logo

އެކަނިވެރި މައިންބަފައިންނަށް މިދިޔަ މަހު އެހީގެ ގޮތުގައި 17.7 މިލިއަން ރުފިޔާ ދޫކޮށްފި

profile

މުޙައްމަދު ފަޟްލޫން - 09 ސެޕްޓެމްބަރު 2026 - 15:25

ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި މައިންބަފައިންނަށް، މިދިޔަ މަހުގެ ތެރޭގައި އެހީގެ ގޮތުގައި 17.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ހިސާބުތަކުން ހާމަވެއްޖެއެވެ.

https://wamco.com.mv/

އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ހޯދުމަށް މިދިޔަ މަހު އަލަށް 87 ފަރާތަކުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. މީގެ ތެރޭގައި 179 ކުޑަކުދިންނަށް އެހީ ހޯދުމަށް ހުށަހެޅި ހުށަހެޅުންތައް ހިމެނެއެވެ.

މިދިޔަ މަހުގެ ތެރޭގައި އެކަނިވެރި މައިންބަފައިންގެ ގޮތުގައި 3،357 ފަރާތަކަށާއި، 5،206 ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މި އެހީގެ ޖުމްލަ އަދަދަކީ 17،469،000 (ސަތާރަ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ނުވަހާސް) ރުފިޔާއެވެ.

މީގެ އިތުރުން، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން ފަރާތްތަކުން ބަލަހައްޓަމުންދާ 137 ކުދިންނާއި 101 ބެލެނިވެރިއަކަށް، މާލީ އެހީގެ ގޮތުގައި 187،500 (އެއްލައްކަ އަށްޑިހަ ހަތްހާސް ފަސްސަތޭކަ) ރުފިޔާ ވަނީ ދޫކޮށްފައެވެ. މި އެހީއަށް އަލަށް 4 ބެލެނިވެރިއަކު މިދިޔަ މަހު ވަނީ އެދިފައެވެ.

އެންސްޕާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު މައުލޫމާތުތަކަށް ބަލާއިރު:

  1. ފަގީރު ހާލަތުގައި ދިރިއުޅޭ 655 ފަރާތަކަށް ކާބޯތަކެތި ހޯދުމުގެ މާލީ އެހީގެ ގޮތުގައި 26،200 ރުފިޔާ ދޫކޮށްފައިވެއެވެ.
  2. ތެލެސީމިއާ އެލަވަންސްގެ ގޮތުގައި 535 ފަރާތަކަށް ޖުމްލަ 1،070،000 (އެއް މިލިއަން ހަތްދިހަ ހާސް) ރުފިޔާ ދޫކޮށްފައިވާއިރު، އަލަށް 4 ފަރާތަކަށް ވަނީ މި އެލަވަންސް ހަމަޖައްސައިދީފައެވެ.

އެންސްޕާއަކީ މުޖުތަމައުގައި މާލީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ އެކި ފަރާތްތަކަށް އަމާޒުކޮށްގެން، ތަފާތު ގިނަ ޕްރޮގްރާމްތަކެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިދާރާއެކެވެ.

https://wamco.com.mv/
tel:+9607331319