logo

އަހުލާގީ ދަންމަރު އަލުން ރާއްޖޭގައި ހުޅުދާންކުރާނަން: ރައީސް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 04 ސެޕްޓެމްބަރު 2024 - 13:35

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ދިވެހި އަހުލާގީ ދަންމަރު އަލުން މި ރާއްޖޭގައި ހުޅުދާންކުރައްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގައި އިސްލާމީ އަހުލާގާއެކު އެކު އިސްލާމީ ދިވެހި އާދަކާދަވެސް ދިރުވައި އާލާކުރަން ޖެހޭ ކަމަށެވެ. އަދި އެކަމުގައި ދިވެހިންގެ ތާރީހުން ވެސް ދައްކަނީ އާދަޔާ ހިލާފު ރީތި ނަމޫނާއެއް ކަމަށެވެ.

ހަމައެއާއެކު، ދިވެހިންގެ އަމިއްލަވަންތަކަން އިޔާދަކުރުމަށް ކުރީގެ ރިވެތި ސފަތައް ބޭނުންވާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

"ފަތިހު ހޭލާ ދިވެހި ޤައުމެއް ބޭނުން. ހެނދުނާއި ދެ ނަމާދު ދޭތެރޭ ކީރިތި ގުރުއާން ކިޔެވުމުގައި ކުޑަ ކުދީން ޝައުޤުވެރިކަމާއެކު އުޅޭ ދިވެހި ޤައުމެއް އަޅުގަނޑު ދެކެން ބޭނުން. ފަރުޟު ނަމާދުގެ ޖަމާޢަތްތައް ބައިބޯކޮށް ފެންނަން ބޭނުން. އެކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން އަޅުގަނޑުމެން ކުރެ ކޮންމެ ދިވެއްސަކަށް އިޙްސާސްވާން ބޭނުން. ހަމައެހެންމެ މިސްކިތްތަކަށް އިހުގައި ކުރި އިޙްތިރާމު އަލުން ގެންނަން ބޭނުން" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެ ސިފަތައް އާލާކުރުމަށް ކޮންމެ މީހަކުވެސް އަމިއްލަ ނަފުސާ ހަމައިން ފެށިގެން އާއިލާއަށާއި ގާތް މީހުންގެ ކިބައިގައި އެ ސިފަތައް އަށަގެންނެވުމަށް ބާރުއެޅުމަށް އެދިވަޑައިގެންފަ އެވެ.

ކަސިޔާރު ފިކުރީ ރާޅުތަކުން ޤައުމުގެ އެކި ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭކަމުގައި ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެކަމުގައި ކޮންމެ ބެލެނިވެރިއެއް، ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތަކު އިސްނަގަންޖެހޭ ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ގައުމިއްޔަތު ހިމާޔަތްކޮށް އިޔާދަކުރުމަށް އަޒުމު ކަނޑައަޅާ އެންމެން އެކަތިގަނޑަކަށް ވެ މަސައްކަތްކުރުމަށް ބާރުއަޅުއްވަމުން ނެވެ.

tel:+9607331319