
ބޮޑު އޮޕަރޭޝަނެއް: މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް!

އާމިނަތު ޝަޒްލާ - 07 ސެޕްޓެމްބަރު 2026 - 12:21
މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ފ. މަގޫދޫ, ހަނދުވަރީގެ، ޢުމުރުން 25 އަހަރުގެ އިސްމާޢީލް އިޒްހާން އަދި ލ. އިސްދޫ , ހުސްނޫގެ، ޢުމުރުން 21 އަހަރުގެ އާމިނަތު ރުޝްދާއެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1 ގެ ވެމްކޯ ބުރިޖު ކައިރިންނެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. އެގޮތުން، އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 140.03 ގުރާމުގެ ތަކެއްޗާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެހެނިހެން އެއްޗެހިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އިސްމާޢީލް އިޒްހާން 15 ދުވަހުގެ މުއްދަތަށް އަދި އާމިނަތު ރުޝްދާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، އެ ތަކެތީގެ ވިޔަފާރިކުރުން ހުއްޓުވުމަށްޓަކައި ފުލުހުންނާއި ދަޢުލަތުގެ ކަމާބެހޭ އެކި އިދާރާތައް ގުޅިގެން ހުއްޓުމެއްނެތި ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ހިމަބިހި ޖެހުނު މީހުންގެ އަދަދު 264 އަށް އަރައިފި
11 މިނިޓު ކުރިން

މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފި
13 މިނިޓު ކުރިން

ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީ އިން ފަށައިފި
14 މިނިޓު ކުރިން

ރިޔާސީ ޕްރައިމަރީގައި ތާއީދުކުރައްވަނީ ފައްޔާޒް އަށް: ރައީސް ނަޝީދު
15 މިނިޓު ކުރިން


