logo

ރައީސް ވިދާޅުވެ ދެއްވީ ކާމިޔާބަށް ވާސިލުވެވޭނެ ގޮތް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 25 އޯގަސްޓު 2024 - 22:20

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ނުގުޑާ ފަދަ އަޒުމެއްގައި ހިތްވަރާ އެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބުނުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް ކަމަށްވާ މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރެން 100 ދުވަސް ގުނުން ފާހަގަކުރުމާއި، "ސައްތަވީ ބިނާ" އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މަޖީދިއްޔާ ސްކޫލްގައި ސާނަވީ ތައުލީމު ހާސިލުކުރެއްވި ރައީސް ޑރ. މުޙައްމަދު މުއިއްޒު، އެމަނިކުފާނުގެ ވާހަކަފުޅު ފެއްޓެވީ ސްކޫލް ދުވަސްވަރުގެ ހަނދާންތައް އައުކުރައްވަމުން ނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ އެ ސްކޫލްގެ މޮޓޯ އާއި އެއްގޮތަށް މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށެވެ.

"މި ސްކޫލްގެ މޮޓޯގައި މިވަނީ އެކަމުގެ ވަރަށް ވަރުގަދަ މެސެޖެއް. ހިތްވަރާ އެކީގައި ނުގުޑާ ފަދަ އަޒުމެއްގައި ބުރަ މަސައްކަތްތަކެއް ކޮށްފިއްޔާ އުނދަގޫ އެއްވެސް ކަމެއް ނުވާނެ. ކާމިޔާބު ނުވާނެ އެއްވެސް ކަމެއް ނުވާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއީ ހަމައެކަނި ތައުލީމީ ހަޔާތަށް އޮތް މެސެޖެއް ނޫނެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ހަޔާތުގައި ކުރާ ކޮންމެ ކަމެއްގައި ވެސް އަމަލުކުރަން ޖެހޭ ގޮތް ކަމަށެވެ.

" ﷲ އަންގަވާފައިވަނީ އަޅުންނަށް ހިތްމަތާއެކީގައި މަސައްކަތްކުރާށޭ. އަޅުންނަށް އޮތީ މަސައްކަތް ކުރުން. އެމީހެއްގެ ކެރިކުޅަދާނަކަން ހުރި އެންމެ މަތީ މިންވަރަކަށް މަސައްކަތް ކުރުމަށްފަހު ﷲގެ ހަޒުރަތުގައި ވަކީލުކުރަންވީ. އެ އަޒުމުގައި މަސައްކަތް ކޮށްފިއްޔާ އިރާދަކުރެއްވިއްޔާ ކާމިޔާބު އެއީ ޔަގީންކަމެއް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، "ހިންމަތާއި ވަރުގަދަ އަޒުމެއްގައި ބުރަ މަސައްކަތް ކޮށްފިނަމަ ކާމިޔާބު ނުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެކަން ފާހަގަކުރައްވަމުން ރައީސް ގޮވާލެއްވީ މަޖީދިއްޔާގެ މޮޓޯއާއި އެއްގޮތަށް ގަދައަޅައި މަސައްކަތް ކުރުމަށެވެ.

"އެހެންމަ އަޅުގަނޑުމެން ކޮންމެ މީހެއްގެ އަޒުމަކަށް ވާންވީ އެމީހެއްގެ ހަޔާތުގައި އަދި އެމީހުންގެ ފަރާތުން އަނެކާއަށް ކަމެއް ކޮށްދިނުމުގައި އަދި އެމީހެއްގެ ފަރާތުން މުޖުތަމައުއަށް ކަމެއް ކޮށްދިނުމުގައި އަދި އެމީހެއްގެ ފަރާތުން ގައުމަށް ކަމެއް ކޮށްދިނުމުގައި މި އަޒުމުގައި މަސައްކަތް ކުރުން. " ރައީސް ވިދާޅުވި އެވެ.

tel:+9607331319