logo

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފް އައްޔަން ކުރައްވައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 18 ސެޕްޓެމްބަރު 2024 - 12:13

ޕީޖީގެ މަގާމަށް އައްބާސް ޝަރީފް އައްޔަނުކުރުން (ފޮޓޯ/ ރައީސް އޮފީސް)

ޕީޖީގެ މަގާމަށް އައްބާސް ޝަރީފް އައްޔަނުކުރުން (ފޮޓޯ/ ރައީސް އޮފީސް)

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ހ. ޔެލޯރޯސް އައްބާސް ޝަރީފް އައްޔަނު ކުރައްވައިފިއެވެ.

ޕީޖީގެ މަގާމަށް އައްބާސް އައްޔަނުކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ މަގާމަށް އައްބާސް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެ ދައުރުން ބޭރުން ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ. ޕީޖީގެ މަގާމަށް އައްބާސް އައްޔަނުކުރަން ފާސްވީ 85 މެމްބަރުންގެ ވޯޓާ އެކުއެވެ.

ޕީޖީކަމަށް އައްޔަނުކުރެއްވުމުގެ ކުރިން އައްބާސް ހުންނެވީ ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒްގެ މަގާމުގައެވެ. އަދި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝިއަލް ސާރވިސް އޮތޯރިޓީގެ ގަވަނިން ބޯޑުގެ މެންބަރުކަން ވެސް ކުރެއްވިއެވެ.

އައްބާސް ޝަރީފް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވަނީ 2011 ވަނަ އަހަރުއެވެ. ފަނޑިޔާރަކަށް އައްޔަނުކުރެއްވުމުގެ ކުރިން އޭނާ މަޝްހޫރުވެފައިވަނީ ކުޅަދާނަ ވަކީލެއްގެ ގޮތުގައެވެ.

ރާއްޖޭގެ ހުރިހާ މަރުހަލާއެއްގެ ޝަރުއީ ކޯޓުތަކުގައި ވަކަލާތު ކުރެއްވި އައްބާސް ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމުގެ ވަކީލުކަން ވެސް ކުރައްވާފައެވެ.

2015 ވަނަ އަހަރު ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވުމަށްފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަބުރުފުޅާ އެމްޑީޕީން ބެހުނު މައްސަލައެއްގައި އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި އުޅުއްވި އައްބާސް ވަނީ، 2018 ގެ ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައިވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރައްވާފައެވެ.

tel:+9607331319