logo

"ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ މަތީގައެވެ"

profile

މުހައްމަދު މުޝްރިފް - 02 ޑިސެމްބަރު 2025 - 12:39

ކުޑަ ކުއްޖެއްގެ ތުއްތު ތުއްތު މައުޞޫމް ހިނިތުންވުމާއި، ޠާހިރުކަން ފެނުމުން، އެކުއްޖާގެ ތަބީޢަތުގައި ހިމެނޭ އެންމެ އަސާސީ ސާފުކަން އިޙްސާސް ނުކުރެވޭ ތޯއެވެ؟ އިސްލާމްދީނުގައި މި ޠާހިރު އަސްލަށް ނިސްބަތްކުރަނީ 'ފިޠުރަތު'ގެ ނަމުންނެވެ. އެއީ ކޮންމެ އިންސާނަކު ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަމަށް ހެކިވުމަށް ތައްޔާރުކުރެވިފައިވާ ގުދުރަތީ އަސްލެވެ. ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވެއެވެ.

https://wamco.com.mv/

﴿ فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ اللَّهِ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ﴾

މާނައީ: " ފަހެ، ބާޠިލު މަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބަޢަ ވެގެންވާ ޙާލު، ކަލޭގެފާނުގެ މޫނުފުޅު އިސްލާމް ދީނާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ ފިޠުރަތެއްގެ މައްޗަށް އުފެއްދެވި ﷲގެ ފިޠުރަތެވެ. ﷲ އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ." (سورة الروم: 30)

އަދި މިކަމުގެ މައްޗަށް ބާރުއަޅުއްވައި، ރަސޫލުﷲ ﷺ ޙަދީޘްފުޅު ކުރެއްވިއެވެ. "ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ މަތީގައެވެ. ދެން އޭނާގެ މައިންބަފައިން އޭނާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީއެވެ." (ބުޚާރީ އަދި މުސްލިމް). މި ޙަދީޘްފުޅުން ސާބިތުވަނީ ފިޠުރަތަކީ ޠާހިރު ކަމެއް ކަމާއި، އެއަށް އަންނަ ބަދަލުތައް މާޙައުލާ ގުޅިފައިވާ ކަމެވެ.

ފިޠުރަތުގެ އަސަރު ބުއްދީގެ މިންގަނޑުން

އަޅުގަނޑުމެންގެ ބުއްދި ބޭނުންކޮށްގެން ފިޠުރަތަށް ވިސްނާލުމަކީ ވަރަށް މުހިންމު ކަމެކެވެ. ދުނިޔޭގެ އެކި ޤައުމުތަކާއި، އެކި ޘަޤާފަތްތަކުގައި ވެސް އަނިޔާވެރިކަމަށް ނުރުހުމާއި، ތެދުވެރިކަމަށް ލޯބިކުރުމާއި، އިންސާފަށް އެދުން ފަދަ އަސާސީ އަޚްލާޤީ ސިފަތަކެއް ހުރެއެވެ. މިފަދަ ހަމަތަކަކީ އެއްވެސް މީހަކު އުނގަންނައި ނުދިން ކަމުގައިވިޔަސް، ކޮންމެ އިންސާނެއްގެ ތަބީޢަތުގައި ވެސް ހިމެނޭ ހަމަތަކެއް ކަން ސާބިތުވެއެވެ. މިއީ ފިޠުރަތުގެ ލޮގިކަލް ނުވަތަ ބުއްދީގެ ދަލީލުތަކެވެ. ކޮންމެ އިންސާނެއްގެ ހިތުގައި ވެސް ހަމަޖެހުމާއި، އަމާންކަމަށް ޓަކައި ﷲ އާއި ގާތްވާން ބޭނުންވާ ޠަބީޢަތެއް ލައްވާފައިވެއެވެ.

ޢިލްމީ ދިރާސާތަކުން ފިޠުރަތަށް ބާރުލިބުން

ޒަމާނީ ސައިންސުގެ ދާއިރާ، ޚާއްޞަކޮށް ކުޑަކުދިންގެ ސައިކޮލޮޖީ (Child Psychology) އަދި ނިއުރޯސައިންސް (Neuroscience - ސިކުނޑީގެ ޢިލްމު) އިން ވެސް މި ވިސްނުމަށް ތާއީދުކުރާ ނުކުތާތައް ފެންނަން އެބަހުއްޓެވެ. ދިރާސާތަކުން ދައްކާގޮތުގައި، ކުޑަކުދިންގެ ފަރާތުން ފެންނަ ބައެއް ޢަމަލުތަކަކީ އުނގެނުމަކާ ނުލައި (Innate) ލިބިފައިވާ ސިފަތަކެކެވެ. މިސާލަކަށް، އަނެކާގެ ވޭނާއި ހިތާމަ ނުވަތަ އުފާވެރިކަން އިޙްސާސްކުރުމުގެ ސިފަ ކަމުގައިވާ (އެމްޕެތީ) ރަޙުމުކުރުމަކީ ކުއްޖާގެ ތަބީޢަތުގައި ހިމެނޭ ސިފައެކެވެ.

