logo

ކުންފުނިތަކުގެ ޖަލްސާ ބާއްވާން ނޯޓިސް ދޭ މުއްދަތު ކުރުކުރާ އިސްލާހް ތަސްދީގުކުރައްވައިފި

profile

އައިޝަތު އިނާޝާ - 19 ސެޕްޓެމްބަރު 2024 - 01:00

ރައީރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު- ފޮޓޯ: ރައީސް އޮފީސް

ރައީރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު- ފޮޓޯ: ރައީސް އޮފީސް

ސަރުކާރާއި އާންމު ކުންފުނިތަކުގެ ޖަލްސާ ބާއްވާން ނޯޓިސް ދޭ މުއްދަތު ކުރުކޮށް، ގާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ، 2024 ސެޕްޓެމްބަރ 17 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވެވި 3 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާހާއެކު ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދަޢުވަތު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތު 3 ދުވަހަށް ބަދަލުކޮށް އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 3 މަސް ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހޭނެ ކަމުގައި ކަނޑައަޅާފައިވާ މުއްދަތު 10 ދުވަހަށް ބަދަލުކޮށްފައި ވެއެވެ.

މި އިސްލާހުގައި ޕްރައިވެޓް ކުންފުނިތަކުން ޚާއްޞަ ޢާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވުމަށް ކަނޑައަޅާފައިވާ މުއްދަތު މަދުވެގެން 7 ދުވަސް ކުރިން ފޮނުވަން ޖެހޭގޮތަށް ބަދަލުކޮށް، ޕަބްލިކް ކުންފުނިތަކުން ޚާއްޞަ ޢާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ، މަދުވެގެން 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވަން ކަނޑައަޅާފައިވާ މުއްދަތުވެސް މަދުވެގެން 7 ދުވަސްކުރިން ނޯޓިސް ފޮނުވަން ޖެހޭގޮތަށް ވަނީ ބަދަލުކޮށްފައެވެ.

މި އިޞްލާޙުގައި ވާގޮތުން ކޮންމެ ޕަބްލިކް ކުންފުންޏެއްގައި، މަދުވެގެން 2 ޑިރެކްޓަރުން ތިބެންވާނެ ކަމަށާއި ކޮންމެ ސަރުކާރުގެ ކުންފުންޏަކާއި، ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން 3 ޑިރެކްޓަރުން ތިބެންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެހެން ޤާނޫނެއްގައި، ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ޤާނޫނެއްގައި ނުވަތަ ޤަރާރެއްގައި، ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި، އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ ޢަދަދު އިތުރުކުރުމަށް މިމާއްދާ ހުރަސް ނާޅާނެކަމަށް ކަނޑައަޅާފައިވެއެވެ.

އަދި ރަޖިސްޓްރާގެ އެންގުމެއް ކުންފުންޏަކަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި ޑިރެކްޓަރުން ޢައްޔަން ކުރުމަށް ދީފައިވާ މުއްދަތު 10 ދުވަހަށް ބަދަލުކޮށް، އެ މަޢުލޫމާތާއެކު ރަޖިސްޓްރާއަށް އަންގަންޖެހޭނެ ކަމަށް ކަނޑައަޅައި، ރަޖިސްޓަރާގެ އެންގުމެއް ކުންފުންޏަކަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި މެނޭޖިންގ ޑިރެކްޓަރެއް ޢައްޔަން ކުރުމަށް ދީފައިވާ މުއްދަތު 10 ދުވަހަށް ބަދަލުކޮށް، އެ މަޢުލޫމާތާއެކު ރަޖިސްޓްރާއަށް އަންގަންޖެހޭނެ ކަމަށް ކަނޑައަޅައިފައިވެއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ ބުދަދުވަހު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

tel:+9607331319