ ސަބަބުން، ބޭރަށް ފުރާ މީހުންނަށާއި، ބޭސްފަރުވާއަށާއި ތައުލީމަށް ބޭރަށްދާ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައެވެ.
މި ހާލަތު ބަދަލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެންނަން އުޅުނު މަނިޓަރީ ގަވާއިދުތަކަށް ޓޫރިޒަމް ދާއިރާގެ ބޮޑެތި ވިޔަފާރިވެރިންގެ ފަރާތުން ދަނީ ދެކޮޅުވެރިކަން ކުރިމަތިވަމުންނެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް އަންނަނީ ރާއްޖޭގެ ދަރަނީގެ ހާލަތާއި ބޭރު ފައިސާގެ ރިޒާވް ހީނަރުވަމުންދާތީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުން ބަލަން ތިބޭނެ ހެއްޔެވެ؟
7 ގަޑިއިރު ކުރިން
ޔަމަނު ސަރަހައްދަށް ސައޫދީ ކޯލިޝަންގެ ހެލިކޮޕްޓަރެއް ވެއްޓި، ދެ ޕައިލެޓުން މަރުވެއްޖެ
ދުވަހެއް ކުރިން

"ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2026" އަށް މިއަހަރުވެސް ރާއްޖެ ނޮމިނޭޓްވެއްޖެ
ދުވަހެއް ކުރިން

އިންޑިއާގައި ދީނީ ފެސްޓިވަލެއްގެ ތެރެއަށް ލޮރީއެއް ވަދެ، 13 މީހަކު މަރުވެއްޖެ
ދުވަހެއް ކުރިން