ސައިކޮލޮޖީ އިލްމުގައި އިންސާނާ ބިނާވާ ގޮތަށް ބަލާއިރު ގުދުރަތީ އަސްލާއި މާޙައުލުގެ އަސަރު (ނުވަތަ Nature vs. Nurture) ގެ ވާހަކަ ދެކެވެއެވެ. ފިޠުރަތަކީ 'ނެޗަރ' ނުވަތަ ގުދުރަތީ އަސްލު ކަމަށްވާއިރު، ޙަދީޘްފުޅުގައި ބަޔާންކުރައްވާފައިވާ މައިންބަފައިންގެ ދައުރަކީ 'ނަރޗަރ' ނުވަތަ މާޙައުލުގެ އަސަރެވެ. މިއީ ސައިންސާއި ދީނުގެ ވިސްނުން އެއްގަލަކަށް އަރާ މުހިންމު ނުކުތާއެކެވެ. ފިޠުރަތުގެ މަތީގައިވާ ކުދިންނަށް، މައިންބަފައިންގެ ނުވަތަ މުޖުތަމަޢުގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން، ﷲގެ އެއްކައުވަންތަކަމާ ދެކޮޅު ނުވަތަ އަޚްލާޤީ ގޮތުން ނުބައި ގޮތްތަކަށް ލެނބިގެން ހިނގައިދާނެއެވެ.

ފިޠުރަތު ރައްކާތެރިކުރުމުގެ ޒިންމާ

މިއަދު އަޅުގަނޑުމެން އެންމެންގެ މައްޗަށް ވާޖިބުވެގެންވާ އެންމެ މުހިންމު ޒިންމާއަކީ، މި ޠާހިރު ފިޠުރަތަށް ހުށަހެޅޭ ނުރައްކާތެރި ކަންކަމުން އެކުދިން ސަލާމަތްކުރުމެވެ. މައިންބަފައިންނާއި މުދައްރިސުންގެ ޒިންމާއަކީ، ކުދިންގެ ވިސްނުމުގައި ﷲގެ އެއްކައުވަންތަކަމުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ރިވެތި އަޚްލާޤު އާލާކުރުމެވެ. މި ދުނިޔޭގައި އިންސާފާއި، އަމާންކަން ޤާއިމުކުރެވޭނީ، ފިޠުރަތާ އެއްގޮތަށް ޠާހިރުވެފައިވާ ޖީލެއް ބިނާކޮށްގެންނެވެ.

ކުރުކޮށް ދަންނަވާނަމަ ފިޠުރަތަކީ ހުރިހާ އިންސާނުންގެ ހިތްތަކުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވާފައިވާ އަޞްލެވެ. މި ޠާހިރުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ އަހަރެމެންގެ އީމާންތެރިކަން ވަރުގަދަ ކުރުމެވެ. ވީމާ، އަޅުގަނޑުމެންގެ ކުދިންގެ ޠާހިރު ހިތްތައް ބެލެހެއްޓުމަށް ވަގުތާއި އަޅާލުން ދިނުމަކީ ﷲގެ ޙަޟުރަތުގައި އަހަރެމެންގެ ޒިންމާއެވެ.

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ޞައްޙަ ގޮތް އިޚްތިޔާރުކޮށް، ފިޠުރަތަށް އަނބުރާ ރުޖޫޢަވުމަށް މަސައްކަތް ކުރަމާތޯއެވެ! އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އިންސާނެއްގެ ގޮތުގައި ދެއްވި އެންމެ އަގުބޮޑު ހަދިޔާއެވެ. ވީމާ، އަޅުގަނޑުމެންގެ ކުދިންގެ ޠާހިރު ހިތްތައް އިސްލާމްދީނުގެ ހިދާޔަތުން ދުރުނުކުރުމަށް ވަށައިގެންވާ މާޙައުލު ރަނގަޅުކުރުމަށް އަޒުމު ކަނޑައަޅަމާތޯއެވެ! وَمَا تَوْفِيقِي إِلَّا بِاللَّـهِ!

https://wamco.com.mv/
https://eportal.mwsc.com.mv/e-pay